[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ކުރާ ހުރިހާ ޢަމަލެއްގައިވެސް އިޚްލާޞްތެރިވާނީ ކިހިނެތް 1

އިންސާނާގެ ހެޔޮޢަމަލުތައް ފާސިދުކޮށްލުމަށް ޝައިޠާނާ ދިމާކުރެއެވެ. މުއުމިނު އަޅާ މެދުނުކެނޑި އޭނާގެ ޢަދާވަތްތެރިޔާކަމުގައިވާ އިބިލީހާ ދެކޮޅަށް ޖިހާދުކުރެއެވެ. އެއީ އީމާންކަމުގެ މަތީގައި އަދި ޢަމަލުތައް ޚާލިޞު ކުރާމީހެއްގެ ގޮތުގައި އޭނާގެ ވެރިރައްބާ ބައްދަލުވެއްޖައުމަށް ދާންދެނެވެ. އިޚްލާޞްތެރިވުމަށް އެހީތެރިވެދޭ ކަންތައްތަކެއްވެއެވެ. އޭގެ ތެރޭގައި:

  1. ދުޢާކުރުން

ހިދާޔަތްދެއްކެވުންވަނީ ﷲ ތަޢާލާގެ އަތްޕުޅުގައެވެ. އަދި ހިތްތައްވަނީ ﷲ ތަޢާލާގެ އިނގިލިފުޅުތަކުގެ ތެރެއިން ދެއިނގިލިފުޅެއްގެ ދެމެދުގައެވެ. އެއިލާހު އިރާދަކުރެއްވި ގޮތަކަށް އެ ބަދަލުކުރައްވައެވެ. ފަހެ އެއިލާހުގެ އަތްޕުޅުގައި، ހިދާޔަތް ދެއްކެވުންވާ އިލާޙުގެ ޙަޟްރަތަށް އެދިދަންނަވާށެވެ. އަދި ތިބާ އެކަމަށް ބޭނުންޖެހިފައިވާ މިންވަރާއި ތިބާގެ ނިކަމެތިކަންވެސް ހާމަކުރާށެވެ. އަދި ދާއިމީ ގޮތެއްގައިވެސް އެކަން ދެއްވުމަށް އެދޭށެވެ. ހަމަކަށަވަރުން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އެންމެ ގިނައިން ކުރައްވަނީ އަންނަނިވި ދުޢާއެވެ.

“اللهُمَّ اجْعَلْ عَمَلِيْ كُلُّهُ صَالِحًا، واجْعَلْهُ لِوَجْهِكَ خَالِصًا، ولَا تَجْعَلْ لِأَحَدٍ فِيْهِ شَيْئًا”

މާނައީ: “އޭ ﷲ! މިއަޅާގެ އެންމެހާ ޢަމަލުތަކަކީ ޞާލިޙުޢަމަލުތަކެއްކަމުގައި ލައްވާނދޭވެ! އަދި އެއީ އިބައިލާހުގެ ވަޖުހުފުޅު އަދައިގެން ކުރެވޭ ޢަމަލުތަކެއްކަމުގައި ލައްވާނދޭވެ! އަދި އެއީ އެހެން އެއްވެސް ފަރާތަކަށްޓަކައި ކުރެވޭ ޢަމަލުތަކެއްކަމުގައި ނުލައްވާނދޭވެ!”

  1. ޢަމަލުތައް ވަންހަނާކުރުން

ވަންހަނާކުރުން އެދެވިގެންވާ ކޮންމެ ޢަމަލެއް ވަންހަނާކުރުމަކީ އެޢަމަލެއް ޤަބޫލުކުރެއްވުމުގެ އުންމީދު އިތުރުވެ، އެޢަމަލުގެ އިޚްލާޞްތެރިކަން ބޮޑުވެގެންދާ ކަމެކެވެ. ތެދުވެރި، އިޚްލާޞްތެރިންގެ ގޮތަކީ އެބައިމީހުންގެ ނުބައި ޢަމަލުތައް ފޮރުވުމަށް ލޯބިކުރާ ފަދައިން ހެޔޮ ޢަމަލުތައްވެސް ފޮރުވުމަށް ލޯބިކުރުމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

((سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ)) [متفق عليه]

މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ (އެއީ) އަދުލުވެރި ވެރިޔާއާއި ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާއާއި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާއާއި ޞަދަޤާތްކުރާއިރު އޭނަގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.”

ބިޝްރު ބުން އަލްޙާރިޘު ވިދާޅުވެއެވެ.

“ތިބާގެ ޛިކުރާ އާކުރެވުމަށްޓަކައި ޢަމަލުތައް ނުކުރާށެވެ. ނަމަވެސް ނުބައި ޢަމަލުތައް ފޮރުވާ ފަދައިން ހެޔޮ ޢަމަލުތައްވެސް ފޮރުވާށެވެ.”

ދުވާލުކުރާ ސުންނަތް ނަމާދަށްވުރެ ރޭއަޅުކަމަށް މާތްކަން ބޮޑެވެ. އަދި އެހެން ވަޤުތުތަކުގައި ފާފަފުއްސެވުން އެދި ދެންނެވުމަށްވުރެ ހާރުދަމުގެ ވަޤުތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ މާތްކަން ބޮޑެވެ. އެހެނީ (ރޭގަނޑުގެ ވަޤުތުތަކުގައި) އެކަންކަމުގެ ވަންހަނާކަން ބޮޑުވެފައި އިޚްލާޞްތެރިކަމާ ގާތްވެގެންވެއެވެ.

___________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް