[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ صلى اللّه عليه وسلم ގެ ދަރިކަނބަލުން ރުޤައްޔާ رضي الله عنها

ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަނބަލުން ރުޤައްޔާ رضي الله عنها ގެ މަންމާފުޅަކީ ޚަދީޖާ رضي الله عنها އެވެ. ރަސޫލުﷲ صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން ޢުތުބާ ބުން އަބީލަހަބާ އެކަމަނާ ކައިވެނިކޮށްދެއްވިއެވެ.

ފަހެ، ﴿تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ﴾ (މާނައީ: “އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ! އަދި އޭނާވެސް ގެއްލި ހަލާކުވެއްޖެއެވެ!”)، މިސޫރަތް ބާވައިލެއްވުމުން އަބޫލަހަބު ބުންޏެވެ. “ކަލޭ އޭނާގެ ދަރި ވަރިނުކޮށްފިނަމަ އަހަރެންގެ ބޯ މިވަނީ ކަލޭގެ ބޮލަށް ޙަރާމްވެގެންނެވެ. އޭނާއާ އެއްދާންކުރުމުގެ ކުރިން ވަރިކުރާށެވެ.”

އެކަމަނާގެ މަންމާފުޅާއި އުޚްތުންނާއެކު އެކަމަނާ އިސްލާމްވެވަޑައިގެންނެވިއެވެ. އެއަށްފަހު ޢުޘްމާނު رضي الله عنه އާ ކައިވެނި ބައްލަވައިގެންނެވިއެވެ. އަދި އެކަލޭގެފާނާއެކު ޙަބަޝާއަށް ދެފަހަރު ހިޖުރަކުރެއްވިއެވެ. އަދި އެއަށްފަހު މަދީނާއަށް ހިޖުރަކުރެއްވިއެވެ.

އެކަމަނާއަށް ޢުޘްމާނު رضي الله عنهގެ ފަރާތްޕުޅުން ޢަބްދުﷲ ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ.

މުސްލިމުން ބަދުރު ހަނގުރާމައަށް ނުކުތުމުގެ ދުވަސްކޮޅެއް ކުރިން އެކަމަނާއަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އެހެންކަމުން ޢުޘްމާނު  رضي الله عنه ހަނގުރާމައަށް ވަޑައިނުގަންނަވާ އެކަމަނާގެ އަރިހުގައި މަޑުކުރެއްވުމަށް ރަސޫލުﷲ صلى الله عليه وسلم އެންގެވިއެވެ.

ފަހެ، މުސްލިމުން ބަދުރު ހަނގުރާމައިން އެނބުރި މަދީނާއަށް އައުމުގެ ކުރިން އެކަމަނާ އަވަހާރަ ވެއްޖެއެވެ.

*******

މަޞްދަރު: سير أعلام النبلاء / الجزء الثاني / ص: ٢٥١