ޢިލްމު ޙާޞިލުކުރައްވަން އުޅުއްވިއިރު އަބޫ ޙާތިމު އަށް ދިމާވި އުނދަގޫތައްވެސް އެކަލޭގެފާނު ކިޔައިދެއްވިއެވެ. ވިދާޅުވިއެވެ.
“(ހިޖުރައިން) 214ވަނަ ބަޞަރާގައި 8 މަސް ދުވަސް ތިމަންކަލޭގެފާނު މަޑުކުރީމެވެ. ތިމަންކަލޭގެފާނު ބޭނުންވީ އެއް އަހަރު މަޑުކުރާށެވެ. ފަހެ ތިމަންކަލޭގެފާނުގެ ފައިސާ ހުސްވުމުން ތިމަންކަލޭގެފާނުގެ ހެދުންތައް ވިއްކީމެވެ. ހެދުންތައް ހުސްވުމުން، ތިމަންކަލޭގެފާނުގެ އަތްމަތި އެކީ ހުސްވީއެވެ. ތިމަންކަލޭގެފާނުގެ އެކުވެރިއަކާއެކު ކޮންމެ ދުވަހަކުވެސް ޝައިޚުންގެ އަރިހަށް ދިޔައީމެވެ. އަދި އުނގެނުމުގައި ހަވީރު ވަންދެން އުޅުނީމެވެ. ފަހެ އެއެކުވެރިޔާ ދިޔުމުން ތިމަންކަލޭގެފާނު ގެއަށް އައިސް ބަނޑުހައިވެގެން ފެން ބުއީމެވެ. ދެން ހެނދުނުވުމުން އެކުވެރިޔާ އަތުވެއްޖެއެވެ. އޭނާއާއެކު ޙަދީޘް އަޑުއެހުމަށް ތިމަންކަލޭގެފާނު އަނެއްކާވެސް ދިޔައީމެވެ. އޭރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެދުވަހުވެސް އައީ ބަނޑުހައިކަންމަތީގައެވެ. ދެން އަނެއްދުވަހުވެސް އެއެކުވެރިޔާ އައިސް، ޝައިޚުންގެ އަރިހަށް ދިޔުމަށް އެދިއްޖެއެވެ. ތިމަންކަލޭގެފާނު ބުނީމެވެ.
ތިމަންކަލޭގެފާނު މިވަނީ ވަރަށް ބަލިކަށިވެފައެވެ. ތިމަންކަލޭގެފާނަކަށް ނުދެވޭނެއެވެ.
އެކުވެރިޔާ ބުންޏެވެ.
ތިޔަ ދިމާވެގެން އުޅޭ ބަލިކަށިކަމަކީ ކޮބާ ހެއްޔެވެ؟
ތިމަންކަލޭގެފާނު ބުނީމެވެ.
ތިމަންކަލޭގެފާނަށް ދިމާވެފައި މިވާ ކަންތައް ތިބާއަށް ސިއްރެއް ނުކުރާނަމެވެ. ތިމަންކަލޭގެފާނު އެއްވެސް އެއްޗެއް ނުކާތާ ދެދުވަސްވެއްޖެއެވެ.
އެކުވެރިޔާ ބުންޏެވެ.
ތިމަން އަތުގަ އެއް ދީނާރު އެބައޮތެވެ. ފަހެ ކަލޭގެފާނު އޭގެ އެއްބައި ނަންގަވާށެވެ. އަދި އަނެއް ބައި އުޖޫރަ ދައްކަން ބޭނުންކުރާނީއެވެ.
ފަހެ ދެން ތިމަންބޭކަލުން ބަޞަރާއިން ނުކުތީއެވެ. އަދި އޭނާގެ އަތުން ދީނާރުގެ ދެބައިކޮށްފަ އެއްބައި ތިމަންކަލޭގެފާނު ނެގީމެވެ.”
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް