އަސާސް 4: އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް ބާރުއަޅާފައިވާ މިންވަރު
މަސައްކަތްތެރިކަމަކީ މުސްލިމުންގެ ޝަޚްޝިއްޔަތުގެ އެންމެ މުހިންމު އެއް ސިފައެވެ. ތިމާ ކުރާ އުފެއްދުންތެރި މަސައްކަތްތަކުގެ ފައިދާ މުޖުތަމަޢަށް ބޮޑުވިވަރަކަށް، ﷲގެ ހަޟްރަތުގައި ތިމާގެ ދަރަޖަ އިތުރުވެގެންވެއެވެ.
((أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ)) [رواه الطبراني في المعجم الكبي: 13646 و صححه الألباني]
މާނައީ: “ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ.”
ﷲ ތަޢާލާ ވަނީ މިދުނިޔޭގައިވާ ހުރިހާ އެއްޗެއް އިންސާނުންގެ ޚިދުމަތުގައި ލައްވާފައެވެ.
﴿اللَّهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ﴾ [الجاثية:12]
މާނައީ: ” ﷲ އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު ޚިދުމަތްތެރިކުރެއްވި އިލާހެވެ. (އެއީ) އެއިލާހުގެ އަމުރުފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެއިލާހުގެ ފަޟުލުވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރުމަށްޓަކައެވެ.”
)) الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى (([متفق عليه]
މާނައީ: “މަތީގައި އޮންނަ އަތް އަބަދުވެސް ތިރީގައި އޮންނަ އަތަށްވުރެ ހެޔޮކަން ބޮޑެވެ.
)އެބަހީ: ދޭ މީހާއަކީ އަބަދުވެސް ލިބިގަންނަ މީހާއަށްވުރެ ހެޔޮކަން ބޮޑު މީހެކެވެ.)
«لَا تَزَالُ الْمَسْأَلَةُ بِأَحَدِكُمْ حَتَّى يَلْقَى اللهَ، وَلَيْسَ فِي وَجْهِهِ مُزْعَةُ لَحْمٍ» [متفق عليه]
މާނައީ: “އެމީހެއްގެ މޫނުގައި މަސްކޮޅެއް ނުވާ ޙާލުގައި ﷲ ތަޢާލާއާ ބައްދަލުވެއްޖައުމަށް ދާންދެން ތިޔަބައިމީހުންކުރެ މީހަކު ސަލާންޖެހުންމަތީ ދެމި ހުރެއެވެ.”
«مَنْ سَأَلَ النَّاسَ أَمْوَالَهُمْ تَكَثُّرًا، فَإِنَّمَا يَسْأَلُ جَمْرًا فَلْيَسْتَقِلَّ أَوْ لِيَسْتَكْثِرْ» [رواه مسلم]
މާނައީ: “އެމީހެއްގެ އަތުގައި މުދާ ގިނަކުރުމަށްޓަކައި މީސްތަކުންގެ ގާތުން އެދިއުޅޭ ސަލާންޖަހާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެން އެ އެދެނީ އަނގުރު އަލިފާނަށެވެ! ފަހެ އެ މަދުކުރަން އެދޭ މީހަކު މަދުކުރާށެވެ! އަދި ގިނަކުރަން އެދޭމީހަކު ގިނަކުރާށެވެ!”
ސަލާންޖަހައިގެން ތަކެތި ހޯދުމަށްވުރެ، އަމިއްލައަށް ބުރަ މަސައްކަތްކޮށްގެން ހޯދާ ޙަލާލު އެއްޗެއްގެ ފައިދާ މާބޮޑެވެ.
މި މައުޟޫއާގުޅޭ އިތުރު ބައެއް މަޢުލޫމާތު މިލިންކުން ލިބޭނެއެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((قَالَ اللَّهُ تَعَالَى: ثَلاَثَةٌ أَنَا خَصْمُهُمْ يَوْمَ القِيَامَةِ، رَجُلٌ أَعْطَى بِي ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ وَلَمْ يُعْطِهِ أَجْرَهُ)) [رواه البخاري]
މާނައީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ޤިޔާމަތްދުވަހުން ތިމަންއިލާހު ތިންބައެއްގެ މައްޗަށް ދަޢުވާ އުފުލާހުށީމެވެ. އެއީ ތިމަންއިލާހުގެ ނަމުން ވަޢުދުވެފައި ދެން އެއާ ޚިލާފުވެގެންފިމީހާއެވެ. އަދި މިނިވަނަކު ވިއްކުމަށްފަހު އޭގެ އަގު ކައިފިމީހާއެވެ. އަދި އުޖޫރައަށް މީހަކު ހޯދުމަށްފަހު އެމީހާ ލައްވާ މަސައްކަތް ކުރުވައިގެން އެމީހަކަށް އުޖޫރަ ނުދިން މީހާއެވެ.”
=ނުނިމޭ=