[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާޠިމާ ރަޟިޔަ ﷲ ޢަންހާގެ ޙަޔާތްޕުޅުން ޢިބްރަތް ހާޞިލްކުރަމާތޯ؟

 ކީރިތި ރަސޫލާގެ  ހަތަރުވަނަ  ދަރިކަބަލުން  އައްސައްޔިދާ ފާޠިމާ  ރަޟިޔަ ﷲ ޢަންހާއަކީ  ހުރިހާ  ގޮޮތަކުންމެ  މުއުމިނު އަންހެނުންނައްހުރި ނަމޫނާއެކެވެ. އެކަމަނާއަކީ ކީރިތި ރަސޫލާ އެންމެ ލޯބިފުޅުވާ ދަރިކަނބަލުންނެވެ.  އެކަމަނާ އެންމެ ވައްތަރުފުޅީ އެކަމަނާގެ ލޮބުވެތި މައިކަނބަލުން އުންމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާ އާއެވެ. ނަމަވެސް އުޅުއްވުމާ އަޚްލާޤުފުޅު އެންމެ ވައްތަރުފުޅީ ބައްޕާފުޅު ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައެވެ.

ފާތިމާ ރަޟިޔަ ﷲ ޢަންހާއަކީ ތުއްޕުޅު އިރުއްސުރެ  ސާދާ ދިރިއުޅުމަކަށް ލޯބިކުރެއްވި، ޢިލްމުވެރި، ފިގުހުވެރި، ތަޤުވާވެރި  ބޭކަނބަލެކެވެ. ޢަލީ ރަޟިޔަ ﷲ އަންހާއި ކައިވެނި ބައްލަވައި ގަތުމަށްފަހުވެސް އެކަމަނާ އުޅުއްވީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އެކަމަނާގެ  ފިރިކަލުންގެ  ޙާލާއިމެދު  ފުރިހަމައަށް  ރުހިގެންހުރެ އެކަމަނާގެ  ޙަޔާތް ވޭތުކުރެއްވީ  އުފަލާ ހިތްހަމަޖެހުމާއެކުއެވެ. ފިރިކަލުންނަށް ކިޔަމަންތެރި ވުމުގައިވެސް އުއްމަތުގެ އަންހެންތަކުންނަށް މިސާލު ދައްކަމުންނެވެ.

އެކަމާނާއަކީ  ގޭތެރޭގެ  މަސައްކަތްޕުޅު  ކުރެއްވުމުގައިވެސް  ހީވާގި،  ކެތްތެރި ބޭކަނބަލެކެވެ.  އުޑިން ފުށް މުގުރައްވައި މުގުރައްވައި  އަތްޕުޅުގައި ފޮޅުލައެވެ.  ގެކޮޅުގެ ކުނި ކެއްސެވުމާއި،  އުދުނަށް ފުމެލެއްވުމުގެ  ސަބަބުން  ހެދުންކޮޅު  ހަޑިވެއެވެ. ފެންއުފުއްލަވައި އުފުއްލަވައި ކޮންޑުފުޅު ނޫފައިގަނެވެ. ނަމަވެސް ދުވަހަކުވެސް ޝަކުވާއެއް ނުކުރައްވައެވެ. ފަގީރުކަމާ ހައިހޫނުކަމަކީ ހަމައެކަނި މިދުނިޔޭގައި ތަހަންމަލު  ކުރަންޖެހޭ ކަންތައްތައް ކަން ހިތުގެ  އަޑީންގަބޫލް ކުރައްވައެވެ.  އަދި ދުވަހަކުވެސް ދުނިޔޭގެ ޒީނަތްތެރިވަމާ ދުނިޔޭގެ އެދުންވެރިކަމައް އެދިވަޑައި ނުގަންނަވައެވެ.

ފާތިމަތުގެފާނުގެ ފިރިކަލުން  އަލީގެފާނަކީ  ފަގީރުބޭކަލެކެވެ.  އެހެންކަމުން  ގިނަދުވަސްދުވަހު  އެދެބޭކަލުންގެ  ގެކޮޅުގައި ފަރީއްކުޅުވާނެ އެއްޗެއްނުހުރެއެވެ.  ފިރިކަލުން ބުރަމަސައްކަތުން  ހޯދަވާ ގޮދަންކޮޅުން މުގުރެއްވުމުގައި ގިނަވަގުތު ފާތިމަތުގެފާނައް ހޭދަކުރައްވަން ޖެހިވަޑައިގަންނަވައެވެ. ކާތަކެތި ތައްޔާރުކުރައްވާ ފިރިކަލުންނައް ކާންދެއްވައެވެ.  ދަތިހާޔުކޮޅުގައިވެސް ގިނަގިނައިން ޞަދަގާތް ކުރައްވައެވެ. އެކަމަނާގެ ގެކޮޅަށް  މީހަކު  ކާނެ  އެއްޗަކަށް  އެދިގެން  އަތުވެއްޖެނަމަ  ހުސްއަތާ  ފޮނުވާނުލައްވައެވެ. ނިކަމެތިންނަށް އަޅާލައްވާ އޯގާތެރިވެއެވެ. ގޭތެރޭގެ މަސައްކަތުގައި އަވަދިނެތި އުޅުއްވަމުން ވެސް ގިނަގިނައިން އަޅުކަންކުރައްވައެވެ.

އެކަމަނާ ދުނިޔޭގައި އުޅުއްވި މަދު  ދުވަސްކޮޅުގެ ތެރޭގައިވެސް ވަނީ،  އިސްލާމް ދީނަށް އެތައް  އަގުހުރި ޚިދްމަތް ތަކެއް ކުރައްވާފައެވެ. މިގޮތުން  އެކަމަނާ  ވަނީ ޖިހާދުގެ  މައިދާނުގައިވެސް  ވަރަށް އަގުހުރި  މަސައްކަތް ތަކެއް ކުރައްވާފައެވެ. އުޙުދު ހަނގުރާމައާއި މައްކާ ފަތަޙަކުރެއްވުމުގައިވެސް އެކަމަނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި އެކަމަނާގެ އުނގުފުޅުގެެ ތެރެއިން ވަނީ އުއްމަތް ފަޚުރުވެރިވާފަދަ ދަރިންތަކެއް ތަރުބިއްޔަތުކުރައްވާފައެވެ.

އައްސައްޔިދާ ފާތިމާ ރަޟިޔަ ﷲ ޢަންހާއަކީ  ކިޔަމަންތެރި ދަރިއެކެވެ.  އޯގާތެރި އަންބެކެވެ.  ކާމިޔާބު މައެކެވެ. ކެތްތެރި ކަމާއި ނަމާދުން އެކަމަނާ  ކާމިޔާބު ހޯއްދެވިއެވެ.  ނަތީޖާއެއްގެގޮތުން  ސުވަރުގޭގެ  އަންހެނުންގެ  ސާހިބާގެ ލަޤަބް  އެކަމަނާއަށް  ލިބިވަޑައިގަތެވެ.  މުސްލިމް އަންހެނުންގެ  ސިފަ  ބަޔާންކުރައްވަމުން  އެކަމަނާ  ވިދާޅުވެފައިވެއެވެ.  “މުސްލިމް އަންހެނުންގެ މައްޗައްއޮތީ، މާތް ﷲ އާއި  އެކަލާންގެ  ރަސޫލާއަށް  ކިޔަމަންތެރިވުމާއި،  ތިމާގެ  ދަރިންނައް  އޯގާތެރިވުމާއި،  ތިމާގެ ބެލުން ތިރިކޮއްގެން އުޅުމާއި،  ތިމާގެ ޒީނަތްތެރިކަން ވަންހަނާކުރުމާއި،  ތިމާ ހިލޭފިރިހެނުންނަށް  ނުބެލުމާއި،  ހިލޭފިރިހެނުންނަށް ތިމާ ފެނުނަނުދިނުމެވެ.”

އަޅުގަނޑުމެންނަކީ މީރުކާއެއްޗެހި ކައިގެން، ރީތިހެދުން ލައިގެން،  ތަނަވަސް ކޮޓަރި ތަކުގައި  ދިރިއުޅުން  ހޭދަކުރަމުންދާ ބައެކެވެ. ނަމަވެސް ނަމާދަށް  ގޮވާލެވޭ ހިނދު، އަޅުގަނޑުމެންނަށް  ދެވެނީ ބީރުކަންފަތެކެވެ.  އެހީތެރިކަމުގެ އަތެއް ދިއްކޮލުމަށް އަޅުގަނޑުމެންގެ  ކިބައިން  އެދެވޭ  ހިނދު،  އަޅުގަނޑުމެންނަށް  އެކަމަށް  ފުރަގަސްދެވެއެވެ.  ދަރިން  ތަރުބިއްޔަތުކުރުމުގައި ފަރުވާކުޑަކުރެވެއެވެ. އޭ މުސްލިމް އުޚްތާއެވެ!  ތިބާގެ މަރު ތިބާއާ ބައްދަލުވުމުގެ ކުރިން ތައުބާވާށެވެ. ފާތިމާ ރަޟިޔަ ﷲ ޢަންހާގެ ޙަޔާތުން ޢިބްރަތް ޙާސިލްކޮށް ކާމިޔާބު އަންހެނަކަށްވުމަށް މަސައްކަތްކުރާށެވެ.