އަދި އެޤިސްމުގެ ދެވަނަ ފަޞްލުގައްޔާއި ތިންވަނަ ފަޞްލުގައި ގެންނަވާފައިވަނީ ޙަދީޘް ލިޔުން ނަހީކުރައްވާފައިވާ ބަސްފުޅުތަކެވެ.[1] އެއީ އެކަމާ ގުޅުންހުރި ޙަދީޘްތަކާއި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ބަސްފުޅުތަކެވެ.
އަދި ދެވަނަ ޤިސްމުގެ ފުރަތަމަ ފަޞްލުގައި ގެންނަވާފައިވަނީ ކީރިތި ޤުރުއާން ފިޔަވާ އެހެން އެއްޗެއް ލިޔެރައްކާތެރިކުރުމަކީ އެދެވިގެން ނުވާކަމެއްކަމުގައި އެބޭކަލުން ބަޔާންކުރައްވި ސަބަބު އަންގައިދޭ ރިވާޔަތްތަކެވެ.
އޭގެ ޚުލާޞާއަކީ:
“(ޙަދީޘް) ލިޔުމަކީ އެދެވިގެންވާކަމެއް ނޫންކަމުގައި ފުރަތަމަ ޖީލުތަކުގައި އުޅުއްވި ބައެއް ބޭކަލުން ވިދާޅުވަމުން ދިޔައީ ކީރިތި ޤުރުއާނާ އެއްހަމަ އެއްޗެއްގެ ގޮތުގައި އެއްވެސް އެއްޗެއް ނުހެދުމަށެވެ. ނުވަތަ ކީރިތި ޤުރުއާން ދޫކޮށްލާފައި އެހެން އެއްޗެއްގައި މީސްތަކުން މަޝްޣޫލުވެދާނެތީއެވެ. އަދި އެދުވަސްވަރުގައި ޢިލްމީ ފޮތްތަކާއި އެފޮތްތައް ލިޔުން ނަހީކުރެވުނީ ފިޤުހުވެރިމީހުން މަދުވީމައެވެ. އަދި ވަޙީއާއި އެނޫންތަކެތި ވަކިކުރަން އެނގޭމީހުން އޭރު މަދުވީމައެވެ. އެހެނީ އޭރުގައި އުޅުނު ރަށްފުށު މީހުންކުރެ ގިނަމީހުންނީ ދީނުގައި ފިޤުހުވެރި ބައެއް ނޫނެވެ. އަދި ޢިލްމުވެރިންގެ އަރިހުން އުނގެނުނު ބައެއްވެސް ނޫނެވެ. އެހެންކަމުން އެބައިމީހުންނަށް ލިބޭ ފަތްފުށްތަކުގައިވާ ތަކެއްޗަކީ ކީރިތި ޤުރުއާންކަމަށް ހީކުރުމުގެ ނުރައްކާތެރިކަން އޭރު ވަރަށް ބޮޑެވެ.”[2]
އަދި ދެވަނަ ޤިސްމުގެ ދެވަނަ ފަޞްލު ފައްޓަވަމުން އެހެން ސަބަބުތަކެއްވެސް ބަޔާންކުރައްވާފައިވެއެވެ. އެއީ:
“އޭރު މީސްތަކުންނަށް އަމުރުވެވުނީ ސުންނަތްތައް ހިތުދަސްކުރުމަށެވެ. އެހެނީ އޭރު ސަނަދު ވަރަށް ކުރެވެ. އަދި (ނަބިއްޔާ ﷺ ގެ) ދުވަސްވަރާ އެދުވަސްވަރު މާދުރެއް ނޫނެވެ. އަދި ލިޔާ އެއްޗެއްގެ މައްޗަށް ހަމައެކަނި ބަރޯސާވުން އެބޭކަލުންނަށް ނަހީކުރެވުނެވެ. އެހެނީ އޭގެ ސަބަބުން ހިތުދަސްކުރުން އެކީ އުވިގެން ގޮސްފާނެތީއެވެ. އެއީ ނުލިޔާނަމަ ހިތުދަސްކުރުމުގެ ބާރު ގަދަވެއެވެ. އެއީ އިންސާނާ ދާ ކޮންމެ ތަނަކަށްމެ އޭނާގެ ހިތުދަސްކުރުން ގެންދެވޭނެއެވެ. އެހެންކަމުން ސުފްޔާން އައްޘައުރީ ވިދާޅުވިއެވެ. “ޢިލްމު ރައްކާކުރުމަށްޓަކައި ފޮތްފުށްތައް މިއީ ރަނގަޅުތަނެއް ނޫނެވެ.”
