މީގެ އިތުރުން މިފަދަ ކަންކަމުން ހާމަވެގެންދާ އަނެއް ކަމަކީ، ކީރިތި ޤުރްއާން އާއި ނަބިއްޔާ صلى الله عليه وسـلم ގެ ނުބުއްވަތަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ގެންނެވި ކަމެއް ނޫން ކަމުގައެވެ. އެހެނީ، އެއްވެސް މީހަކު އެފަދަ ބޮޑު ކަމެއްގައި އެމީހަކުގެ އަމިއްލަ ކުށްތައް އިޞްޙާލުކުރަން އަމުރުކޮށް ނުވަތަ އެމީހެއްގެ އެވެނި މިވެނި ކަމެއް، – ވަކިން ޚާއްޞަކޮށް ޝަޚްޞީ ކަންކަން – އެވަނީ ގޯސްކޮށް ހިނގައިފައި ކަމުގައި ބުނެ އެކަންކަން ރަނގަޅު ކުރަން އަންގައި އަދި މަސްއޫލިއްޔަތު އަދާ ކުރުމުގައި ދޮގެއް ހަދައި ޚިޔާނާތްތެރިވެއްޖެ ނަމަ ގަދަފަދަ ޢަޛާބު ކުރިމަތި ކުރެވޭ ކަމުގައި ބުނެ އިންޒާރުދީ ހެދުމަކީ ބުއްދި ޤަބޫލުކުރާކަމެއް ނޫނެވެ.
ފަހެ ﷲ ތަޢާލާ ވަނީ ރަސޫލާ صلى الله عليه وسـلم އެއްކަމަކު އެކަލާނގެ މައްޗަށް އިތުރުފުޅެއް ހައްދަވައިފި ނަމަ އޭގެ ޢާޛާބު އެކަލޭގެފާނަށްވެސް ދެއްވާނެ ކަމުގައި ބަޔާންކުރައްވާފައެވެ.
(وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ ﴿٤٤﴾ لَأَخَذْنَا مِنْهُ بِالْيَمِينِ ﴿٤٥﴾ ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ ﴿٤٦﴾). [سورة الحاقة: 44-46].
“އަދި އެކަލޭގެފާނު (ވެސް) ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ. އެއަށްފަހު ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ”.
މިއާޔަތުން ލިބޭ އެންމެ ސާފު އެއް ދަލީލަކީ، ﷲ ތަޢާލާގެ މައްޗަށް އެކަލޭގެފާނު ވެސް އެއްވެސް ކަހަލަ އިތުރުފުޅެއް ހެއްދެވިނަމަ އެކަމުގެ ޢަޛާބު އެކަލޭގެފާނަށް އެކަލާނގެ މިދުނިޔެ މަތީގައި ދެއްވީސް ކަމެވެ. އެކަން އެނގިގެންދަނީ މިއާޔަތުގެ ފަހަތުން އަންނަ އާޔަތުންނެވެ.
فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ [سورة الحاقة: 47].
“ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ ޢަޛާބުން ދުރެއްނުކުރެވޭނެތެވެ”.
މާނައަކީ އެފަދަ ޙާލަތެއްގައި ކާފިރުންގެ ތެރެއިން އެއްވެސް މީހަކަށް އެކަލޭގެފާނު ﷲ ގެ ޢަޛާބުން ސަލާމަތް ކުރެވޭނެއެވެ. މައްކާގެ މުޝްރިކުން އެ އެދޭ ފަދައިން ﷲ ތަޢާލާގެ ޝަރީޢަތުގެ މައްޗަށް އެކަލާނގެ އަމިއްލަފުޅު ވާހަކަފުޅުތަކެއް ދައްކަވައިގެން އެކަލާނގެ ޢަޛާބު އަންނަ ހިނދު އެބައިމީހުން އެކަލޭގެފާނުގެ ދިފާޢުގައި ނިކުތަސް އެކަލާނގެ ޢަޛާބަކަށް ހުރަހެއް ނޭޅޭނެއެވެ. މީގެން އެނގެނީ އެފަދަ ކަމެއް އެކަލޭގެފާނު ކުރެއްވި ނަމަ މިދުނިޔެމަތީގައި އޭގެ ސަޒާ އެކަލާނގެ ދެއްވީސްކަމެވެ.
އެހެންކަމުން، އެކަލޭގެފާނަށް އެފަދައިން އެކަލާނގެ ޢަޛާބު ދެއްވާފައިނުވާ ނުވުމުން އެކަލޭގެފާނު ﷲ ތަޢާލާގެ މައްޗަށް އިތުރުފުޅެއް ހައްދަވާފައި ނުވާކަން ކަށަވަރުވީއެވެ. އެހެނީ، އެކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖުރަ ކުރައްވައި، އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފާޅުކުރައްވައި، ފުރިހަމަ ކުރެއްވުމަށް ފަހު އެކަލޭގެފާނު ދުނިޔެ ދޫކުރައްވައި ވަޑައިގަތީ ޝަރަފާއި ޢިއްޒަތާއި ހައިބަޔާއި ޤަދަރާއެކުގައެވެ. ކާމިޔާބައި ފަލާޙާ އެކުގައެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 14