[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަމައްތުޢުކޮށް ޙައްޖުކުރާނެ ގޮތުގެ ކުރުޚުލާޞާއެއް

 -މައްކާއަށް އައުމާއެކު: ޢުމްރާގެ ޠަވާފް (ޠަވާފުލް ޤުދޫމް) ކުރުން.

-ޛުލް ޙިއްޖާ މަހުގެ 8 ވަނަ ދުވަސް: އިޙްރާމުގައި މިނާގައި ތިބުން.

-ޛުލް ޙިއްޖާ މަހުގެ 9 ވަނަ ދުވަސް: ޢަރަފާތުގައި ތިބުން އަދި މުޛްދަލިފާގައި ރޭކުރުން.

-ޛުލް ޙިއްޖާ މަހުގެ 10 ވަނަ ދުވަސް: ބޮޑުޖަމްރާއަށް ހިލައުކުން، ހަދްޔު ކަތިލުން، ބޯ ބޭލުން ނުވަތަ ކޮށުން، ޠަވާފުލް އިފާޟާކުރުން.

-ޛުލް ޙިއްޖާ މަހުގެ 11، 12 ، 13: މިނާގައި ތިބުން.

-މައްކާއިން ފުރާދުވަސް: ޠަވާފުލް ވަދާޢު ކުރުން.

ޢުމްރާ (ޠަވާފުލް ޤުދޫމް)

އެންމެފުރަތަމަ ކަނޑައެޅިގެންވާ މީޤާތުުން އިޙުރާމް ބަނުން، އިޙުރާމް ބަންނައިރު لَبَّيكَ اللَّهُمَ بِعُمرْةٍ މިފަދައިން ދުލުންކިޔާނީއެވެ. ޢުމްރާ ފުރިހަމަ ނުކުރެވިދާނެކަމުގެ ބިރު ހީވާނަމަ “اللَّهُمَّ مَحَلِي حَيثُ حَبَسْتَنِي” މިފަދައިން ކިޔާށެވެ. އެއަށްފަހު ޤިބުލައަށް ކުރިމަތިލައިގެންހުރެ މިފަދައިން ކިޔާށެވެ “اللَّهُمَّ هَذِهِ عُمُرَةٌ لاَ رِيَاءَ فِيهَا وَلاَسُمْعَة”. ދެން އެއަށްފަހު އަޑު ހަރުކޮށް ތަލްބިޔާ ކިޔާށެވެ:

“لَبًّيكَ اللّهُمَ لَبَّيك, لَبَّيكَ لاَ شَرِيكَ لَكَ لَبَّيك إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ” އަދި މިފަދައިން ތަލްބިޔާއާއި އެކު ކިޔާށެވެ! لَبَّيكَ إِلَهَ الْحَقّ.

 ޠަވާފު ކުރުމަށްޓަކައި މަސްޖިދުލް ޙަރާމަށްވަނުން: ވަންނައިރު ކަނާތުފައި އިސްކުޅައުމާއެކު މިސްކިތަށް ވަންނަމުން ކިޔާ ދުޢާ ކިޔުން: اللَّهُمَ صَلِّ عَلَى مُحَمَّدٍ وَسَلِّم, اللَّهُمَ افْتَحْ لِي أَبْوَابَ رَحْمَتِك

ޠަވާފުކުރަން ފަށާނީ ޙަޖަރުލް އަސްވަދާއި ހަމައިންނެވެ. ފިރިހެނުން، އިޙްރާމުގެ ކަނާތްފަރާތް ކިހިލިފަތް ދަށަށް ލައި، ކަނައަތު ކޮނޑު ފައުޅުކުރަންވާނެއެވެ. ކޮންމެ ބުރެއް ފަށާއިރު الله أكبر ކިޔުމާއެކު ޙަޖަރުލް އަސްވަދަށް ކަނާތުން އިޝާރާތް ކުރަންވާނެއެވެ. މިގޮތަށް 7 ބުރު ޖަހާށެވެ. ފުރަތަމަ 3 ބުރު ފިރިހެނުން ހަލުވި ކަމާއެކު ގާތްގާތުގައި ފިޔަވަޅު އަޅަމުން ފުރިހަމަ ކުރާނީއެވެ. ދެން އެއަށްފަހު އާދައިގެ ހިނގުމެއްގައި ބާކީ 4 ބުރު ޖެހެންދެން ފުރިހަމަ ކުރާނީއެވެ. ކޮންމެ ބުރެއްގައިވެސް ރުކުނުލް ޔަމާނީ އާއި ޙަޖަރުލް އަސްވަދާއި ދެމެދު މިދުޢާ ކިޔުން ސުންނަތް ވެގެންވެއެވެ: رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَار

