[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 5

 

ކޮންމެއަކަސް، މި ޙާދިޘާގައި އިތުރަށް ފާހަގަކޮށްލަން ޖެހޭ މުހިއްމު އެއް ކަމަކީ ނަބިއްޔާ صلى الله عليه وسـلم އެކަލޭގެފާނުގެ ޚިޔާފުލުޅެއް ދެއްވުމުން ވެސް ޞަޙާބީން ވިސްނެވީ އެއީ ޢަމަލު ކުރަންޖެހޭ އަމުރުފުޅެއް ކަމުގައެވެ. އެބޭކަލުންނަށް ނަބިއްޔާ صلى الله عليه وسـلم ގެ ދޫފުޅުން ޙަދީޘް ބަސްފުޅެއް ނިކުތުމުން އެއީ ވަޙީއެއްތޯ ނުވަތަ އަމިއްލަފުޅު ރައުޔެއްތޯ ނޫނީ ހަމައެކަނި ދެއްވި ޚިޔާލެއްތޯ ސުވާލުކުރެއްވުމަކީ އެބޭކަލުންގެ އާދައެއް ނޫނެވެ. އެބޭކަލުން އަބަދުވެސް ބަލަބަލައި ތިއްބެވީ އެކަލޭގެފާނުގެ ޠޯހިރު ދޫފުޅުން ނިކުންނަ ބަސްފުޅާ އެއްގޮތައް އަވަހަށް ޢަމަލު ކުރެއްވޭތޯއެވެ. ސުވާލު ގިނަކޮށް އުޛުރު ދައްކައިގެން ބޯ ދަމައިގަންނާކަށް ނޫނެވެ. އެއްވެސް ޙާލެއްގައި ބަނޫ އިސްރާއީލުން ހެން މޫސާގެފާނާ ޖަދަލުކޮށް ބަހަނާ ދައްކަވާކަށް ނޫޅުއްވައެވެ.

 

ށ- ބަދުރު ހަނގުރާމައިގައި މަރުކަޒު ކުރަން ފައިބާނެ ތަނަކާ މެދުގައިވާ ޙަދީޘް ދަންނައެވެ.

 

އެޙަދީޘަކީ އޭގެ ޞޮއްޙަކަމާއި މެދުގައި ޙަދީޘް ޢިލްމުވެރިން ވާހަކަ ދައްކަވާފައިވާ ޙަދީޘެކެވެ. އެގޮތުން އަލްއަލްބާނީ رحمه الله އެކަލޭގެފާނުގެ “سلسلة الأحاديث الضعيفة (7/ 451)” ފޮތުގައި ޟޮޢީފުކުރައްވާފައިވާ ޙަދީޘެކެވެ. އަދި ހަމައެފަދައިން އިމާމު އައްޛަހަބީ رحمه الله ވެސް އެކަލޭގެފާނުގެ “التلخيص” ވިދާޅުވެފައިވަނީ އެއީ މުންކަރު ޙަދީޘެއް ކަމުގައެވެ.

 

ކޮންމެއަކަސް، ސުންނަތަށް އިންކާރު ކުރާ މީހުން މިޙަދީޘް އެމީހުންގެ ދަޢުވާ ގަދަ ކުރުމަށްޓަކައި ބޭނުންކުރާ ކަމަށްޓަކައި، މިޙަދީޘަކީ ޞޮއްޙަ ޙަދީޘެއް ކަމަށް އަޅުގަނޑުމެން “މިވަގުތުކޮޅަށް އިހަށް” ދެކިލައިގެން މިޙަދީޘަށް ބަރޯސާވިޔަސް މެންދުރުގެ ސާފު އުޑުން އިރު ފާޅުވެފައިވާހާ ސާފުކޮށް މިޙަދީޘުން ފެންނަން އެއޮތީ، އެކަލޭގެފާނުގެ އެނިންމެވުމަކީ، ހަނގުރާމައިގެ އުކުޅުތަކާއި ޙީލަތްތަކާއި އަމިއްލަފުޅުު ރައުޔަށް ނިންމެވި ނިންމެވުމެއް ކަމާއި އެއީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާގެ އަމުރުފުޅެއް އައިސްގެން ނިންމެވި ނިންމެވުމެއް ނޫންކަމަށެވެ. ފަހެ ލަޝްކަރު އެހާ މުނާސަބު ނޫން ތަނަކަށް މަރުކަޒު ކުރެއްވީތީ އެކަމާ މެދުގައި މާތް ޞަޙާބީން އެކަލޭގެފާނާ ސުވާލު ކުރެވިއެވެ:

 

“يا رسول الله ، أرأيت هذا المنزل ، أمنزلا أنزلكه الله ليس لنا أن نتقدمه، ولا نتأخر عنه، أم هو الرأي والحرب والمكيدة”

“އޭ ﷲ ގެ ރަސޫލާ صلى الله عليه وسـلم އެވެ. މިއީ ތިމަންމެންނަށް ކުރިއަށްވެސް އަދި ފަހަތައްވެސް ނުޖެހެވޭނޭ ހެން ﷲ (ތަޢާލާ) ކަލޭގެފާނު ފޭބުއްވެވި ތަނެއް ތޯއެވެ؟ ނުވަތަ އެއީ، އަމިއްލަފުޅު ރައުޔެއް، ހަނގުރާމައިގެ (އުޅެކުއް)، އަދި ރޭވުމެއް ތޯއެވެ؟”

 

ޖަވާބުގައި އެކަލޭގެފާނު ދެންނެވިއެވެ:

“بل هو الرأي ، والحرب والمكيدة”. [الروض الأنف (5/ 97)].

“އަދި ކިއެއް! އެއީ ރައުޔެވެ. އަދި ހަނގުރާމަ އަކީ ރޭވުމެކެވެ”.

 

ފަހެ އެކަލޭގެފާނު ކަނޑައެޅުއްވި ތަންނަށް ވުރެ ރަނގަޅު އެހެން ތަނެއް އެހިނދު ޞަޙާބީން ދެއްކެވުމުން ހަމަ ވަގުތުން އެކަލޭގެފާނު ވަނީ އެތަނަށް ލަޝްކަރު ބަދަލު ކުރައްވާފައެވެ. އެހެންކަމުން، ޤުރްއާނުން އިތުރުން، ނަބިއްޔާ صلى الله عليه وسـلم އަށް ﷲ ތަޢާލާގެ ޙަޟްރަތުން ވަޙީގެ ގޮތުގައި އަންނަ އަމުރުފުޅުތައް ނަފީކުރުމައްޓަކައި މިފަދަ ޙަދީޘްފުޅެއް ދަލީލެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެމީހުންގެ ޙުއްޖިއްޔަތު ޤާއިމުކުރާ އުޞޫލުގެ ނުހަނު ހަމަނުޖެހޭކަން އަމާނާތްތެރިކަންވެސް ނެތްކަން ފާޅުކޮށްދޭ ކަމެކެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 4