ތިބާއަށް ހެޔޮކަމެއްކޮށްދީފައިވާ މީހާ، ތިބާއަށް އެކަންކޮށްދިނުމަށް ފަހު، އެކިމަޖުލިސްތަކުގައި ތިބާ އޭނާއަށް ސަނާކިޔާ އަދި އޭނާގެ ވާހަކަދައްކާ އުޅުމަށް އޭނާ އެދޭކަން ތިބާއަށް އެނގިއްޖެނަމަ އެޙާލަތުގައި އޭނާއަށް ސަނާނުކިޔާށެވެ.
އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ވަނީ ސަނާކިއުމުގައި ހައްދުފަހަނައަޅާދިއުން ނަހީކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«لاَ تُطْرُونِي، كَمَا أَطْرَتْ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ، وَرَسُولُهُ» [رواه البخاري ٣٤٤٥]
މާނައީ: “މަރްޔަމުގެފާނުގެ ދަރިކަލުންނަށް ސަނާކިއުމުގައި ނަޞާރާއިން ހައްދުފަހަނައަޅާދިޔަ ފަދައިން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ސަނާކިއުމުގައި ހައްދުފަހަނައަޅާ ނުދާށެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ﷲ ގެ އަޅެކެވެ. ފަހެ، ތިޔަބައިމީހުން ބުނާށެވެ. ﷲ ގެ އަޅާ އަދި އެއިލާހުގެ ރަސޫލާއެވެ.”
އިންސާނުންގެ ތެރެއިން ސަނާކިއުން އެންމެ އެދެވިގެންވަނީ އެކަލޭގެފާނަށެވެ. ސަނާނުކިޔާށޭ، އެކަލޭގެފާނު ޙަދީޘް ނުކުރައްވައެވެ. ނަމަވެސް ޙަދީޘްކުރެއްވީ «لاَ تُطْرُونِي» އެވެ. އެބަހީ: ސަނާކިޔުމުގައި ހައްދުފަހަނައަޅާ ނުދާށެވެ. އަދި ﷲ ތަޢާލާ، އެއިލާހުގެ އަޅުތަކުންނަށް ދެއްވާފައިވާ މަންޒިލަށްވުރެ މައްޗަށް އެބައިމީހުން ނުއުފުލާށެވެ. އެކަލޭގެފާނަކީ ސަނާގެ ބަސްތައް އެންމެ ޙައްޤު ބޭކަލެވެ. އެހެނަސް އެކަލޭގެފާނަށްވެސް ސަނާކިޔުމުގައި ހައްދުފަހަނައަޅާ ނުދިޔުމަށް އެވަނީ ވަޞިއްޔަތްކުރައްވާފައެވެ.
އެހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
“ސަނާކިއުމުގައި ހައްދުފަހަނައަޅާ ދިޔުމަކީ ޙަރާމްކަމެކެވެ. އަދި އެފަދަމިހެއްގެ ހެކިބަސް ޤަބޫލުނުކުރެވޭނެއެވެ.”
=ނުނިމޭ=
______________________________________________________
މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.