[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 168

185ވަނަ ޤަވާޢިދު (ޖުމްލަ 189): (لَكِنْ) لِلْاِسْتِدْرَاكِ

މި ޤަވާޢިދުގެ ތަރުޖަމާ: {لَـكِنْ ގެ ބޭނުމަކީ އިސްތިދުރާކު ކުރުން}

މި ޤަވާޢިދުގެ މުރާދު: އިސްތިދުރާކު ކުރުމަކީ، ދެކެވުނު ވާހަކައިން އުފެދިދާނޭ ވަހުމެއް ފިލުވައިލުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، لَـكِنْ (އެހެނެއްކަމަކު) ޙަރުފުގެ ބޭނުމަކީ އެއީ ކަމުގައެވެ. އެ ގޮތުގެ މަތިން، އޭގެ ފަހުން އޮތް ވާހަކައަށް، އޭގެ ކުރިން އޮތް ވާހަކަޔާ ތަފާތު ޙުކުމެއް ސާބިތުކުރާނެއެވެ. އޭގެ ކުރިން އޮތީ، ނަފީކުރުމެއް ކަމުގައި ވާނަމަ، އޭގެ ފަހުން އޮންނާނީ ސާބިތުކުރުމެއް ކަމުގައި ހަދާނެތެވެ. އަދި އޭގެ ކުރިން އޮތީ، ސާބިތުކުރުމެއް ކަމުގައި ވާނަމަ، އޭގެ ފަހުން އޮންނާނީ ނަފީކުރުމެއް ކަމުގައި ހަދާނެތެވެ. މިއީ، ނަޙޫއާއި އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْـتِـزَاعًا يَنْـتَـزِعُهُ مِنَ النَّاسِ، وَلَـكِنْ يَقْبِضُ العِلْمُ بِقَبْضِ العُلَمَاءِ، فَإِذَا لَمْ يَبْقَ عَالِمٌ، اتَّـخَـذَ النَّاسُ رُؤُوْسًا جُـهَّالاً، فَسُئِلُوا، فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا)) މާނައީ: [ހަމަކަށަވަރުން، ﷲ، މީސްތަކުންގެ ކިބައިން ނިގުޅައިގެންނެވުމަކުން ނިގުޅައިގެން ޢިލްމު ނުގެންދަވަތެވެ. އެހެނެއްކަމަކު، ޢިލްމު ގެންދަވަނީ، ޢިލްމުވެރިންގެ މަރު ހިއްޕަވައިގެންނެވެ. ފަހެ، ޢިލްމުވެރިޔަކު ބާކީ ނެތްހިނދު، މީސްތަކުން ޢިލްމުވެރިންގެ ގޮތުގައި ޖާހިލުން ނަގާނެތެވެ. ދެން، އެއުރެންނާ ސުއާލުވެވޭނެތެވެ. އަދި އެއުރެން ޢިލްމު ނެތި ފަތުވާ ދޭނެތެވެ. އަދި އެއުރެން މަގުފުރެދޭނެތެވެ. އަދި އެހެން މީހުން ވެސް މަގުފުރައްދާނެތެވެ.] މި ޙަދީޘުގައި [لَـكِنْ] ބޭނުންކުރެވިފައި އެ ވަނީ، މުޠުލަޤުކޮށް ޢިލްމު އުފުއްލެވިގެން ނުދާނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ. އަދި ހަމައެހެންމެ، ޢިލްމު އުފުއްލެވިގެންދާނީ ޢިލްމުވެރިން އުފުއްލެވިގެންކަން (އެބަހީ، މަރުގެންނެވިގެންކަން) ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

186ވަނަ ޤަވާޢިދު (ޖުމްލަ 189): حَرْفُ (لَا) لِلنَّفْيِ

މި ޤަވާޢިދުގެ ތަރުޖަމާ: {لَا ޙަރުފު ބޭނުންކުރެވެނީ، ނަފީކުރުމަށް}

މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި ބޭނުންކުރާ ގޮތަށް ބަލާއިރު، لَا (ނޫން) ޙަރުފު އެތަކެއް މާނައެއްގައި އާދެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު މާނައަކީ، ނަފީކުރުމުގެ މާނައެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޢަރަބިބަހުގެ އަޞްލުގައި، لَا ޙަރުފު ބޭނުންކުރެވެނީ، ކަމެއް ނަފީކުރުމަށް ކަމުގައެވެ. އެ ގޮތުން، އެ ޙަރުފު ފިޢުލެއްގެ ކުރިޔަށް އަތުވެއްޖެނަމަ، އެ ފިޢުލު ނަފީކުރެތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِـحَـةِ الكِتَابِ)) މާނައީ: [ސޫރަތުލްފާތިޙާ ނުކިޔެވި މީހާގެ ނަމާދެއް ނުވެއެވެ.] މި ޙަދީޘުގައިވާ [لَا] އަށް ބިނާކޮށް، މި ޙަދީޘުން، އިމާމުގެ ފަހަތުގައި ތިބޭ މައުމޫމުން ވެސް ސޫރަތުލްފާތިޙާ ކިޔެވުން ވާޖިބުވެގެންވާކަމަށް ދަލީލު ނެގިފައިވެއެވެ. ސަބަބަކީ، މި ތަނުގައިވާ لَا އިން ދޭހަކޮށްދެނީ، ސޫރަތުލްފާތިޙާ އެއްވެސް ގޮތަކަށް ނުކިޔަވާ ކުރާ ނަމާދު ނަފީވުންކަމުގައި ވާތީއެވެ. އިމާމުކަމުގައި ވިޔަސް ނުވަތަ މައުމޫމުކަމުގައި ވިޔަސް މެއެވެ. އަދި ޖަމާޢަތުގައި ނަމާދު ކުރާކަމަށް ވިޔަސް ނުވަތަ އެކަހެރިކޮށް ނަމާދު ކުރާކަމަށް ވިޔަސް މެއެވެ. މި ކަމުގެ ތަފްސީލުތައް ކަމާ ގުޅޭ ފިޤުހު ފޮތްތަކުގައި ވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =