[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 170

189ވަނަ ޤަވާޢިދު (ޖުމްލަ 189): البَاءُ لِلْإِلْصَاقِ

މި ޤަވާޢިދުގެ ތަރުޖަމާ: {البَاءُ ބޭނުންކުރެވެނީ، އިލްޞާޤުގެ މާނައިގައި}

މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި، އިބިފިލިޖައްސައިދޭ ب ޙަރުފު އެތަކެއް މާނައެއްގައި ބޭނުންކުރެވެއެވެ. އެ ތަނުން އެންމެ މަޝްހޫރު މާނައަކީ، އިލްޞާޤެވެ. އަދި އެއީ، އެ މާނަތަކުގެ ތެރެއިން އަޞްލު މާނައެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޢަރަބިބަހުގެ އަޞްލުގައި، ب ޙަރުފު ބޭނުންކުރެވެނީ، އިލްޞާޤުގެ މާނައިގައި ކަމުގައެވެ. އިލްޞާޤަކީ، ދެ މާނައިންކުރެ އެއް މާނަ، އަނެއް މާނަޔާ ގުޅިލާމެހިފައިވުމެވެ. ނުވަތަ އެއްޗަކުން އެއްޗެއް ގުޅިލާމެހިފައިވުމެވެ. ނުވަތަ ފިޢުލު، ނަމާ ގުޅިލާމެހިފައިވުމެވެ. ޙަޤީޤީ ގޮތުންނެވެ. ނުވަތަ މަޖާޒީ ގޮތުންނެވެ. މި ކަމާ މެދު ރައުޔުތަފާތުވުމެއް ނެތެވެ.

އެހެންނަމަވެސް، ރައުޔުތަފާތުވުން އޮތީ، އިލްޞާޤުގެ ކައިފިއްޔަތާ (ގުޅިލާމެހިފައިވުން އޮންނާނީ ކިހިނަކުންކަމާ) ގުޅޭ ގޮތުންނެވެ. ބުނެވޭ ގޮތުން، ގުޅިލާމެހިފައިވުން މުޅި އެއްޗަށް ޢާއްމުވެގެން ވެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَامْسَحُوا بِرُءُوسِكُمْ) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ތިޔަބައިމީހުންގެ ބޯތަކުގައި ފެންފުހޭހުށިކަމެވެ!] އެހެންކަމުން، ވުޟޫކުރާއިރު، ފެންފުހުން މުޅި ބޮލަށް ޢާއްމުކުރުން ވާޖިބުވެގެންވެއެވެ. އަދި ބުނެވޭ ގޮތުން، އެއިން ދޭހަކޮށްދެނީ އެ ކަންތައް ގުޅިލާމެހިފައިވަނީ މަފްޢޫލުގެ އެއްބަޔާ ކަމުގައެވެ. އެހެންކަމުން، ފެންފުހުން ވާޖިބުވާނީ ބޮލުގެ އެއްބައިގައި އެކަންޏެވެ.

ދެން ފަހެ، ބައެއް ހާލަތްތަކުގައި ب ޙަރުފު، ބައިކުޅަބަޔެއްގެ މާނައިގައި ވެސް ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް، އެ ހާލަތުގައި އެ މާނަ ދޭހަކޮށްދޭ ޤަރީނާއެއް އޮންނަންވާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيق) (ސޫރަތުލްޙައްޖު: 29 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ގެފުޅުގައި ޠަވާފުކުރާހުށިކަމެވެ!] މި އާޔަތުން، މުޅި ކަޢުބާގެ ވަށައިގެން ޠަވާފުކުރުން ވާޖިބުވެގެންވާކަމާއި، އޭގެ އެއްބައި ވަށައިގެން ޠަވާފުކޮށް ފުއްދައިނުލެވޭނެކަމަށް ދަލީލު ލިބެއެވެ. ސަބަބަކީ، ﷲ ތަޢާލާ ب ޙަރުފު ބޭނުންކުރައްވާފައި ވާތީއެވެ. އޭގެ އަޞްލު މާނައިން ގުޅިލާމެހުމުގެ މާނަ ދޭހަކޮށްދޭތީ، އާޔަތުގައި އެދެވިފައި އެ ވަނީ، މުޅި ކަޢުބާގެ ވަށައިގެން ޠަވާފުކުރުން ކަމުގައި ބެލެވޭނެތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނިމުނީ =