ކުޑަކުދިންނަށާއި އަދި ބޮޑެތި މީހުންނަށްވެސް ވެކްސިން ޖެހުމަކީ ކޮންކަހަލަކަމެއް ހެއްޔެވެ؟
އައްޝައިޚް ޢަބްދުލް ޢަޒީޒު ބުން ބާޒު رحمه الله އާ ސުވާލުދެންނެވުނެވެ.
ބަލިޖެހުމުގެ ކުރިން ބޭސްކުރުން – ވެކްސިންޖެހުންފަދަ ކަންކަން – ކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ފަހެ، ޖަވާބުގައި ވިދާޅުވިއެވެ.
“ވަބާއެއް ފެތުރެމުންދާތީ ނުވަތަ އެނޫން އެހެން ސަބަބުތަކާ ހުރެވެސް ބައްޔެއް ޖެހިދާނެކަމުގެ ބިރުއޮތްނަމަ އެކަން އެއްކިބާކުރުމުގެ ގޮތުން ބޭހެއް ބޭނުންކުރުމަކީ ހުއްދަކަމެކެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
(( مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ )) [رواه البخاري ومسلم]
މާނައީ: “ހެނދުނުގަޑީގައި ޢަޖުވާ ކަދުުރުން ހަތްކަދުރު ކައިފިމީހަކު ދަންނައެވެ. އެދުވަހު އޭނާއަށް ސިޙުރެއް ނުޖެހޭނެއެވެ. އަދި ވިހައަކުންވެސް އަޘަރެއް ނުކުރާނެއެވެ.”
މިއީ މުޞީބާތެއް ޖެހުމުގެކުރިން އެކަމަށް ފިޔަވަޅު އެޅުމަށް ކުރާކަމެކެވެ. ހަމަމިފަދައިން ރަށުގައި ނުވަތަ އެހެން ތަނެއްގައިވިޔަސް ބައްޔެއް ފެތުރޭތީ، އެބަލި ޖެހިދާނެކަމުގެ ބިރުއޮތްނަމަ ވެކްސިން ޖެހުމަކީ އެއީ މައްސަލައެއް ނޫނެވެ. އެއީ ޖެހިފައިވާ ބައްޔަކަށް ފަރުވާކުރުމަށް ބޭސްބޭނުންކުރުންފަދަ ކަމެކެވެ…”
[ فتاوى الشيخ ابن باز ( 6 / 21 )]
ވެކްސިން ޖެހުމުން ބައެއް ފަހަރު ހުންގަދަވުން ނުވަތަ ވަޤުތީ ގޮތުން ދިމާވާ އެފަދަ އެހެން ކަންތައްތަކާމެދު ދަންނައެވެ. އެފަދަ ގެއްލުންތަކަކީ އެއީ މައްސަލައެއް ނޫނެވެ. އެއީ އެކަމުން ލިބޭ ބޮޑެތި ފައިދާތަކާ އަޅާބަލާއިރު ވަރަށް ކުޑަކަމެކެވެ. އެހެނީ އެފަދަ ބަލިތަކުގެ ސަބަބުން އިންސާނާއަށް ބޮޑެތި ދަތިތައް ކުރިމަތިވެ އޭނާގެ ޞިއްޙަތަށް ނޭދެވޭ އަޘަރުތައްކޮށް އަދި ގުނަވަންތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރުމަށް ހުރަސްއެޅެއެވެ.
އިސްލާމީ ޝަރީޢަތުގައި މީގެ މިސާލަކީ ފިރިހެންކުދިން ޚިތާނުކުރުމެވެ. އެއީ އޭނާގެ ހަށިގަނޑުން ހަންކޮޅެއް ވަކިކުރުމަކީ އެކުއްޖާއަށް ތަދު އިޙްސާސްވާކަމެކެވެ. އެހެނަސް އެކަމުން ލިބޭ ދީނީ އަދި ދުނިޔަވީ ފައިދާތަކާ ބަލާއިރު އެއީ މާބޮޑުކަމެއް ނޫނެވެ. އެކަމުން ލިބޭ ދީނީ ފައިދާއަކީ ޠަހާރަތުގައި ލިބޭ ފައިދާއާ އަދި އެނޫން ބައެއް ފައިދާތަކެވެ. އަދި ދުނިޔަވީ ވަރަށް ގިނަ ފައިދާތައް އެކަމުން ލިބެއެވެ.
ދީނުގައިވާ ޢާންމު ޤަވާޢިދަކީ ބޮޑު ފަސާދައިން ދުރުހެލިވުމަށް ކުޑަ ފަަސާދައަކަށް އަރައިގަންނަން ޖެހިއްޖެނަމަ އެކަންކުރުމެވެ. އެއީ އެތަނުން ކޮންމެވެސް އެއްކަމެއް ކޮންމެހެންވެސް ކުރަންޖެހިއްޖެ ޙާލަތްތަކުގައެވެ.
[الاشباه والنظائر للسبكي 1/45]
ނަމަވެސް ބައެއް ވެކްސިންތައް ބޭނުންކުރުމުން އިންސާނާގެ ހަށިގަނޑަށް ގެއްލުންތަކެއްވާކަމަށް ޑޮކްޓަރީ ގޮތުން ސާބިތުވެއްޖެނަމަ ނުވަތަ އެއިން ފައިދާއަށް ވުރެ ގެއްލުން ބޮޑުކަމަށް ސާބިތުވެއްޖެނަމަ ދަންނައެވެ. އެޙާލަތުގައި އެވެކްސިން ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لاَ ضَرَرَ، وَلاَ ضِرَارَ((
މާނައީ: “ގެއްލުން ދިނުމެއްވެސް އަދި (މީހަކު ގެއްލުމެއް ދިނުމުން) އޭގެ ބަދަލުގައި ގެއްލުން ދިނުމެއްވެސް ނުވެއެވެ.”
والله أعلم .
= ނިމުނީ =
_______________