އެއާއެކު ސުފްޔާނުވެސް (ޙަދީޘް) ލިޔުއްވިއެވެ. ލިޔާ އެއްޗަކަށް ބަރޯސާވުން ދޫކޮށްލާ ހިތުދަސްކުރުމަށް ސުފްޔާނު އަމުރުކުރައްވާފައި ޙާލު އެކަލޭގެފާނުވެސް ލިޔުއްވީ ރައްކާތެރިކަމުގެ ގޮތުންނާއި ކަށަވަރުކުރުމުގެ ގޮތުންނެވެ. ސަލަފުންގެ އެތައް ބޭކަލުންނެއް އެފަދައިން ޙަދީޘް ލިޔެ އެދަސްކޮށް ރަނގަޅަށް ޔަޤީންވުމުން އެލިޔުއްވި އެއްޗެއް ފޮހެލައްވައެވެ. އެއީ ލިޔުމަށް ބަރޯސާވުމުން ހިތުދަސްކުރުމުގެ ބާރުދެރަވެ ހިތުދަސްކޮށްފައިވާ އެއްޗަކަށް ސަމާލުކަން ދިނުމުން ދުރުހެލިވެވޭތީއެވެ.[3]
= ނުނިމޭ =
_______________________________
[1] މިދެފަޞްލުގައި ޚަތީބުލް ބަޣްދާދީވަނީ ވަރަށް ގިނަ ބަސްފުޅުތަކެއް ގިނަ ސަނަދުތަކަކުން ގެންނަވާފައެވެ. ނަމަވެސް އޭގެ ގިނަ ރިވާޔަތްތައް ޞައްޙައެއް ނޫނެވެ. އައްޝައިޚް ޢަބްދުއްރަޙްމާނު އަލްމުޢައްލިމީ-رحمه الله – ވަނީ އެކަން ބަޔާންކުރައްވާފައެވެ. އެގޮތުން ޞަޙާބީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތައް ދިރާސާކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ އެއީ ބަލިކަށި ރިވާޔަތްތަކެއްކަމުގައެވެ. އެއަށްފަހު ވިދާޅުވިއެވެ. މިބަސްފުޅުތައް ޞައްޙަވިނަމަ ވާނީ ތިމަންމެން ބުނި ބަހަށް ލިބޭ ޙުއްޖަތަކަށެވެ. އެހެނީ ނަބިއްޔާ ޙަދީޘް ލިޔުމަކީ މުޅިން މަނާކަމެއްކަމުގައި ޙަދީޘްކުރެއްވިނަމަ އަބޫބަކުރުގެފާނު ޙަދީޘްތަކެއް އެއްކުރައްވާފައި ދެން އެއަންދަވާނުލެއްވީހެވެ. އަދި ޢުމަރުގެފާނުވެސް އެކަމަށް ޢަޒުމުކަނޑައަޅުއްވާފައި އެކަން ދޫކޮށްނުލެއްވީހެވެ. އަދި އެނޫންބޭކަލުންވެސް ލިޔުއްވާފައި އެލިޔުއްވި އެއްޗެއް ފުހެ ނުލެއްވީހެވެ. އަންދަވާލި ބޭކަލުން އަންދަވާލި ސަބަބު އަދި ފުހެލެއްވި ބޭކަލުން ފުހެލެއްވި ސަބަބުން މިރިވާޔަތްތަކުގައި ޞަރީޙަކޮށް ބަޔާންކުރެއެވެ. އޭގެ ތެރޭގައި ﷲ ގެ ރަސޫލާ ނަހީކުރެއްވުމުން އެފަދައިން ޢަމަލުކުރެއްވީކަމުގައި އެއްވެސް ބޭކަލަކު ޞަރީޙަކޮށް ވިދާޅުނުވެއެވެ.
ބައްލަވާ: الأنوار الكاشفة ص: 37 – 39
[2] ބައްލަވާ: تقييد العلم ص: 57.
[3] تقييد العلم ص: 58، އަދި ހަމައެފަދައިން الجامع لابن عبد البر 1 / 69. ގައިވެއެވެ.