[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 167

183ވަނަ ޤަވާޢިދު (ޖުމްލަ 189): (لَوْلَا) تَدُلُّ عَلَى امْتِنَاعِ الشَّيْءِ لِوُقُوعِ غَيْرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {لَوْلَا އިން ދަލީލުކޮށްދެނީ، އެއްޗެއް، އެހެން އެއްޗެއް މެދުވެރިވުމުން މަނާވެގަތުން}

މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި لَوْلَا (ނުވާނޭނަމަ) ޙަރުފަކީ، ކަމެއް ވުޖޫދުވުމުން، ކަމަކުން މަނާވެގަތުމަށް ބޭނުންކުރެވޭ ލަފްޒެކެވެ. އެއިން ދޭހަކޮށްދެނީ، ޝަރުޠު ވުޖޫދުވުމުން، ޖަވާބު މެދުވެރިވުން މަނާވެގަތުމުގެ މާނައެވެ.

ދެން ފަހެ، لَوْلَا ޙަރުފު، ނަމަކުން ފެށޭ ޖުމްލައަކަށް ވެސް ވަދެދާނެއެވެ. އަދި ކަމަކުން ފެށޭ ޖުމްލައަކަށް ވެސް ވަދެދާނެއެވެ. އެހެންނަމަވެސް، މި ޤަވާޢިދުގައި މި ވާހަކަދެކެވެނީ، ނަމަކުން ފެށޭ ޖުމްލައަކަށް އެ ވަނުމާ ގުޅޭ ގޮތުންނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ)) މާނައީ: [އަހުރެންގެ އުއްމަތުގެ މީހުންނަށް ބުރަޔަކަށް ނުވާނޭނަމަ، ކޮންމެ ނަމާދަކަށް ދަތްއުނގުޅުމަށް އަހުރެން އަމުރުކުރީމުހެވެ.] މި ޙަދީޘުން، ކޮންމެ ފަރުޟުނަމާދެއްގެ ވަގުތު ދަތްއުނގުޅުމީ ވާޖިބެއް ނޫން ކަމާއި، އެއީ މަންދޫބު ކަމެއްކަމަށް ދަލީލު ނެގެއެވެ. ސަބަބަކީ، އެއީ ވާޖިބެއް ކަމުގައި ވީނަމަ، އެ ކަމަށް އެ ކަލޭގެފާނު އަމުރުކުރެއްވީހެވެ. އެއީ، ބުރަޔަކަށް އަދި ދަތިއުނދަގޫ ކަމަކަށް ވިޔަސް ނުވަތަ ނުވިޔަސް މެއެވެ. ހަމައެހެންމެ، [لَوْلَا] ބޭނުންކުރައްވައިގެން އެ ކަމުން މަނާވެވަޑައިގެންނެވުމުން ދަލީލުކޮށްދެނީ، އެ ކަން ވާޖިބު ނޫން ކަމެވެ.

184ވަނަ ޤަވާޢިދު (ޖުމްލަ 189): (أَوْ) مَوْضُوعَةٌ لِأَحَدِ الشَّيْئَيْنِ أَوْ الأَشْيَاءِ

މި ޤަވާޢިދުގެ ތަރުޖަމާ: {أَوْ ބޭނުންކުރެވެނީ، ދޭތިންކުރެ ނުވަތަ އެއްޗެހިތަކަކުންކުރެ އެކައްޗަށް}

މި ޤަވާޢިދުގެ މުރާދު: أَوْ (ނުވަތަ) ޙަރުފު ޢަރަބިބަހުގައި ބޭނުންކުރާއިރު، އެތަކެއް މާނަތަކެއްގައި އާދެއެވެ. އެ ތަނުން އެންމެ މަޝްހޫރު މާނައަކީ، ދޭތިންކުރެ ނުވަތަ އެއްޗެހިތަކަކުންކުރެ އެކަތީގެ މާނައެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، أَوْ ޙަރުފަކީ، ޢަރަބިބަހުގެ އަޞްލުގައި، ދޭތިންކުރެ އެކައްޗަށް، ނުވަތަ އެއްޗެހިތަކަކުންކުުރެ އެކައްޗަށް ދަލީލުކޮށްދިނުމުގެ ގޮތުން ބޭނުންކުރަން ކަނޑައެޅިފައިވާ ލަފްޒެއް ކަމުގައެވެ. މިއީ، ނަޙޫއާއި އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި ގިނަ މުޙައްޤިޤުންގެ ރައުޔު ވެސް މެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ) (ސޫރަތުލްބަޤަރާ: 196 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެ ކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން ފިދުޔައެއް ދިނުން ހުށްޓެވެ.] މި އާޔަތުން، އިޙްރާމްބަނދެގެން ހުންނަމީހާ ބޯބާލައިފިނަމަ، ދޭންޖެހޭ ކައްފާރާ އަދާކުރުމުގައި އިޚްތިޔާރު ލިބިގެންވާކަމަށް ދަލީލުކޮށްދެއެވެ. ސަބަބަކީ، މި އާޔަތުގައި ބޭނުންކުރައްވާފައިވާ [أَوْ] އިން ދަލީލުކޮށްދެނީ، އާޔަތުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން ބޭނުން ކޮންމެވެސް ކަމެއް އިޚްތިޔާރުކޮށް، އެ ކަންތައް ފިދުޔައިގެ ގޮތުގައި ކުރުން ހުއްދަކަމެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =