ފަހެ މިޙަދީޘާއި މިކަމުގައި ރިވާވެފައިވާ އެކިއެކި ޙަދީޘަކަށް ބަލާލުމުން އެނގެގިގެން ދަނީ، ނަބިއްޔާ صلى الله عليه وسـلم ގެ އަމުރުފުޅަށް އެހިނދު ޞަޙާބީންނަށް ވަގުތުން ވަގުތަށް ޙަރަކާތް ނުކުރެއްވުނީ އެއްވެސް ޙާލެއްގައި އެއަމުރުފުޅާ ދެކޮޅުވާންވެގެން ނޫންކަމެވެ. އަދި ކިއެއް، އެހެން އެކަން ދިމާވީ، ނަބިއްޔާ صلى الله عليه وسـلم އަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގައި ވީފަދައިން އެބޭކަލުން މަދީނާއިން އެއޮތް ދިގު ދަތުރު ކުރައްވައިގެން ވަޑައިގެން މައްކާގައި ޢުމުރާ ކުރަށްވައި އެތަނުގައި އެހަދްޔު ކަތިލައި ބޯ ބޭލުމަށްޓަކައި ބޭނުންވެފައި ތިބިލެއް ބޮޑުކަމުންނެވެ. އެހެނީ ނަބީބޭކަލުންގެ ހުވަފެންފުޅަކީ ޙައްޤެވެ. އެބޭކަލުންގެ ހުވަފެންނަކީ ސީދާވާ އެއްޗެކެވެ. އެހެންކަމުން ޞަޙާބީބޭކަލުން ޔަޤީންކުރައްވައިގެން ތިއްބެވީ އެފަހަރު ހަދްޔު ކަތިލާން ޖެހޭނީ ޢުމްރާ ނިންމެވުމަށް ފަހުކަމުގައެވެ. ނަމަވެސް އެކަން ނުކުރެވި އެނބުރި ދާން ޖެހުނަސް، ފަހަރެއްގައި އެކަން ކުރެވިދާނެ މަގެއް އަލުން އަނެއްކާވެސް ފެނިދާނެ ކަމަށް އޮތް އުންމީދުގެ ސަބަބުންނެވެ. އެހުވަފެން ސީދާވާނެ ކަމުގެ ޔަޤީންކަން އޮތީމައެވެ. އެކަން ޢުމަރު رضي الله عنه ގެ މި ބަސްފުޅުން ވެސް ދޭހަވެއެވެ:
قُلْتُ أَوَلَيْسَ كُنْتَ تُحَدِّثُنَا أَنَّا سَنَأْتِي الْبَيْتَ فَنَطُوفُ بِهِ قَالَ ” بَلَى، فَأَخْبَرْتُكَ أَنَّا نَأْتِيهِ الْعَامَ ”. قَالَ قُلْتُ لاَ. قَالَ ” فَإِنَّكَ آتِيهِ وَمُطَّوِّفٌ بِهِ”. (البخاري: 2731, 2732)
ތިމަންކަލޭގެފާނު ދެންނެވީމެވެ: “ފަހެ، ތިމަންމެން ގެފުޅަށް އައިސް އޭގައި ޠަވާފު ކުރާނެ ކަމަށް ކަލޭގެފާނު ތިމަންމެންނަށް ޙަދީޘްފުޅު ނުކުރައްވަންތޯއެވެ؟”. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: “ނޫނެކެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބޭކަލުންނަށް ޚަބަރުކުރެއްވީ މިއަހަރު އަންނާނެ ކަމަށް ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ: “ނޫނެކެވެ”. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: “ފަހެ، ހަމަކަށަވަރުން ކަލޭގެފާނު އަދި ގެފުޅަށް ވަޑައިގެން އޭގައި ޠަވާފު ވެސް ކުރައްވާނެއެވެ”.
