އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ.
“(ސަނާކިއުންވަނީ ދެގޮތަކަށެވެ.) މީހަކު ނެތް ތަނެއްގައިވެސް، އެހެންމީހަކު އޭނާއަށް ސަނާކިޔާފާނެއެވެ. އަދި އެމީހާގެ ކުރިމަތީގައިވެސް ސަނާކިޔާފާނެއެވެ. އެމަޖިލީހުގައި ނެތް މީހަކަށް ސަނާކިޔުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް އެއީ ދޮގެއް ނަހަދާހާ ހިނދަކުއެވެ. ފަހެ، އޭނާ ދޮގެއް ހަދައިފިނަމަ އެފަދައިން ސަނާކިއުން ހުއްދަވެގެން ނުވެއެވެ. ސަނާ ކިޔޭމީހާ އެމަޖިލީހުގައި ނެތްކަމުގައި ވިޔަސްމެއެވެ. އެޙާލަތުގައި އެކަން ހުއްދަނުވަނީ ސަނާކީމައެއް ނޫނެވެ. އެހެނަސް ދޮގު ހެދީމައެވެ.”
ސަނާކިއުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވަމުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِيَّاكُمْ وَالتَّمَادُحَ، فَإِنَّهُ الذَّبْحُ» [رواه ابن ماجه ٣٧٤٣]
މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ސަނާކިޔުމަށް ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޛަބަޙަކުރުމެވެ.”
އެބަހީ: ސަނާކިއުމުގެ ނުރައްކާތެރިކަން ޛަބަޙަކުރުމާ އެއްފަދައެވެ. ފަހެ، ތިބާގެ އަޚާގެ ކުރިމަތީގައި އޭނާއަށް ސަނާކިޔުމަކީ ވަޅިއަކުން އޭނާ ކަތިލުންފަދަ ކަމެކެވެ.
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
«ذَبْحُ الرَّجُلِ أَنْ تُزَكِّيَهُ فِي وَجْهِهِ» [رواه ابن أبي الدنيا في الصمت ٥۹٦ ، وصححه الألباني]
މާނައީ: “މީހަކު ޛަބަޙަކުރުމަކީ އޭނާގެ ކުރިމަތީގައި އޭނާގެ ރަނގަޅު ވާހަކަ ދެއްކުމެވެ.”
މިފަދައިން ސަނާކިޔުމަކީ ސަނާކިޔާމީހާއާއި ސަނާކިޔުނުމީހާގެ ދީނަށް ވަރަށް ބޮޑަތި އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އެހެންކަމުން ނަބިއްޔާ صلى الله عليه وسلم އެކަން ސިފަކުރައްވާފައިއެވަނީ ޛަބަޙަކުރުން ފަދައިންނެވެ. އެކަމުގެ ސަބަބުން ހިތް މަރުވެއެވެ. އަދި ސަނާކިޔުނުމީހާގެ ދީންވެރިކަން ކުޑަވެގެންދެއެވެ. އަދި އޭގެ ސަބަބުން އޭނާގެ ޙާލަތު ބަދަލުވެއެވެ. އަދި އޭނާގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަމުގެ ޝުޢޫރު އުފެދެއެވެ. އަދި އޭނާއަކީ ސަނާލިބުން ޙައްޤު މީހެއްކަމުގައި އޭނާއަށް ފެނެއެވެ. ވަކިން ޚާއްޞަކޮށް ދުނިޔެއަށް ލޯބިޖެހިފައިތިބޭ މީހުންނަށް މިކަމުގެ ނުރައްކާތެރިކަން ބޮޑެވެ. އެހެންކަމުން ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ.
“މީހުންގެ ފަރާތުން ސަނާލިބުމަށް އެދޭ އަދި މީހުންގެ ތެރޭގައި މަޝްހޫރުވުމަށް އެދޭ މީހަކު ތިބާއަށް ހެޔޮކަމެއްކޮށްދިނަސް އޭނާ އެކުރިކަމަކަށް އޭނާއަށް ސަނާނުކިޔާށެވެ. އެހެނަސް އޭނާއަށް ދުޢާ ކޮށްދޭށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.
«مَنْ صُنِعَ إِلَيْهِ مَعْرُوفٌ فَقَالَ لِفَاعِلِهِ: جَزَاكَ اللَّهُ خَيْرًا فَقَدْ أَبْلَغَ فِي الثَّنَاءِ» [رواه الترمذي ٢٠٣٥]
މާނައީ: “މީހަކު ހެޔޮކަމެއް ކޮށްދިނުމުން، އެކަން އެކޮށްދިންމީހާގެ ގާތުގައި ‘ﷲ، ތިބާއަށް ހެޔޮޖަޒާ ދެއްވާށިއެވެ.’ (މިފަދައިން) ބުނިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ އެވަނީ ހެޔޮގޮތުގައި ޝުކުރުއަދާކޮށްފައެވެ.”
އޭނާއަށް ދުޢާކޮށް ދިނުމުގައި މައްސަލައެއް ނެތެވެ.
=ނުނިމޭ=
______________________________________________________
މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.