ޠަވާފްކޮށް ނިންމުމަށްފަހު ކޮނޑު ނިވާކޮށް، މަޤާމް އިބްރާހީމް ކައިރިއަށް ގޮސް މިފަދައިން (واتَّخِذُوْا مِنْ مَقَامِ إِبْرَاهِيْمَ مُصَلَّى) ކިޔުމަށްފަހު ކުޅަދާނަކަން ލިބިއްޖެ މީހަކު މަޤާމް އިބްރާހީމްގެ ފަހަތުގައި ސުންނަތް 2 ރަކުޢަތް ކުރާނީއެވެ. މަޤާމް އިބްރާހީމް ފަހަތުގައި ކުރުމަށް ދަތިވެއްޖެނަމަ، މަސްޖިދުލް ޙަރާމްގެ ކޮންމެތަނެއްގައިވެސް މިސުންނަތް ކުރެވިދާނެއެވެ. ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ކިޔެވުން ސުންނަތްވެގެންވަނީ ސޫރަތުލް ކާފިރޫން އެވެ. ދެވަނަ ރަކުޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތުލް އިޚްލާޞް އެވެ. ދެން ޒަމްޒަމް ފެން ބޯނީއެވެ. އަދި ބޮލަށް ކުޑަ ފެންފޮދެއް އަޅާލާނީއެވެ. ދެން އެއަށްފަހު ޙަޖަރުލް އަސްވަދަށް އިޝާރާތްކޮށް الله أكبر ކިޔުމާއެކު ސަޢުޔުކުރުމަށް ދާނީއެވެ.

ސަޢުޔުކުރުން: ސަޢުޔުކުރުމަކީ ޞަފާ އާއި މަރުވާ ދެމެދު ހިނގުމެވެ. ސަޢުޔުކުރަން ފަށާނީ ޞަފާއިންނެވެ. ޞަފާއަށް އަރަމުން މިފަދައިން ކިޔާށެވެ.

﴿إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ﴾ نَبْدَأُ بِمَا بَدَأَ الله بِهِ

ޞަފާއާއި މަރުވާގައި ކޮންމެފަހަރަކު އަންނަނިވި ދުޢާ 3 ފަހަރު ކިޔާނީއެވެ.

“الله أكبر, الله أكبر, الله أكبر, لا إله إلا الله وحده لا شريك له, له الملك وله الحمد يحيي ويميت وهو على كل شيء قدير, لا إله إلا الله وحده لا شريكله, أنجز وعده ونصر عبده وهزم الأحزاب وحده”

ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު މިދުޢާކިޔުމަށްފަހު، އެމީހަކު ބޭނުންް ދުޢާއެއް ކުރެވިދާނެއެވެ. މޮޅުއިތުރުވެގެންވަނީ ސުންނަތުން ޘާބިތު ދުޢާތައް ކިޔުމެވެ.

ޞަފާއިން މަރުވާއަށް އަދި މަރުވާއިން ޞަފާއަށް ހިނގުމުގައި އަންނަނިވި ދުޢާ ކިއިދާނެއެވެ. : رَبِّاغْفِرْ وَارْحَم, إِنَّكَ أَنْتَ الأَعَزُّ الأَكْرَمُ

ޞަފާއިން މަރުވާއަށް އެއީ ބުރެކެވެ. އަދި މަރުވާއިން ޞަފާއަށް އެނބުރި އައުން އެއީ ވެސް ބުރެކެވެ. އެގޮތުން 7 ވަނަ ބުރު ނިމޭނީ މަރުވާއަށެވެ. މިހިނގުމުގެ ތެރޭގައި ފެހިކުލައިން ޖެހިފައިވާ ދެ ފާހަގަ ދެމެދުގައި ފިރިހެނުން ދުވަން ވާނެއެވެ.

