[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރްއާން ހިތުދަސްކުރަން ބޭނުންނަމަ މިކަންކަން ކޮށްލާށެވެ.

  1. އިޚްލާޞްތެރިވާށެވެ. ދުނިޔެވީ އެދުމެއްނެތި ޤުރުއާން ހިތުދަސްކުރަން މަސައްކަތްކުރާ މީހާއަށް މާތްﷲ ތައުފީޤްދެއްވާ، އެކަން ފަސޭހަކޮށްދެއްވާނެއެވެ. މިކަމުން ލިބޭ އުޚުރަވީ ޘަވާބާމެދު ވިސްނާ އެކަން ހަނދާނުގައި ބަހައްޓާނަމަ، އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ. މިފަދަ ބައެއް ޙަދީޘްތައް މި އަރޓިކަލްގެ ތިރީގައި ހުށައަޅާލާފައިވާނެއެވެ.
  1. ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވާށެވެ. ފާފަކުރާވަރަކަށް ތިމާގެ ހިތުގައި ކަޅު ލައްތަކެއް ޖެހި، ހިތުގެ އަލިކަން ފިލަމުންދާނެއެވެ. މި ދަމިލަތައް ފިލުވޭނީ ޛިކުރުކުރުމުންނާއި، އިސްތިޣްފާރުކުރުމުންނާ އަދި ހެޔޮ ޢަމަލުތައް ކުރުމުންނެވެ.
  1. ހެޔޮލަފާ ޞާލިޙް އެކުވެރިން ޚިޔާރުކުރާށެވެ. ޤުރުއާން ހިތުދަސްކުރަންއުޅޭ އެހެންކުދިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރާށެވެ. މުރާލި އެކުވެރިންނާއިއެކު އުޅޭނަމަ، ތިބާވެސް މުރާލިވާނެއެވެ. އިނގިރޭސި ހަރުބަހެއްގައިވެއެވެ. ~ ~ If you want to be a lion, be with lions.~ ~

ރަސޫލުﷲ  صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

((الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ))

މާނައީ: “ކޮންމެ މީހަކުވެސް ވާހުށީ އެމީހެއްގެ ގާތް އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު ގާތް އެކުވެރިއެއްކަމުގައި ހަދަނީ ކާކުތޯ ބަލާށެވެ.” ރަވާހުލް އިމާމުއް ތިރްމިޛީ-ރަޙިމަހުﷲ

  1. ޙިފްޡްކުރާ ކުލާހެއްގައި ނުވަތަ ޙަލަޤާއެއްގައި ބައިވެރިވާށެވެ. ވަކިބަޔަކާއި ނުގުޅި އަމިއްލައަށް ހިތުދަސްކުރުން ގެންދާނަމަ ފޫހިވުމާއި އެކަމަށް ދެވޭ އިސްކަން (ނުވަތަ (commitment ކުޑަވުން ފަދަ ކަންކަން ކުރިމަތިވާނެއެވެ. ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުން ހަފްތާ ބަންދުގައި އެ ހަފްތާގައި ދަސްކުރެވުނުބައި ކިޔައިދިނުމަށް އިންތިޒާމެއް ހަމަޖައްސާށެވެ. މިގޮތުން އެކުވެރިންކޮޅެއް އެއްވެގެންވެސް ޙަލަޤާއެއް ހެދުން މުހިންމެވެ.

އަލްމާއިދާ ސޫރަތުގެ ދެވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

(وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى)

މާނައީ: “އަދި ހެޔޮކަންތައް ކުޅައުމަށާއި، ތަޤްވާވެރިކަމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރިވާށެވެ.”

ރަސޫލާ صلى الله عليه وسلم ހަދީސްކުރައްވާފައިވެއެވެ.

((وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ))

މާނައީ: “އަދި އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައިވާހާ ހިނދަކު، އެއަޅަކަށް ވާގިވެރިވެވޮޑިގެންނެވުމުގައި ﷲ ވޮޑިގެންވެއެވެ.”

މިއީ ސަޙީޙް މުސްލިމްގައި އައިސްފައިވާ ހަދީޘެކެވެ.

  1. ދަސްކުރާބައި އެހެންމީހަކު ލައްވާ ގިނަގިނައިން ކިޔުއްވާށެވެ. ދިރާސާތަކުން ދައްކާގޮތުގައި އިންސާނުން އެހެންމީހަކަށް އެއްޗެއް ކިޔައިދޭނަމަ އޭނާގެ ކޮންސެންޓްރޭޝަން ލެވެލް އަދި ނަތީޖާ ނެރެވޭ މިންވަރު 85 އިންސައްތަ އިތުރުވެއެވެ. އަމިއްލައަށް ކިޔާނަމަ، ޖެހޭ ކުށްތަކެއްވެސް ފާހަގައެއް ނުކުރެވޭނެއެވެ.
  1. މެދުކެނޑުމެއްނެތި ދަސްކުރާބައިތައް ތަކުރާރުކޮށް ކިޔަމުންދާށެވެ. ހިތް އަވަސްވެ، ކުރީގައި ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުން ދޫކޮށްނުލާށެވެ. ބައެއް ބޭފުޅުން މުރާޖަޢާކުރުމެއްނެތި، އައު ސޫރަތްތައް ދަސްކުރުމުގައި އަވަސް އަރުވާލައެވެ. އެންމެ ރަނގަޅު ގޮތަކީ މިދެބައި އެކުއެކީގައި ކުރިޔަށް ގެންދިޔުމެވެ. ރަސޫލާ صلى الله عليه وسلم ހަދީސްކުރައްވާފައިވެއެވެ.

«إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ»  [رواه مسلم]

މާނައީ: ”ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިޔާގެ މިސާލަކީ ޖަމަލު ގެންގުޅޭ މީހާގެ މިސާލެވެ. އޭގެ ކަރުގައި އެލުވާފައި އޮންނަ ވާ ރަނގަޅަށް އައްސާފައިބާއްވާނަމަ، އެ ފިލައިގެން ނުދެއެވެ. އެކަމަކު އެ ވާ މޮހިއްޖެނަމަ އެ ޖަމަލު ސާހިބުމީހާ ދޫކޮށް ފިލައިދެއެވެ.”

  1. ތިބާ ޤުރުއާން ހިފުޒުކޮށް ނިންމަން ބޭނުންވާ ތާރީޚް ލިޔާށެވެ. މިފަދައިން ލަނޑުދަނޑި ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ނަފުސު ޗެކުކުރުމާއި ކަންނެތްކަން ދުރުކުރުވުމެވެ. ލަނޑުދަނޑިތަކެއް ނެތްނަމަ، މަސައްކަތްކުރުމުގެ އެއްވެސް ރޫޙެއް ނުހުންނާއެވެ. އިސްވެ މިދެންނެވިފަދައިން ލިޔެފަ، އެ ޢިބާރާތްކޮޅު ތިމާއަށް ގިނަގިނައިން ފެންނާނެފަދަ ތަންތަނުގައި ތަތްކުރާށެވެ.
  1. ގިނަގިނައިން ޤުރުއާން އަޑުއަހާށެވެ. ކިޔޫތަކުގައި މަޑުކޮށްގެން ހުންނަ ވަޤުތުތައް ނުވަތަ ފެރީ ދަތުރުމަތީގައިވެސް ގިނަގިނައިން ޤުރުއާން އަޑުއަހާށެވެ.
  1. ދުޢާކުރާށެވެ.

اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَ عَلِّمْنِي مَا يَنْفَعُنِي وَ زِدْنِي عِلْمًا

“އޭ ﷲ! އެ ޢިލްމަކުން މި އަޅާ އަށް މަންފާ ނުކުރާނޭ ޢިލްމުންނާއި، އިބަ އިލާހަށް ބިރުވެތި ނުވާ ހިތަކުންނާއި އިބަ އިލާހަށް ކިޔަމަން ނުގަންނަ ނަފްސަކުންނާއި އިޖާބަ ނުކުރައްވާނޭ ދުޢާއިން މި އަޅާ ސަލާމަތް ކޮށްދެއްވުން އެދި، އިލާހުގެ ޙަޟްރަތުން ވާގި އެދި، ރައްކާތެރިކަން ލިބިގަންނަމެވެ.”

رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي

“އަޅުގެ ވެރިރައްބު! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!”

رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

“އަޅަމެންގެ ވެރިރައްބު! އިބައިލާހުގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!

  1. ހެނދުނުގެ ވަޤުތުތަކުގެ ބޭނުން ހިފާށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ. ޤުރުއާން ހިތުދަސްކުރުމަށް އެންމެ މޮޅު ވަޤުތަކީ ފަތިސްނަމާދު ކޮށްގެން އޮންނަ ވަގުތުތަކެވެ.

«اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا»

މާނައީ: “އޭ ﷲ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”

ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެއް ކަމުގައިވުމުން ޤުރުއާން ކިޔަވަން ތިމާވަގުތު ހޭދަކުރުމަކީ ތިމާގެ އެހެންކަންކަން ފަސޭހައިން ކުރެވެން މަގުފަހިވާނެކަމެކެވެ. ﷲ ތަޢާލާ އެކަމުގެ ސަބަބުން ދުވަހުގެ އެންމެހާ ވަގުތުތަކެއްގަޔާއި ކަމެއްގައި ބަރާކާތް ލައްވަވާނެއެވެ.

كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾

މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންއިލާހު ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.”

ބައެއް ހަދީސް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެބޭކަލުން ޤުރުއާން ކިޔަވާ ދުވަހެއްގައިނަމަ، އެބޭކަލުންނަށް އެދުވަހެއްގައި ގިނަ ހަދީސް ލިޔެވެއެވެ. އެކަމަކު ޤުރުއާން ނުކިޔަވާ ދުވަހެއްގައި މިފަދައިން ގިނަ ހަދީސެއް ނުލިޔެވެއެވެ.

އަޅުގަނޑުމެންގެ ދަރިންނަށް ބަރަކާތުގެ ދޮރުކޮޅުތައް ހުޅުވާލަދޭން ބޭނުންކަމުގައިވާނަމަ، އެކުދިން ލައްވާ ޅަފަތުގައި ޤުރުއާން ހިތުދަސްކުރުވަން ފައްޓަވާށެވެ. ޅަފަތުގައި ހިތުދަސްކުރަން ފަށައިފިނަމަ، ވަރަށް އަވަހަށް ހިތުދަސްކޮށް ނިންމާލެވޭނެއެވެ. އަދި ޅަފަތުގައި ދަސްކުރާ އެއްޗެހި ހަނދާންނުނެތި ގިނަދުވަހު ހުންނާނެއެވެ.

ޢަރަބި ހަރުބަހެއްގައިވެއެވެ.

العلم في الصغر كالنقش في الحجر

ޅަފަތުގައި ދަސްކުރާއެއްޗެހި، ގަލުން ކަނޑާނަގާފައިވާ ކުރެހުމެއް ފަދައިން ހިތުގައި ހަރުލާ ހުންނާނެއެވެ.