އަދި އޭގެ އިތުރުން އެފަހަރު ވެވުނު ޞުލްޙަލްޙުދައިބިއްޔާގެ ނުގުތާތަކުގައި މުސްލިމުންނަށް ކުރިމަތި ކުރުވާފައިވި ޝަރުޠުތަކުގެ ސަބަބުން ކާފިރުން ގަދަވެ މުސްލިމުން އަނެއްކާވެސް ނިކަމެތިވީ ކަމަށް އިހުސާސް ކުރެވުމާއި، ކާފިރުންގެ އެދުމަށް ބިސްމީގައި އިން الرحمن އާއި، ނަބިއްޔާ صلى الله عليه وسـلم ގެ ނަންފުޅުން رسول الله ގެ ބައި އުނިކުރެއްވުމުން އެބޭކަލުންނަށް ނަފުސާނީ ގޮތުން ކޮށްފައި ހުރި އަސަރުގެ ބޮޑުކަމާއި، ލިބިލައްވާފައި ތިއްބެވި ހިތާމައާއި މޮޅިވެރިކަމުގެ ފުންކަމުގެ ސަބަބުންނެވެ. އެފަދައިން އަސަރު ނުކުރާންވީ ސަބަބެއްވެސް ނެތެވެ. އެހެނީ އެ އެއްބަސްވުމުގައި ވާގޮތުން މައްކާގެ މުޝްރިކުންގެ ޢަޛާބުން ފިލައިގެން އަންނަ މުސްލިމް އަޚާ ވެސް ޖެހެނީ އަލުން އަނބުރާ ކާފިރުންނާ ޙަވާލުކުރާށެވެ. ފަހެ، މިފަދަ ކަންކަމަކީ، އިސްލާމީ އުޚުއްވަންތަކަން ފުރިހަމައަށް ބިންވަޅު ނެގިފައި ތިއްބެވި އެ މަތިވެރި ބޭބޭކަލުންނަށް ބުއްދިން ވިސްނައިގަނެވޭ ވަރުގެ ކަންކަމަކަށް ނުވިއެވެ. ތިމާގެ އަޚާ އަނބުރާ ކާފިރުންގެ ތެރެއަށް ފޮނުވާ ލުމަކީ އެއްވެސް ގޮތަކުން ފަސޭހަ ކަމެއް ކަމުގައެއް ނުވިއެވެ. އަދި އޭގެ އިތުރުން އެޝަރުތަށް އެއްބަސްވިއެއް ކަމަކު އެ ޝަރުތު ލިޔެ ނުނިމެނީސް އަބޫ ޖަންދަލް رضي الله عنه މައްކާއިން ފިއްލަވައިގެން ނަބިއްޔާ صلى الله عليه وسـلم ގެ އަރިހަށް ވަޑައިގެންނެވުމުން އަނބުރާ މުޝްރިކުންގެ ތެރެއަށް ފޮނުވާލައްވަން ޖެހުން ވެގެންދިޔައީ ޚުދު ނަބިއްޔާ صلى الله عليه وسـلم އަށް ވެސް ތަޙައްމަލު ކުރައްވަން ވެސް ވަރަށްވެސް ދަތި ބުރަ ކަމެއް ކަމުގައެވެ. އަދި ބައެއް ރިވާޔަތްތަކުގައި ވާގޮތުން، އަބޫ ޖަންދަލް رضي الله عنه މައްކާގެ މުޝްރިކުންގެ ކިބައިން ޞުލްޙަ ޙަދަން އައިސް ހުރި ސުހައިލް ބުނު ޢަމްރޫއާ އަނބުރާ ހަވާލުކުރުމުން މުސްލިމުންގެ ކުރިމަތީގައި އެކަލޭގެފާނަށް އަނިޔާކުރަން ފެށިއެވެ. އަދި ހާނީއްކަ ކުރަން ފެށިއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسـلم ކެތްތެރިވެވަޑައިގެން ﷲ އަށް ވަކީލުކުރައްވައި ހިތްވަރާ އެކީ ޞުލްޙައިގެން ކުރިއަށް ވަޑައިގެންނެވީއެވެ. އެކަމުގައި ފަހަތުގައި ﷲ ތަޢާލާ ފޮރުއްވަވާފައިވާ ހެވާއި ނަޞްރު މާ އުފާވެރިވާނެކަން ޔަޤީން ކުރައްވާތީއެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 9