ހާއިސް، އޭނާގެ މާމަގެ ގެއަށް ގޮސްފައި އަންނަނިކޮށް ބައިވަރު ފައިސާތަކެއް ހުރި ދަބަހެއް މަގުމަތިން ފެނިއްޖެއެވެ. ހާއިސް ހިތަށް އެރިއެވެ. “މި ދަބަސް ނަގަންވީ ބާ! ނުވަތަ ދޫކޮށްލާފައި ދާންވީ ބާ!” ދެ ފިކުރެއްގައި ހުރެ އެންމެ ފަހުން ދަބަސް ނެގިއެވެ. އަދި ވަރަށް ބިރުން ހުރެ ދަބަސް ހުޅުވާލިއެވެ. ދަބަސް ފުރިފާ އޮތީ ހުސް ފައިސާއިންނެވެ.
ހާއިސް މަގުގެ އެއްފަރާތަކަށް ޖެހިލާ އަވަސް އަވަހަށް ފައިސާތައް ގުނާލިއެވެ. އެ ދަބަހުގައި ހުރި ފައިސާގެ ޢަދަދު، ފަންސަވީސްހާހަށްވުރެ މަދުނުވާނެކަން ހާއިސްއަށް ޔަގީންވިއެވެ. ހާއިސް ހާސްވާން ފެށިއެވެ. ސަބަބަކީ މިހާ ގިނަ ފައިސާތައް އޭނައަށް އެއްފަހަރާ ފެނިފައި ނުވާތީއެވެ. ހާއިސް ވިސްނާލުމަށްފަހު ފައިސާ ދަބަސް ޕޮލިހާ ޙަވާލުކުރަން ގަސްދުކުރިއެވެ.
މި ޚިޔާލުގައި ހުރެ ދެވަނަ ފަހަރަށް އޭގައި ހުރި ފައިސާތައް ގުނާލުމަށް ހިތަށް އެރިތަނާ ދަބަހުން ނޯޓެއް ފެނުނެވެ. އަދި ވެރިފަރާތުގެ އައިޑީ ކާޑުވެސް ފެނުނެވެ. ނޯޓްގައި އޮތީ ފައިސާ ދަބަސް ފެނިއްޖެނަމަ ދެވިފައިވާ ނަމްބަރަށް ގުޅުމަށެވެ.
ހާއިސް އަވަހަށް ދުވެފައި ގެއަށް ދިޔައެވެ. އަދި ދަބަހުގެ ވާހަކަ މަންމައަށް ކިޔާ ދިނުމަށްފަހު ދެވިފައިވާ ނަމްބަރަށް ގުޅިއެވެ. ނަމްބަރަށް ގުޅުނުކަމެއް ނޭނގުނެވެ. އަނެއްކޮޅުން ފޯނު ނަގައިފިއެވެ.
“އަޅުގަނޑު މި ގުޅާލީ ތިބޭފުޅާގެ ދަބަސް އަޅުގަނޑުއަތުގައި އޮތްވާހަކަ ދަންނަވާލަން. ތީ އާރިޒު އިބްރާހީމްތޯ.” ތެދުވެރިކަމާއެކު ހާއިސް ވާހަކަ ދެއްކިއެވެ.
“ލައްބަ. ހާދަރަނގަޅޭ. ތި ދަބަސް ގެއްލިގެން މިހިރީ ވަރަށްބޮޑަށް ފިކުރުބޮޑުވެފައި. ދުޢާކުރެވުނު ވަރެއްވެސް ނޭނގެ. މަންމަގާތުވެސް އެދުނިން ދުޢާކޮށްދިނުމަށް.” އަވަސް އަވަހަށް އާރިޒު ވާހަކަދެއްކިއެވެ. އާރިޒު ހުރީ ހަމަ އަސްލުވެސް ވަރަށް ކަންބޮޑުވެފައެވެ.
އެންމެ މިނިޓެއްވެސް އިތުރަށް ހޭދަ ނުކޮށް ހާއިސްގެ ގެއަށް އާރިޒް ދިޔައެވެ. އަދި ދަބަސް ހޯދިއެވެ. އަދި ހާއިސް ތެދުވެރިކަމާއެކު ދަބަސް ޙަވާލުކުރީތީ އިނާމެއްގެ ގޮތުން އެއްހާސް ރުފިޔާ ދިނެވެ.
ހާއިސް ގެ ޢާއިލާއަކީ ފުދުންތެރި ޢާއިލާއެއް ނޫނެވެ. އެކަމަކުވެސް އެ އެއްހާސް ރުފިޔާ ހޯދަން ހާއިސް އިންކާރު ކުރިއެވެ. އަދި ބުންޏެވެ. “ތި ފައިސާއަކީ އަޅުގަނޑުގެ އެއްޗެއް ނޫން. ތިޔައީ އާރިޒްގެ ފައިސާ. ތި ފައިސާ، އާރިޒް އަތްމަތިން އެވަގުތު ބީވެ، އަޅުގަނޑުގެ އަތަށް އެރުމަކީ އަޅުގަނޑު ތި ފައިސާއިން ބައެއް ހޯދަން ޖެހޭ ސަބަބެއް ނޫން. ފައިސާ ހަމައަށް ޙަވާލުކުރުމަކީ އަޅުގަނޑުގެ ޒިއްމާއެއް، ވޮލެޓް ނުވަތަ ފައިސާ ދަބަހުގައި އެޑްރެސް ލިޔެފައި ފޯނު ނަމްބަރު ޖަހާފައި އޮތުމަކީ އާރިޒުގެ ވިސްނުންތެރިކަން. އޭރުން ހޮވައިގެން ގެނެވޭ ތަކެތި ވެރިފަރާތާ ޙަވާލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބިގެން ދާނެ.” މިހެން ބުނެ ދެވަނަ ފަހަރަށް ވެސް ފައިސާ ހޯދަން އިންކާރުކުރިއެވެ.
އާރިޒު ތަކުރާރުކޮށް ބުނުމުންވެސް ހާއިސް އެ ފައިސާގައި ހިފާކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން އާރިޒު އެ ފައިސާ ދަބަހަށް ލިއެވެ. އަދި ބުންޏެވެ. “ހާއިސްގެ އަޚުލާޤާ މެދު އަޖައިބު ވެއްޖެ. ތިކަހަކަ ކުދިން މިޒަމާނުގައި ވަރަށް މަދުވާނެ. ހާއިސްފަދަ ރަނގަޅުކުއްޖަކު މެދުވެރި ކުރައްވާ އަލުން މި ފައިސާތައް ލިބޭނެ ގޮތް މެދުވެރި ކުރެއްވި ﷲއަށް ޙަމްދު ހުރި. މިއީ ވަރަށް މާތް މަޤްޞަދެއްގައި ބުރަ މަސައްކަތުން އެއްކުރެވުނު ފައިސާކޮޅެއް. މިފައިސާ އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނީތީ ވަރަށް އުފާވެއްޖެ. އިރާދަކުރެއްވިއްޔާ މި ފައިސާ ދަބަސް އަލުން ލިބުނު ސަބަބު ހަނދާން ބަހައްޓާނަން. އަދި ދަބަސް ފެންނަ ކޮންމެ ފަހަރަކު، އަދި އެހެން ވަގުތު ތަކުގައިވެސް ހާއިސް އަށް ހެޔޮރަޙުމަތް ލެއްވުން އެދި ދުޢާ ކުރާނަން.”
މިއަޑު އިވުމުން ހާއިސް ވަރަށް އުފާވިއެވެ. ހާއިސް ބޭނުންވާ އިނާމަކީ އެއީ އެވެ. ހާއިސްގެ ހިތްހަމަޖެހުމަކީ ވެސް އެއީ އެވެ. އަދި ދަބަސް ޙަވާލުކުރެވުނީތީ ވަކިން ބޮޑަށް ހިތްހަމަ ޖެހުނެވެ. ސަބަބަކީ އެ ފައިސާދަބަހަކީ މުޅި ޢުމުރަށް އެހެންމީހެއްގެ ހެޔޮދުޢާ ހާއިސްއަށް ލިބެން މެދުވެރިކުރެއްވި ސަބަބު ކަމަށްވާތީ އެވެ.
ނޯޓް: މިއީ ރާއްޖޭގައި ހިނގާފައިވާ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ކުދިކުދި ބަދަލު ގެނެސް ލިޔެފައިވާ ވާހަކައެކެވެ. ދުޢާއަކީ އާރިޒުކަހަލަ ހޭލުންތެރި އަދި ހާއިސް ކަހަލަ ތެދުވެރި ކުދިން މި ދިވެހި މުޖުތަމަޢުގައި ގިނަވުމެވެ.