[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމު އުޚްތަކަށް ވީތީ ތިބާ އުފަލެއް ނުވޭހެއްޔެވެ؟

އޭ އުޚްތާއެވެ! ތިބާ އަކީ  ތިބާގެ މަންމައާއި  ބައްޕަގެ  ލޮލުގެ  ފިނިކަމެވެ. ތިބާގެ ޢާއިލާގެ އުފާވެރިކަމެވެ. އޭ އުޚްތާއެވެ! ތިބާ މިދުނިޔެއަށް އެންމެ ފުރަތަމަ  ނޭވާލި ދުވަހުން ފެށިގެން ތިބާއަކީ ޝަރަފުވެރިއެކެވެ. ޤަދަރުވެރިއެކެވެ.  ތިބާ ދުނިޔެގައި  ހޭދަކުރާ  ކޮންމެ ވަގުތުކޮޅެއްގައިމެ ތިބާ ހިމާޔަތްކޮށްދޭނެ ބަޔަކުވެއެވެ. މީސްތަކުންގެ ވިހަގަދަ ބެލުން ތަކުންނާ ތޫނު ވަކިތަކުން ތިބާ  ސަލާމަތް  ކޮށްދޭނެ  ބަޔަކުވެއެވެ. ކޮންމެ  ހާލަތެއްގައިމެ  ތިބާއަށް ބެލެހެއްޓުންތެރިއެއްވެއެވެ.

އޭ އުޚްތާއެވެ! ތިބާގެ މަންމަ  ތިބާއަށްޓަކައި އެތަކެއް  އަގުހުރި ވަގުތުތަކާ، ރޭތަކެއް ޤުރުބާންކުރިއެވެ. ރޭގަޑުގެ ނިދިން  މަޙުރޫމްވެހުރެ، ތިބާއަށް ޚިދުމަތް ކުރިއެވެ. އަދި ތިބާގެ ބައްޕަ  ތިބާއަށްޓަކައި  އެއްވެސް އަރާމެއްނެތި  ބުރަމަސައްކަތް ކުރިއެވެ. ތިބާއަށް ތަޢުލީމާ، ތަރުބިއްޔަތު ދިނުމުގައި ފިރިހެން ކުއްޖަކަށްދޭ ސަމާލުކަމަށްވުރެ އިތުރު ސަމާލުކަމެއް ދިނެވެ. އަދި ތިބާއަށް ޙަޔާތުގެ ބައިވެރިޔަކަށް  ބޭނުންވިހިނދު ސާލިޙު ފިރިޔަކު ހޯދައިދިނެވެ. ތިބާގެ ބައްޕަ ތިބާއަށް ހެޔޮކޮށް ހިތުމަށް، އޭނާއަށް ވަސިއްޔަތް ކުރިއެވެ.

އޭ އުޚްތާއެވެ! ތިބާއަކީ  ތިބާގެ ފިރިމިހާގެ  މޫނުގެ އަލިކަމެވެ. ހިތުގެ ހަމަޖެހުމެވެ. އެންމެ ގާތް  އެކުވެރިޔާވެސް  މެއެވެ. ތިބާގެ ފިރިމީހާ ތިބާ ހިތްހަމަޖައްސައިދިނުމަށްޓަކައި އެތައް ބުރައެއްއުފުލިއެވެ. ތިބާއަށް އޭނާގެ ޖާނާއި، މާލުން  ޙިމާޔަތްދިނެވެ. އަދި ތިބާއަކީ، ގޭތެރޭގެ ރާނީކަމުގައި ހަމަޖެއްސިއެވެ.  ގޭތެރޭގެ  ހުރިހާކަމެއް ތިބާޔާ  ޙަވާލުކުރިއެވެ. ހިލޭ ފިރިހެނުންގެ ލޯތަކުން ސަލާމަތް ކޮށްދިނެވެ.  ގޭތެރޭގެ  މަސައްކަތްތަކުގާ  އެހީތެރިވެދެއެވެ. ތިބާގެ ބުރަ ލުއިކޮށްދެއެވެ.

އޭ އުޚްތާއެވެ! ތިބާއަށް  މުސްލިމް  މައެއްގެ  ލަޤަބު މާތް ﷲ  ދެއްވިއެވެ. ތިބާގެ ލޯބިލޯބި ދަރިފުޅު ސުވަރުގެ  ޙަސިލްކުރުމަށްޓަކައި ތިބާއަށް  ހެޔޮކޮށްހިތިއެވެ. ތިބާ ހިތްއެދޭ ކަންތައްތައް  ޙާސިލުކުރުމަށްޓަކައި،  އެދަރިފުޅު  އެތަކެއް  ބުރަތަކެއްއުފުލިއެވެ.  އެތަކެއް ޤުރުބާނީއެއް ވިއެވެ. ތިބާ ހިތުގައި ޖެހޭ ކަންތައްތަކުން އެދަރިފުޅު ދުރުހެލިވިއެވެ.

އޭ އުޚްތާއެވެ!  ތިބާއަކީ ދުނިޔޭގައިވާ  އެތައް މިލިއަން އަންހެނުންނެއްގެ ތެރެއިންވާ ނަސީބުވެރި  އަންހެނެކެވެ.  ތިބާއަށް  މުސްލިމް އުޚްތެއްގެ  ލަޤަބު ލިބުނެވެ.  މުސްލިމް އަންބެއްގެ ޝަރަފުލިބުނެވެ. މުސްލިމް މައެއްގެ ދަރަޖަ ލިބުނެވެ. އިސްލާމްދީން ތިބާއަށްޓަކައި މި ހުރިހައި މަތިވެރިކަމެއްވެސް ހޯދައިދިނެވެ. ހިތްހަމަޖެހުމާ،  އުފާވެރިކަން، ހަޔާތުގެ ކޮންމެ ހިނދުކޮޅެއްގައިމެ ހޯދައިދިނެވެ.  އޭ އުޚްތާއެވެ!  މުސްލިމް  އަންހެނަކަށްވީތީ  އަޅެ ތިބާ އުފަލެއްނުވޭހެއްޔެވެ؟