ނ- އެެއަށްފަހު އެމީހުންގެ ތިންވަނަ ދަލީލަށް ބަލާލަމުންވެސް ފެނިގެން ދަނީ، އެ ދަލީލުވެސް ވަނީ ނަބިއްޔާ صلى الله عليه وسـلم ސުންނަތުގެ މަޢުޞޫމިއްޔަތުކަމާއި ޙުއްޖިއްޔަތުގެ ޙައްޤާނިއްޔަތުކަން ކަށަވަރުކޮށްދޭ ހެއްކެއްގެ ގޮތުގައެވެ. އެހެނީ، ބަދުރު ހަނގުރާމައިގައި މުސްލިމުންގެ އަތް ދަށަށް ކާފަރުންގެ އަސީރުން އައުމުން، ނަބިއްޔާ صلى الله عليه وسـلم ނިންމެވީ އެމީހުންނާ މެދުުގައި ކަންކުރައްވާނެ ގޮތަކާ މެދުގައި ލޮބުވެތި ޞަހާބީންގެ މެދުގައި މަޝްވަރާ ކުރެއްވުމަށެވެ. އެގޮތުން، އަބޫ ބަކުރު رضي الله عنه މަޝްވަރާ ދެއްވީ އެމީހުން ޤަތުލު ނުކުރުމަށެވެ. ނަމަވެސް ޢުމަރުގެފާނު رضي الله عنه ޚިޔާލުފުޅު ދެއްވީ އެހުރިހާ އެންމެން އެއްކޮށް ޤަތުލު ކުރެއްވުމަށެވެ. އަދި އޭގެން ނަބިއްޔާ صلى الله عليه وسـلم ގެ ބުރަވެވަޑައިގެންނެވީ، އަބޫ ބަކުރު رضي الله عنه ޚިޔާލުފުޅާ އެއްގޮތަށް ޢަމަލުފުޅު ކުރައްވާށެވެ.
އެހިނދު ، އެކަމަކީ އިސްލާމްދީނު ނައްތާލަން މަަސައްކަތް ކުރަން ނިކުމެގެން ލަޝްކަރު ހަދައިގެން ހަނގުރާމަ ކުރުމަށް އައި ދީނުގެ ޢަދުއްވުންނާ ސީދާ ގުޅުން ހުރި ކަމެއް ކަމުގައިވުމާއި، އެކަމަކީ ހަމައެކަނި ދުނިޔެވީ ކަމެއް ކަމުގައި ނުވުމުން ؛ އެކަމާ މެދުގައި ވަކި ޙުކުމްފުޅެއް ﷲ ތަޢާލާ ނިޔާކުރައްވައި އެކަލޭގެފާނަށް ވަޙީ ބަސްފުޅު ބާވައިލެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسـلم ގެ އިޖުތިހާދު އެކަމުގައި ރަނގަޅު ނޫންކަމުގައި އެކަލާނގެ ބާއްވައިލެއްވި އާޔަތުން ބަޔާންވެގެން ދިޔައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ:
مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّـهُ يُرِيدُ الْآخِرَةَ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿٦٧﴾ لَّوْلَا كِتَابٌ مِّنَ اللَّـهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ ﴿٦٨﴾ فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿٦٩﴾ [الأنفال: 67-69].
“(ހަނގުރާމައިގެ) ބިމުގައި (عدوّ ންގެ މެދުގައި) قتل ގިނަވެއްޖައުމަށް ދާނދެން (އެބަހީ: مسلم ން ގަދަވެ قتل ވެވޭ عدوّ ންގެ عدد ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށްދާނދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއްނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. اللَّه އިރާދަކުރައްވަނީ، آخرة އެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. اللَّه ކަނޑައަޅުއްވައި ލިޔުއްވާފައިވާ حكم އެއް އިސްވެގޮސްފައިނުވާނަމަ، ތިޔަބައިމީހުން ހިފިތަކެއްޗާމެދު ތިޔަބައިމީހުންނަށް ބޮޑުވެގެންވާ عذاب އެއް އައިސް ޖެހިއްޖައީހެވެ. ފަހެ، ތިޔަބައިމީހުންނަށް غنيمة ގެ ގޮތުން ލިބިފައިވާ ތަކެތި حلال ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ”.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 5