[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ނަޒަރަކުން އިޖުތިމާޢީ ޚިދުމަތްތައް

އިސްލާމްދީނަކީ އިންސާނާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދޭ ވަރަށްވެސް ޝާމިލު ދީނެކެވެ. މުނިފޫހިފިލުވުމާއި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ އެހެންމީހުންނާއެކު ވަޤުތުހޭދަކުރަން ބޭނުންވުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ. ކަން މިހެންހުރުމާއެކު، އިސްލާމްދީނުގައި އިޖުތިމާޢީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ހިތްވަރުދީފައިވެއެވެ.

މުޖުތަމަޢުގެ އެހެންމީހުންނާއެކު ވަޤުތުހޭދަކުރުމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމެކެވެ. ރަސޫލާ (صلى الله عليه وسلم) ހަދީސްކުރައްވައިފައިވެއެވެ.

((الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ أَعْظَمُ أَجْرًا مِنْ الْمُؤْمِنِ الَّذِي لا يُخَالِطُ النَّاسَ وَلا يَصْبِرُ عَلَى أَذَاهُمْ)) .

[صححه الألباني في صحيح الترمذي]

{މީސްތަކުންނާ އެކުގައި އުޅެ، އެމީހުންގެ ފަރާތުން ކުރިމަތިވާ ނުރުހޭ ކަންތައްތަކަށް ކެތްކުރާ މުއުމިނުއަޅާގެ އަޖުރު، މީސްތަކުންނާ އެކުގައި ނޫޅެ އަދި އެމީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިނުވާމީހާގެ އަޖުރަށްވުރެ ބޮޑުވެގެންވެއެވެ.} (އިމާމް އަލް-އަލްބާނީ މިހަދީސް ޞައްހަކުރައްވައިފައިވެއެވެ.)

އެހެންމީހުންނާއެކު ހޭދަކުރެވޭ ވަޤުތުތަކުގައި ފާފަތަކުން ޚާއްސަކޮށް ދުލުގެ ފާފަތަކުން ދުރުހެލިވުމަށް ސަމާލުކަންދޭންޖެހެއެވެ. މިގޮތުން ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، ފުރައްސާރަކުރުމާއި ފާޙިޝްވާހަކަތައް ދެއްކުމުން ދުރުހެލިވާން ޖެހެއެވެ.

އަދި ހަމައެހެންމެ، މުޖުތަމަޢުގެ ތެރެއިން އިޖްތިމާއީ އަދި ފަރުދީ ގޮތުން އެކިއެކި ބޭނުންތަކަށް ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެ ދިނުމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވައިފައިވާ ކަމެކެވެ.

عن أبي هريرة رضي الله عنه عن النبي (صلى الله عليه وسلم) قال:

((مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ)). [رواه مسلم بهذا اللفظ]

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހާ ދަންނައެވެ. އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިލުއްވައިދެއްވާ ހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހާ ދަންނައެވެ. ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

 

އަދިވެސް މިފަދަ އެހެން ނަބަވީ އިރުޝާދެއްގައި އައިސްފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) [رواه الطبراني في المعجم الكبي: 13646 و صححه الألباني]

މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ. ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”