މަސްޖިދުލް ޙަރާމް އިން ނުކުންނައިރު އެހެނިހެން މިސްކިތްތަކުން ނިކުންނަ ފަދައިން، ވާއަތު ފައި އިސްކުރުމާއި އެކު މިފަދައިން ކިޔުން ސުންނަތްވެގެން ވެއެވެ : اللهمَّ صَلِ عَلَى مُحَمَدٍ وَسَلِّم, اللهمَّ إِنِي أَسْأَلُكَ مِنْ فَضْلِكَ

ދެންއެއަށްފަހު ފިރިހެނުން ބޯ ބޭލުން، ނުވަތަ ހުރިހާ ހިސާބެއް އެއްވަރަކަށް ކޮށުން، އަންހެނުން އިނގިލީގެ ބަދައިގެ މިންވަރަށް ކަނޑާލާނީއެވެ. މިހިސާބުން އިޙްރާމް ކެނޑުނީއެވެ. އިޙްރާމުގެ ސަބަބުން ޙަރާމްވީ އެންމެހައި ކަންތައް ހުއްދަވީއެވެ. ދެން ޙައްޖު މަހުގެ 8 ވަނަ ދުވަހަށް އިންތިޒާރުކުރާށެވެ.

ޛުލް ޙިއްޖާ މަހުގެ 8 ވަނަ ދުވަސް:(ޔައުމުއް ތަރުވިޔާ)

ފަޖުރާއި ޡުހްރާއި(މެންދުރާއި) ދެމެދުގެ ވަގުތެއްގައި ޙައްޖަށް އިޙުރާމް ބަންނާށެވެ. ޙައްޖަށް އިޙުރާމް ބަންނައިރު މިފަދައިން ކިޔުން: لبيك اللهمَ بِحَجٍّ.  ޙައްޖު  ފުރިހަމަ ނުކުރެވިދާނެކަމުގެ ބިރު ހީވާނަމަ މިފަދައިން ކިޔާށެވެ “اللَّهُمَّ مَحَلِي حَيثُ حَبَستَنِي”.

މިނާގައި މަޑުކުރުން:

އެއަށްފަހު މިނާގައި މަޑުކުރާނީއެވެ. މިނާގައި ތިބޭއިރު މެންދުރު، އަޞުރު، މަޣްރިބް އަދި އިޝާ ނަމާދު ކުރާނީ ޤަޞްރުކޮށް ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައެވެ.

ޛުލް ޙިއްޖަ މަހުގެ 9 ވަނަ ދުވަސް: ޔައުމުލް ޢަރަފާތް)

ޢަރަފާތުގެ ބިމުގައި ތިބުން: ފަތިސް ނަމާދު މިނާގައި ކުރުމަށްފަހު އިރުއެރުމުން، ޢަރަފާތަށް ދިއުމަށްޓަކައި ދަތުރުފަށާނީއެވެ. އަދި މިހާހިސާބުން ތަލްބިޔާ ކިޔަން ފެށިދާނެއެވެ. لَبًّيكَ اللّهُمَ لَبَّيك, لَبَّيكَ لاَ شَرِيكَ لَكَ لَبَّيك إِنَّ الْحَمْدَ وَالنِّعْمَةَ لَكَوَالْمُلْك لاَشَرِيكَ لَكَ.

ނަމިރާގައި މަޑުކުރުން: މިތަނުގައި ޒަވާލް ވަޤުތާއި ހަމައަށް މަޑުކުރުން، އެއީ އިރު މެދު ޖެހޭ ވަޤުތާއި ހަމައަށް މަޑުކުރުމެވެ. އެއަށްފަހު އުރަނަށް ގޮސް ޚުތުބާ އަޑުއަހާނީއެވެ. އެއަށްފަހު މެންދުރު ވަޤުތު، މެންދުރާއި އަޞްރު ޖަމްޢުކޮށް އަދި ޤަޞްރުކޮށް ކުރާނީއެވެ. އެއް ބަންގިއާއި ދެ ޤަމަތުގެ މައްޗަށެވެ. މި 2 ނަމާދުގެ ދެމެދުގައި އަދި ފަހުންވެސް އެހެން ނަމާދެއް ކުރުމެއް ނެތެވެ. ދެންއެއަށްފަހު ޢަރަފާތުގައި އިރުއޮށްސެންދެން ޖަބަލުއްރަޙްމާ ކައިރީގައި ދުޢާކުރުމުގައި  ހުންނާނީއެވެ. އެކަމަށް ކުޅަދާނަ ނުވެއްޖެނަމަ ޢަރަފާތުގެ ކޮންމެތަނެއްގައިވެސް ހުރެވިދާނެއެވެ. އެއަށްފަހު ޤިބުލައަށް ކުރިމަތިލައިގެން ހުރެ ދެއަތް މައްޗަށް ނަގައި ދުޢާކުރާނީއެވެ. އަދި ތަލްބިޔާވެސް ކިއިދާނެއެވެ.

އަދި މިފަދައިން ގިނަގިނައިން ކިޔުން: لا إله إلا الله وحده لا شريك له, له الملك وله الحمد, وهو على كل شيء قدير މިއީ މިދުވަހު ކުރުން އެންމެ ހެޔޮ ދުޢާއެވެ.

އިރު އޮއްސުމާއި އެކު މުޛްދަލިފާއަށް ދިއުމަށް ދަތުރު ފަށާނީއެވެ.

މުޛްދަލިފާގައި މަޑުކުރުން:

މުޛްދަލިފާގައި މަޣުރިބްނަމާދާއެކު އިޝާނަމާދު އެއްވަގުތެއްގައި ޤަޞްރުކޮށް ކުރާނީއެވެ. މިދެނަމާދުގެ ދެމެދުގައި އެހެން އެއްވެސް ނަމާދެއް ކުރުމެއް ނެތެވެ. ވިތުރިއަށް ފަހުވެސް ހަމަ އެފަދައެވެ. އެއަށްފަހު ފަޖުރުވުމާއި ހަމައަށް މުޛްދަލިފާގެ ބިމުގައި ނިދާށެވެ.

ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަސް ( ޔައުމުއްނަޙްރު)

ފަތިސް ނަމާދު: ނަމާދު ވަޤުތުގެ ކުރީކޮޅުގައި ކުރާށެވެ. އެއަށްފަހު މަޝްޢަރުލްޙަރާމަށް އަރާށެވެ. އެކަމަށް ނުކުޅެދިއްޖެނަމަ މުޛްދަލިފާގެ ކޮންމެ ތަނެއްގައި ހުރިކަމުގައިވީނަމަވެސް މައްސަލައެއްނެތެވެ.

އަދި ޤިބްލައަށް ކުރިމަތިލައިގެން ހުރެ މިފަދައިން ކިޔާށެވެ.

الحمد لله, الله أكبر, لا إله إلا الله.

އެއަށްފަހު އުދަރެހުން ރީނދޫކުލަ ފެނިއްޖައުމަށް ދާންދެން ދުޢާކުރުމުގައި ވަޤުތު ހޭދަކުރާށެވެ. އެއަށްފަހު އިރު އެރުމުގެ ކުރިން، މިނާއަށް ދިއުމަށްޓަކައި ދަތުރު ފަށާށެވެ. އަދި ތަލްބިޔާ ކިޔާށެވެ.

 ހިލައުކުން

ހިލައުކުމަށްޓަކައި މިނާއިން ހިލަ ހޮވާށެވެ. އެންމެ މަދުވެގެން ހަތް ހިލަކޮޅު ހޮވަންވާނެއެވެ. އިރު އެރުމާއި އިރު އޮއްސުމާއި ދެމެދުގެ ވަޤުތެއްގައި ޖަމުރަތުލް އަޤަބާއަށް ގޮސް 7 ހިލަކޮޅު އުކާށެވެ. ހިލައުކާއިރު، ޖަމުރާއަށް ކުރިމަތިލައިގެން ، މައްކާ ވާއަތް ފަރާތައް ވާގޮތަށް އަދި މިނާ ކަނައަތް ފަރާތައް ވާގޮތައް ހުންނާށެވެ. އަދި ކޮންމެ ހިލަކޮޅަކާއެކު الله أكبر މިފަދައިން ކިޔާށެވެ.

