181ވަނަ ޤަވާޢިދު (ޖުމްލަ 189): (فِي) لِلظَّرْفِيَّةِ الـحَقِيْقِيَّةِ أَوْ الـمَجَازِيَّةِ
މި ޤަވާޢިދުގެ ތަރުޖަމާ: {فِي ބޭނުންކުރެވެނީ، ޙަޤީޤީ ގޮތުން ނުވަތަ މަޖާޒީ ގޮތުން ظَرْفُ ގެ މާނައިގައި}
މި ޤަވާޢިދުގެ މުރާދު: فِي (ގައި) އަކީ، އޭގެ ފަހުން އޮންނަ ލަފްޒުގައި އިބިފިލިޖައްސައިދޭ ޙަރުފެކެވެ. ބަހަވީ ގޮތުން ބޭނުންކުރުމުގައި فِي ޙަރުފަކީ، އެތަކެއް މާނައެއްގައި އަންނަ ޙަރުފެކެވެ. އެ ތަނުން އެންމެ މަޝްހޫރު މާނައަކީ، الظَّرْفِيَّةُ (ظَرْفُ އަކަށްވުން) އެވެ. ظَرْفُ އަކަށްވުމަކީ، އެއްޗެއް އެހެން އެއްޗެއްގެ ތެރޭގައި އިސްތިޤުރާރުވެ ހަމަޖެހުމެވެ. ނުވަތަ އެއްޗެއް އެހެން އެއްޗެއްގެ ޒަމާނަކަށް ނުވަތަ ތަނަކަށް ވުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޢަރަބިބަހުގެ އަޞްލުގައި، فِي ޙަރުފު ބޭނުންކުރެވެނީ، އެހެން އެއްޗެއްގެ ތެރޭގައި އިސްތިޤުރާރުވެގެންވާ ޙަޤީޤީ އެއްޗަކަށް ނުވަތަ މަޖާޒީ އެއްޗަކަށް ދަލީލުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلاَ تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ) (ސޫރަތުލްބަޤަރާ: 187 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން މިސްކިތުގައި އިޢުތިކާފަށް ތިބޭއިރު، އެ ކަނބަލުންނާ އެއްދާން ނުކުރާހުށިކަމެވެ!] މި އާޔަތުން، މިސްކިތުގައި އިނުމީ އިޢުތިކާފުގެ ޝަރުޠެއްކަމަށް ދަލީލުކޮށްދެއެވެ. އެހެނީ، މި ތަނުގައި فِي ބޭނުންކުރެވިފައިވުމުން އެނގެނީ، އިޢުތިކާފުގެ ޙަޤީޤަތަކީ، އިޢުތިކާފު ކުރާ މީހާ (އެބަހީ، الـمَظْرُوفُ)، މިސްކިތުގެ ތެރޭގައި (އެބަހީ، الظَّرْفُ ގައި) ހުރުން ކަމެވެ.
182ވަނަ ޤަވާޢިދު (ޖުމްލަ 189): (كُلَّمَا) لِلتَّكْرَارِ
މި ޤަވާޢިދުގެ ތަރުޖަމާ: {كُـلَّمَا ބޭނުންކުރެވެނީ، ތަކުރާރުގެ މާނައިގައި}
މި ޤަވާޢިދުގެ މުރާދު: كُـلَّمَا (ކޮންމެ ފަހަރަކު) އިން ލާޒިމުކުރަނީ، ތަކުރާރުވުމެވެ. އެބަހީ، ޝަރުޠު ތަކުރާރުވުމުން، ޝަރުޠުކުރެވޭ ކަންތައް ހިނގުން ތަކުރާރުވުމެވެ. އެހެން ޢިބާރާތަކުންނަމަ، ޝަރުޠު ތަކުރާރުވާ ކޮންމެ ފަހަރަކު، ޝަރުޠުގެ ޖަވާބު ތަކުރާރުވުމުގައި ދެމިއޮތުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا) (ސޫރަތު ނޫޙު: 7) މާނައީ: [އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (އީމާންވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (ކާފިރުކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ.] މި އާޔަތުގައިވާ [كُـلَّمَا] އިން ދަލީލުކޮށްދެނީ، ނޫޙުގެފާނު އެފަދައިން ޢަމަލުކުރައްވާ ކޮންމެ ފަހަރަކު ތަކުރާރުކޮށް އެބައިމީހުން ވެސް އެފަދައިން ކަންކުރުމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =