187ވަނަ ޤަވާޢިދު (ޖުމްލަ 189): (عَنْ) لِلْبُعْدِ وَالـمُجَاوَزَةِ
މި ޤަވާޢިދުގެ ތަރުޖަމާ: {عَنْ ބޭނުންކުރެވެނީ ދުރުވުމަށާއި ފަހަނަޅައިދިޔުމަށް}
މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި ތިން ގޮތަކަށް عَنْ ބޭނުންކުރެވެއެވެ. އޭގެ ތެރެއިން މި ޤަވާޢިދުގައި މި ވާހަކަދެކެވެނީ އިބިފިލިޖައްސައިދޭ ޙަރުފެއްގެ ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުންނެވެ. އެ ގޮތުން، މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، عَنْ ޙަރުފަކީ ޢަރަބިބަހުގެ އަޞްލުގައި، އެއްޗެއް ފަހަނަޅައިދިޔުމަށާއި އެ ދޫކޮށް އެހެން އެއްޗަކަށް ދިޔުމަށް ދަލީލުކޮށްދޭ ލަފްޒެއް ކަމުގައެވެ. އެއީ، ޙިއްސީ ގޮތުން ކަމުގައި ވިޔަސް، ނުވަތަ ޙުކުމީ ގޮތުން ކަމުގައި ވިޔަސް މެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((رُفِعَ القَلَمُ عَنْ ثَلَاثَةٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الصَّبِيِّ حَتَّى يَـحْتَلِـمَ وَعَنِ الـمَجْنُونِ حَتَّى يَعْقِلَ)) މާނައީ: [ތިން މީހެއްގެ ކިބައިން ޤަލަމް ވަނީ އުފުލިގެންނެވެ. (އެއީ) ނިދާފައި އޮތްމީހާ، ހޭލަންދެނެވެ. އަދި ކުޑަކުއްޖާ، އިޙްތިލާމުވަންދެނެވެ. އަދި މޮޔަމީހާ، ބުއްދި ހަމަޖެހިއްޖައުމަށް ދާންދެނެވެ.] މި ޙަދީޘަށް ބިނާކޮށް، ނިދާފައިވާމީހާއާއި ކުޑަކުއްޖާއާއި މޮޔަމީހާއަށް ތަކުލީފު ޖެއްސެވިގެން ނުވާކަމަށް ދަލީލު ނެގިފައި ވެއެވެ. ސަބަބަކީ، މި ޙަދީޘުގައި [عَنْ] ބޭނުންކުރެވިފައި ވާތީ، ޤަލަމް ވަނީ (އެބަހީ، ތަކުލީފު ވަނީ)، އެއުރެންނާ މާ ދުރަށް އުފުއްލެވިގެންކަން އެނގޭތީއެވެ.
188ވަނަ ޤަވާޢިދު (ޖުމްލަ 189): (مِنْ) لِابْتِدَاءِ الغَايَةِ
މި ޤަވާޢިދުގެ ތަރުޖަމާ: {مِنْ ބޭނުންކުރެވެނީ ޣާޔަތުގެ ފެށުމަށް}
މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި އިބިފިލިޖައްސައިދޭ مِنْ (އެއްޗަކުން/ކަމަކުން/ތަނަކުން) ޙަރުފު، އެތަކެއް މާނައެއްގައި ބޭނުންކުރެވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު މާނައަކީ، ޣާޔަތުގެ (އެއްޗެއްގެ ނިމޭކޮޅުގެ) ފެށޭހިސާބުގެ މާނައިގައެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޢަރަބިބަހުގެ އަޞްލުގައި مِنْ ބޭނުންކުރެވެނީ، އެއްޗެއްގެ ނިމޭކޮޅުގެ ފެށުމުގެ މާނައިގައި ކަމެވެ. އެއީ، ޒަމާނަކާ ގުޅޭ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ތަނަކާ ގުޅޭ ކަމެއް ކަމުގައި ވިޔަސް މެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި، ޢަރަބިބަހުގެ އަޞްލުގައި مِنْ ބޭނުންކުރެވެނީ، ބައިކުރުމުގެ މާނައިގައެވެ.
އަދި މިއާ ޚިލާފަށް، އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި، ޙަޤީޤީ ގޮތުން مِنْ ބޭނުންކުރެވެނީ، ބަޔާންކުރުމުގެ މާނައިގައެވެ.
އަދި މިއާ ޚިލާފަށް، އައްޒަންޖާނީ އިޚްތިޔާރުކުރައްވާފައިވާ ރައުޔެއްގައި ވަނީ، مِنْ ބޭނުންކުރެވެނީ، ޣާޔަތުގެ ފެށޭހިސާބުގެ މާނައާއި ބައިކުރުމުގެ މާނައާއި ދެ މާނައިގައި ކަމުގައެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((مَا أَسْفَلَ مِنَ الـكَعْبَيْنِ مِنَ الإِزَارِ فَفِـي النَّارِ)) މާނައީ: [އިޒާރުން ދެ ތަނބިކައްޓަށްވުރެ ތިރީގައިވާ ބަޔާ މެދު (ދަންނާށެވެ!) ފަހެ، އެ ވަނީ ނަރަކައިގައެވެ.] މި ޙަދީޘުގައި ފުރަތަމައަށް އެވާ [مِنْ] ބޭނުންކުރެވިފައި އެ ވަނީ، ޣާޔަތުގެ ފެށޭހިސާބުގެ މާނައިގައެވެ. އަދި ދެވަނައަށް އެވާ [مِنْ] ބޭނުންކުރެވިފައި އެ ވަނީ، ބަޔާންކުރުމުގެ މާނައިގައެވެ. އަދި އެ ބަޔާންކުރުމުގެ މާނަ، ޣާޔަތުގެ ފެށޭހިސާބުގެ މާނައަށް ރުޖޫޢަވެއެވެ. އެހެންކަމުން، އޭގެ މާނައަކަށް ވާނީ، އިޒާރުގެ ފަސްބައިގެ ފެށޭކޮޅުން، ދެ ތަނބިކަށީގެ ފެށޭހިސާބުން ތިރީގައި އޮންނަ ބައި ވަނީ ނަރަކައިގައެވެ. (އެބަހީ، ފިރިހެނުން ތިރިންލާ އަންނައުނު އެ ވަރަށް ތިރިކުރުމީ ހުއްދަކަމެއް ނޫނެވެ.)
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =