މީގެ އިތުރުން ދަންނަން ޖެހޭ އަނެއްކަމަކީ، އެއްވެސް މީހަކު ﷲ ގެ ރަސޫލާ صلى الله عليه وسـلم އަށް ބޯ ނުލެނބިޔަސް އަދި ލެނބިޔަސް، ކިޔަމަން ވިޔަސް އަދި ކިޔަމަން ނުވިޔަސް ޙައްޤު ވާނީ ޙައްޤަށް ކަމުގައެވެ. ޙައްޤަކީ މީސްތަކުންގެ މައްޗަށް ބަރޯސާވެ ، ބިނާވެގެން އޮންނަ އެއްޗެއް ނޫނެވެ. އެހެނެއްކަމަކު، މީސްތަކުންގެ މައްޗަށް އޮތީ ޙައްޤަށް ތަބާވުމެވެ. އެނޫން އިތުރު އިޚްތިޔާރެއް އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. އެކަން އެއޮތީ، ސުލްޙަލްޙުދައިބިއްޔާގައި ކަން ހިނގައި ދިޔަގޮތުން ޢުމަރު رضي الله عنه އަށް އެކަން ޤަބޫލުފުޅު ކުރައްވަން ދަތިވެވަޑައިގެން ކެތް ނުކުރެވިގެން ނަބިއްޔާ صلى الله عليه وسـلم ގެ އަރިހުގައި ދެއްކެވި ވާހަކައާއި އޭގެ ޖަވާބު ތިރީގައި މިވާ ޙަދީޘްގައި ހާމަވާށެވެ. ފަހެ ޢުމަރު رضي الله عنه ރިވާކުރެއްވިއެވެ:
“… قُلْتُ: “فَلِمَ نُعْطِي الدَّنِيَّةَ فِي دِينِنَا إِذًا قَالَ ”إِنِّي رَسُولُ اللَّهِ، وَلَسْتُ أَعْصِيهِ وَهْوَ نَاصِرِي ”. ”. (البخاري: 2731, 2732)
“ތިމަންކެލޭގެފާނު ދެންނެވީމެވެ: “ފަހެ އެހެންވީރު (ކާފިރުން ކުރިމަތީގައި) ތިމަންމެންގެ ދީނުގައި ނިކަމެތިކަން ތިމަންމެން (އަމިއްލައަށް މި) ދެނީ ކީއްވެތޯއެވެ؟”. އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ: “ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި ތިމަންކަލޭގެފާނު އެކަލާނގެއަށް އުރެދޭ ބޭކަލެއް ކަމުގައެއް ނުވާނަމެވެ. އަދި އެކަލާނގެއީ ތިމަންކަލޭގެފާނަށް ނަޞްރު ދެއްވާ ފަރާތެވެ”.
ފަހެ، ޞުލްޙަލްޙުދައިބިއްޔާގެ މިޙާދިޘާއިން ވެސް ސާފުކޮށް ފެންނަން އެއޮތީ، އެކަލޭގެފާނު ކަންތައް ކުރެއްވީ ﷲ ތަޢާލާގެ އަމުރުފުޅާ އެއްގޮތަށް ކަމުގައެވެ. ”إِنِّي رَسُولُ اللَّهِ، وَلَسْتُ أَعْصِيهِ … ”. “ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި ތިމަންކަލޭގެފާނު އެކަލާނގެއަށް އުރެދޭ ބޭކަލެއް ކަމުގައެއް ނުވާނަމެވެ….”. މާނައަކީ އެހުރިހާ ކަމެއްވެސް އެކުރެއްވީ ﷲ ތަޢާލާގެ އަމުރުފުޅާ އެއްގޮތަށް ކަމުގައެވެ. އަދި އެޢަމުރުފުޅާ ޚިލާފުވެވަޑައިގެންނެވި ނަމަ އެކަލާނގެއަށް އުރެދެވުނީ ކަމުގައެވެ.
އެހެންކަމުން، ސުންނަތަށް އިންކާރު ކުރާ މީހުން ޞުލްޙަލްޙުދައިބިއްޔާގެ ޙާދިޘާއިން އެނެގި ވަޖުހު ނުވަތަ ނުގުތާ އެންމެ ފަހުން މިވަނީ ހަމަ އެޙާދިޘާގެ ޒަރިއްޔާއިން ބާޠިލު އެއްޗެއް ކަމަށް ޘާބިތުވެފައެވެ. އަދި ޤުރްއާނުގެ ބޭރުންވެސް އެކަލޭގެފާނަށް ﷲ ތަޢާލާ އަމުރު ކުރައްވާކަމާއި އެ އަމުރުފުޅުތަކަށް ހުރިހާ އެންމެވެސް ތަބާވާން ޖެހޭކަން ވެސް މިވަނީ އެމީހުން އެނެގި ޙާދިޘާއިން ޘާބިތުވެފައެވެ. الحمد لله.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 10