 ހިލައުކުމަށްފަހު އިޙްރާމް ކަނޑާނީއެވެ. އެހެނީ، ބޯ ބާލާނީއެވެ. ނުވަތަ ކުރުކޮށް އެއްވަރަކަށް ކޮށާލާނީއެވެ. ނުވަތަ ހަދްޔު ކަތިލުމުންވެސް ތަޙައްލުލް ވެވިދާނެއެވެ. އެހެނީ އެހިނދުން އިޙްރާމުގެ ސަބަބުން ޙަރާމްވީ ކަންތައްތަކުގެ ތެރެއިން ޖިންސީގުޅުން ނޫން އެންމެހައި ކަންތައްތަކެއް ޙަލާލްވެގެންދާނެއެވެ.

ހަދްޔުކަތިލުން

ހަދްޔުކަތިލުމަށްޓަކާ ގެނައި ނަޢަމް ސޫފީގެ މޫނު ޤިބުލައަށްވާނޭހެން، ވާތަށް ވާގޮތަށް ބާއްވާށެވެ. އަދި އެއަށްފަހު، ކަނާތުފައި އޭގެ ކަނާތްފަރާތުގައި ބޭއްވުމަށްފަހު، އަންނަނިވި ދުޢާ ކިޔުމަށްފަހު ކަތިލާނީއެވެ.

بِسْمِ اللَّهِ وَاللَّه أَكْبَر

اللَّهُمَ إِنَّ هَذَا مِنْكَ وَلَكَ اللَّهُمَّ تَقَبَّلْ مِنِّي

ޖަމަލެއްނަމަ، ޖަމަލު ގިބުލައަށް ވާނޭހެން ކޮޅަށް ބެހެއްޓުމަށްފަހު، ބަޔާންވެދިޔަ ދުޢާ ކިޔުމަށްފަހު، ޖަމަލުގެ ކަރަށް ކަތިލަން ބޭނުންކުރާ އެތި ހަރާލާނީއެވެ.

ބޯ ބޭލުން

ހަދްޔު ކަތިލުމަށްފަހު ފިރިހެނުން ބޯ ބާލާނީއެވެ. ކުރުކޮށް ހުރިހާ ފަރާތެއް އެއްވަރަށް ކޮށުންވެސް ހުއްދައެވެ. ނަމަވެސް އެންމެރަނގަޅީ ބޭލުމެވެ. އަންހެނުން އިނގިލީގެ 3 ބައިކުޅަ އެއްބައިގެ މިންވަރަށް އިސްތަށިގަނޑުން ކަނޑާލާނީއެވެ.

އެއައްފަހު ޠަވާފުލް އިފާޡާ ކުރުމަށްޓަކައި މައްކާއަށް ދާނީއެވެ.

ޠަވާފުލް އިފާޡާ

ޠަވާފު ކުރުމަށްޓަކައި މަސްޖިދުލް ޙަރާމަށްވަނުން: ވަންނައިރު ކަނާތުފައި އިސްކުޅައުމާއިއެކު މިސްކިތައް ވަންނަމުން ކިޔާ ދުޢާ ކިޔުން: اللَّهُمَ صَلِّ عَلَى مُحَمَّدٍ وَسَلِّم, اللَّهُمَ اِفْتَحْ لِي أَبْوَابَ رَحْمَتِك

މި ޠަވާފުކުރުމަށް އިޙުރާމް ބަނުމެއް ނެތެވެ. ޙަޖަރުލް އަސްވަދުން ޠަވާފަށް ފަށާނީއެވެ. އަދި ކޮންމެ ބުރެއް ފަށަމުން الله أكبر ކިޔަންވާނެއެވެ. އާދައިގެ ހިނގުމެއްގައި 7 ބުރު ހަމަކުރާނީއެވެ. ކޮންމެ ބުރެއްގައި ރުކުނުލްޔަމާނީއާއި ޙަޖަރުލް އަސްވަދާއި ދެމެދު މިފަދައިން ކިޔުން ސުންނަތްވެގެން ވެއެވެ:

﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

މަޤާމް އިބްރާހީމް ކައިރިއަށް ގޮސް މިފަދައިން (واتَّخِذُوْا مِنْ مَقَامِ إِبْرَاهِيْمَ مُصَلَّى) ކިޔުމަށްފަހު ކުޅަދާނަކަން ލިބުނުނަމަ މަޤާމް އިބްރާހީމްގެ ފަހަތުގައި ސުންނަތް 2 ރަކުޢަތުގެ ނަމާދެއް ކުރާނީއެވެ، ކުޅަދާނަކަން ނުލިބުނުނަމަ މަސްޖިދުލް ޙަރާމްގެ ކޮންމެތަނެއްގައިވެސް މިސުންނަތް ކުރެވިދާނެއެވެ. ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ކިޔަވާނީ ސޫރަތުލް ކާފިރޫން އެވެ. ދެވަނަ ރަކުޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ކިޔަވާނީ ސޫރަތުލް އިޚްލާސް އެވެ. ދެން ޒަމްޒަމް ފެން ބޯނީއެވެ. އަދި ބޮލަށް ކުޑަ ފެންފޮދެއް އަޅާލާނީއެވެ. ދެން އެއަށްފަހު ޙަޖަރުލް އަސްވަދަށް އިޝާރާތްކޮށް الله أكبر ކިޔުމާއި އެކު ސަޢުޔުކުރުމަށް ދާނީއެވެ.

ސަޢުޔުކުރުން: ސަޢުޔުކުރުމަކީ ޞަފާ އާއި މަރުވާ ދެމެދު ހިނގުމެވެ. ސަޢުޔުކުރަން ފަށާނީ ޞަފާއިންނެވެ. ޞަފާއަށް އަރަމުން މިފަދައިން ކިޔާށެވެ.

﴿إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ﴾  نَبْدَأُ بِمَا بَدَأَ الله بِهِ

ޞަފާއާއި މަރުވާގައި ކޮންމެފަހަރަކު އަންނަނިވި ދުޢާ 3 ފަހަރު ކިޔާނީއެވެ.

“الله أكبر, الله أكبر, الله أكبر, لا إله إلا الله وحده لا شريك له, له الملك وله الحمد يحيي ويميت وهو على كل شيء قدير, لا إله إلا الله وحده لا شريكله, أنجز وعده ونصر عبده وهزم الأحزاب وحده”

ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު މިދުޢާކިޔުމަށްފަހު، އެމީހަކު ބޭނުންް ދުޢާއެއް ކުރެވިދާނެއެވެ. މޮޅުއިތުރުވެގެންވަނީ ސުންނަތުން ޘާބިތު ދުޢާތައް ކިޔުމެވެ.

 ޞަފާއިން މަރުވާއަށް އަދި މަރުވާއިން ޞަފާއަށް ހިނގުމުގައި މިފަދައިން ކިޔުން ސުންނަތްވެގެން ވެއެވެ. : رَبِّ اغْفِرْ وَارْحَم, إِنَّكَ أَنْتَ الأَعَزُّ الأَكْرَمُ

ޞަފާއިން މަރުވާއަށް އެއީ ބުރެކެވެ. އަދި މަރުވާއިން ޞަފާއަށް އެނބުރި އައުން އެއީ ވެސް ބުރެކެވެ. އެގޮތުން 7 ވަނަ ބުރު ނިމޭނީ މަރުވާއަށެވެ. މިހިނގުމުގެ ތެރޭގައި ފެހިކުލައިން ޖެހިފައިވާ ދެ ފާހަގަ ދެމެދުގައި ފިރިހެނުން ދުވަން ވާނެއެވެ.

މަސްޖިދުލް ޙަރާމް އިން ނުކުންނައިރު އެހެނިހެން މިސްކިތްތަކުން ނިކުންނަ ފަދައިން، ވާއަތު ފައި އިސްކުރުމާއެކު މިފަދައިން ކިޔުން ސުންނަތްވެގެން ވެއެވެ : اللهمَّ صَلِ عَلَى مُحَمَدٍ وَسَلَّم, اللهمَّ إِنِي أَسْأَلُكَ مِنْ فَضْلِكَ

 އައްޔާމުލް ތަޝްރީޤު( ޛުލް ޙިއްޖާ މަހުގެ 11،12،13)

ހިލައުކުމަށްޓަކައި މިނާގައި މަޑުކުރުން

ތިން ޖަމުރާއަށް ހިލައުކުން، ހިލައުކުމުގެ ވަގުތަކީ އިރު މެދުޖެހުނީންސުރެން އިރު އޮއްސުމަށް ދާންދެނެވެ. ކޮންމެ ދުވަހަކަށް 21 ހިލަކޮޅު ބޭނުންވާނެއެވެ. ހިލައުކުމަށްޓަކައި ފުރަތަމަ ޖަމުރާއަށް ކުރިމަތިލުމަށްފަހު، މައްކާ ވާއަތް ފަރާތަށް ވާނޭހެން، އަދި މިނާ ކަނާތް ފަރާތަށް ވާނޭހެން ހުންނާނީއެވެ. އެއަށްފަހު ތަކުބީރު (الله أكبر )ކިޔުމަށްފަހު ކޮންމެ ހިލަކޮޅެއްވެސް ޖަމުރާއަށް އެއްލާނީއެވެ.

ފުރަތަމަ ޖަމުރާއަށް ހިލައުކުމަށްފަހު ޤިބުލައަށް ކުރިމަތިލައިގެން ފުރަތަމަ ޖަމުރާ ކަނައަތް ފަރާތަށް ވާނޭހެން ހުރުމަށްފަހު ދެއަތް އުފުލައި ބޭނުން ދުޢާއެއް ކުރާނީއެވެ.

އެއަށްފަހު ދެވަނަ ޖަމުރާއަށް ކުރިމަތިލައިގެން މައްކަ ވާތްފަރާތައް، އަދި މިނާ ކަނާތްފަރާތަށް ވާނޭހެން ހުރުމަށްފަހު ފުރަތަމަ ޖަމުރާއަށް ހިލައުކިފަދައިން ހަތް ހިލަކޮޅު މިޖަމުރާއަށްވެސް އެއްލާނީއެވެ. މިޖަމުރާއަށް ހިލައުކުމަށްފަހު ޤިބުލައަށް ކުރިމަތިލައިގެން ދެވަނަ ޖަމުރާ ކަނައަތް ފަރާތަށް ވާނޭހެން ހުރުމަށްފަހު ދެއަތް އުފުލައި ބޭނުން ދުޢާއެއް ކުރާނީއެވެ.

އެއަށްފަހު ތިންވަނަ ޖަމުރާއަށް ކުރިމަތިލައިގެން މައްކާ ވާތްފަރާތައް، އަދި މިނާ ކަނާތްފަރާތަށް ވާނޭހެން ހުރުމަށްފަހު ފުރަތަމަ ޖަމުރާއަށް ހިލައުކިފަދައިން ހަތް ހިލަކޮޅު މިޖަމުރާއަށްވެސް އެއްލާނީއެވެ. މިޖަމުރާއަށް ހިލައުކުމަށްފަހު ދުޢާ ކުރުމެއް ނެތެވެ.

ޛުލް ޙިއްޖާމުހުގެ 13 ވަނަ ދުވަހު ހިލައުކުމަށްފަހު މިނާއިން މައްކާއަށް ދާނީއެވެ. އެއަށްފަހު މައްކާއިން ފުރުމުގެ ކުރިން ޠަވާފުލް ވަދާޢު އެންމެފަހު ކަމެއްގެ ގޮތުގައި ކުރާށެވެ.

ޠަވާފުލް ވަދާޢު

ޠަވާފުލް ވަދާޢުކުރުމަށްޓަކައި އަލްމަސްޖިދުލް ޙަރާމަށް ވަންނާނީއެވެ. ވަންނައިރު ކަނާތުފައި އިސްކުރުމާއި ދުޢާ ކިޔުންވެއެވެ. މިޠަވާފަށް އިޙުރާމެއް ބޭނުމެއް ނުވެއެވެ. އެއަށްފަހު، އެހެން ޠަވާފެކޭވެސް އެއްފަދައިން މަޑުމަޑު ހިނގުމެއްގައި ޠަވާފުގެ 7 ބުރު ފުރިހަމަކުރާނީއެވެ. ޠަވާފުލް ވަދާޢުގައި ސަޢުޔުކުރުމެއް ނުވެއެވެ.

ޠަވާފުލް ވަދާޢު ކުރުމަށްފަހު ޙައްޖުގެ އަޅުކަން ނިމުމަކަށް އައީއެވެ.