ބައެއް ޢިލްމުވެރިން، ބައެއް ފޮތްތަކާއެކު ގިނަ އަހަރުތަކަށް ހޭދަކުރައްވައެވެ. އިބްނު ޙަޒަމް ވިދާޅުވިއެވެ.[1]
“ތިމަންކަލޭގެފާނުގެ އެފޮތާއެކު، ތިމަންކަލޭގެފާނުގެ ޢުމުރުގެ ބޮޑުބައެއް ހޭދަކުރެއްވީމެވެ.” އެކަލޭގެފާނު އިޝާރާތްކުރައްވާފައި އެވާ ފޮތުގައިވަނީ 80 ޞަފްޙާއެވެ. އަދި އިބްނު ހަޖަރުވަނީ ޞަޙީޙުލް ބުޚާރީގެ ޝަރަޙަކަމުގައިވާ ފަތުޙުލް ބާރީ ލިޔުއްވުމުގައި 25 އަހަރު ހޭދަކުރައްވާފައެވެ.
ދަޢުވަތުދޭމީހާ، އެމީހެއްގެ ދަޢުވަތުގެ މޭވާއަކީ އިޖާބާދޭމީހުން ގިނަވުންކަމުގައި ނުހަދާށެވެ. އަދި ކިއެއްހެއްޔެވެ. އެބައިމީހުންގެ މަސައްކަތަކީ ބަޔާންކުރުމާއި ދަޢުވަތުދިނުމެވެ. ހިދާޔަތުގެ މަގަށް އެނބުރުމާއި ހިތްތައް ބަދަލުކުރުމަކީ އެބައިމީހުންގެ އަތްމަތީގައިވާކަމެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ما عَلَى الرَّسُولِ إِلَّا الْبَلَاغُ وَاللَّـهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ﴾ [سورة المائدة ٩٩]
މާނައީ: “ރިސާލަތު އިއްވެވުން މެނުވީ، ރަސޫލާގެ މައްޗަކަށް ނުވެއެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެތެވެ.”
ފަހެ ތިބާ ފޯރުކޮށްދޭށެވެ. ހެޔޮމަގަށް ބަދަލުކުރެއްވުންވަނީ ތިބާގެ ވެރިރައްބުގެ ޙަޟްރަތުންނެވެ.
﴿وَمَا رَمَيْتَ إِذْ رَمَيْتَ وَلَـكِنَّ اللَّـهَ﴾ سورة الأنفال ١٧]
މާނައީ: “އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއް ނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، ﷲ އެވެ. (އެބަހީ: ކަލޭގެފާނު އުއްކެވިހިނދު އޭގެން އަޘަރުކުރުވީ ކަލޭގެފާނެއް ނޫނެވެ. އެހެނެއްކަމަކު އޭގެން އަޘަރުކުރުވީ ﷲ އެވެ.) “
ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުބޭބެ، އަބޫ ޠާލިބު އިސްލާމުވޭތޯ އެކަލޭގެފާނު ކިހާ މަސައްކަތެއް ކުރެއްވި ހެއްޔެވެ. ނަމަވެސް އެކަލޭގެފާނަށް އެކަން ކާމިޔާބު ނުވެއެވެ.
﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـكِنَّ اللَّـهَ يَهْدِي مَن يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ﴾ [سورة القصص ٥٦]
މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، ﷲ، އެއިލާހު އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.”
ބައެއް ނަބީބޭކަލުން އެބޭކަލުންގެ ޤައުމުގެ މީހުންނަށް ދަޢުވަތުދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވިއެވެ. ނަމަވެސް އެބޭކަލުންނަށް އެބައިމީހުން އިޖާބަނުދިނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((عُرِضَتْ عَلَيَّ الأُمَمُ، فَجَعَلَ يَمُرُّ النَّبِيُّ مَعَهُ الرَّجُلُ، وَالنَّبِيُّ مَعَهُ الرَّجُلاَنِ، وَالنَّبِيُّ مَعَهُ الرَّهْطُ، وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ)) [رواه البخاري]
މާނައީ: ތިމަންކަލޭގެފާނަށް އުންމަތްތައް ފެނިވަޑައިގަތެވެ. ބައެއް ނަބީބޭކަލުން ހުރަސްކުރެއްވީ އެންމެ މީހަކާއެކީގައެވެ. އަދި އަނެއްބައި ނަބީބޭކަލުންނާއެކުވީ ދެމީހުންނެވެ. އަދި ބައެއް ނަބީބޭކަލުންނާއެކު ޖަމާޢަތެއްގެ މީހުންވިއެވެ. އަދި ބައެއް ނަބީބޭކަލުންނާއެކު އެކަކުވެސް ނުވެއެވެ.”
ފަހެ އިޚްލާޞްތެރިކަމާއެކު ޞާލިޙު ޢަމަލުކުރާށެވެ. އަދި ޢަމަލުގެ މޭވާއަށް މާބޮޑަށް ނުބަލާށެވެ.
______________________
[1] مداواة النفوس ص: 5
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް