[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަނާކިއުން 6

ޝަރުޢީ ޙާޖަތެއް ނުވަތަ ޝަރުޢީ މަޞްލަޙަތެއް އޮވެގެން މީހަކަށް ސަނާކިޔާނަމަ ދަންނާށެވެ. ސަނާ ކިޔާއިރު މިފަދައިން ބުނާށެވެ.

((أَحْسِبُ فُلاَنًا، وَاللَّهُ حَسِيبُهُ، وَلاَ أُزَكِّي عَلَى اللَّهِ أَحَدًا)) [رواه البخاري]

މާނައީ: “އެއީ މިވެނި މީހަކާ ބެހޭގޮތުން އަހަރެން ދެކޭ ގޮތެވެ. އޭނާގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެއިލާހީ މޮޅަށް ޙިސާބު ބައްލަވާ ވޮޑިގެންވާ އިލާހެވެ. ﷲ ގެ ޙަޟްރަތުގައި އަހަންނަކަށް އެއްވެސް މީހަކަށް ތަޒްކިޔާއެއް ނުދެވޭނެއެވެ.” [ތަޒްކިޔާއަކީ: މީހެއްގެ ރަނގަޅުކަން އެހެން މީހަކަށް ބަޔާންކޮށްދިނުމެވެ. މިޒަމާނުގައި “ކެރެކްޓަރ” ބަޔާންކޮށްދިނުމަށް ލިޔުމެއް ދޭ ފަދައިންނެވެ.]

މީހެއްގެ ކިބައިގައި ނެތްކަމަކަށް ސަނާކިއުމުގައި ހައްދުފަހަނައަޅާދިއުމާމެދު ދަންނައެވެ. އެފަދައިން ކަންތައްކުރާނަމަ އެމީހަކު އެކުރާ ޢަމަލެއްގައި ރަނގަޅު ގޮތުގައި ކުރުމަށާއި ދެމިހުރުމަށް އޮތް ހުރަހަކަށް އެކަން (އެބަހީ: ސަނާކިއުން) ވެދާނެއެވެ. އެއީ އެޞިފަކޮށްދިން ޞިފަކޮށްދިނުމުގެ ސަބަބުން އޭނާގެ ނަފްސުގައި ފަޚުރުވެރިކަމުގެ ޝުޢޫރު އުފެދުމުންނެވެ. އެގޮތުން އޭނާއަށް އިޙްސާސްކުރެވޭނީ މިހާރު އޭނާ އެހުރީ ހެޔޮކަމުގައި ކުރިއަރާ ގޮސް ވަރަށް އުހުގައި ކަމެވެ. އަދި ﷲ ގެ ޙަޟްރަތުގައި މިހާރު އޭނާއަށް ވަރަށް މަތީ މަޤާމެއް ލިބިފައިވާ ކަމެވެ. އަދި އޭނާވާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ކަމެވެ. މީގެ ސަބަބުން އޭނާ ކުރަމުން އައި ޢަމަލުވެސް ދޫކޮށްލަފާނެއެވެ. އެއީ މިހާރު އޭނާއަށް އެހާ މައްޗަށް ދެވިފައިވާއިރު ދެން އިތުރަށް އެޢަމަލުގެ މަތީ ދެމިހުރުމުގެ ބޭނުމެއް ނެތްކަމުގައި ހީވުމުންނެވެ. އެހެންކަމުން ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “ފަހެ، ހަމަކަށަވަރުން މީހަކު ކުރަމުން އެދާ ޢަމަލަކީ ވަރަށް މަދު މިންވަރެއްކަމުގެ އިޙްސާސް އޭނާއަށް ނުކުރެވޭހާ ހިނދަކު އޭނާއަށް ޢަމަލެއް ނުކުރެވޭ ހުއްޓެވެ.”

އެހެންކަމުން ތިބާ ސަނާކިޔުމުން އެފަދަ މީހަކަށް އޭނާއަށް އެކުރެވޭ ޢަމަލަކީ މަދު މިންވަރެއް ކަމުގެ އިޙްސާސް ނެތިކޮށްލައެވެ. އަދި އޭނާ ކުރަމުން އައި ކަންތަކުގައި ފަރުވާކުޑަކޮށްލެވެއެވެ.

ހެޔޮލަފާ ތަޤުވާވެރިކަމުގެ މީހަކަށް، އޭނާގެ ކިބައިގައި ހުރި ސިފައަކާމެދު ސަނާކިޔުމާމެދު ދަންނައެވެ. އެފަދަ މީހަކު މީސްތަކުންނަށް އެކަން ފާޅުކުރުމަށް ލޯބި ނުކުރާނެއެވެ. އަދި އެފަދަ ސަނާގެ ބަސްތަކަކަށް އޭނާ މާބޮޑަށް އަޅައެއް ނުލާނެއެވެ. މިޙާލަތުގައި ސަނާކިޔުމަކީ ހުއްދަކަމެކެވެ. ނަމަވެސް މިއީ އީމާންކަން ވަރަސް ވަރުގަދަ މީހަކަށް މެނުވީ ނުވާނެ ކަމެކެވެ. އެހެންކަމުން ސަނާކިއުމުގައި އެންމެ ރައްކާތެރިގޮތަކީ ހައްދުފަހަނައަޅާ ނުދިއުމެވެ. އަދި ޝަރުޢީގޮތުން ޟަރޫރީ ޙާލަތެއްގައި މެނުވީ ސަނާ ނުކިޔުމެވެ.

=ނުނިމޭ=

______________________________________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް