ދެވަނަ ދަޢުވާ:
އެމީހުންގެ މިދަޢުވާގައި ވާގޮތުން ؛ ނަބިއްޔާ صلى الله عليه وسـلم އެއްވެސް އިރެއްގައި އެކަލޭގެފާނުގެ ސުންނަތަކީ އިސްލާމް ދީނުގެ މަޞްދަރެއް ކަމުގައި ދެކިވަޑައިގަންނަވާފައެއް ނުވެއެވެ. އެފަދަ މަޤާމެއް އެކަލޭގެފާނުގެ ސުންނަތައް ލިބުމަކަށް އެދިލައްވާފައެއް ވެސް ނުވެއެވެ. ޤުރްއާން ފިޔަވައި އެނޫން އެއްވެސް އެއްޗެއް ދީނުގެ މަޞްދަރެއް ކަމުގައި ވުމަކަށް އެކަލޭގެފާނު ބޭނުންފުޅުވެވަޑައެއް ވެސް ނުގަންނަވައެވެ.
އަދި އެމީހުން ބުނާގޮތުން ހުރިހާ ޞަޙާބީންވެސް ތިއްބެވީ އެގޮތުގައެވެ. އަދި އިސްލާމް ދީނުގެ މަޞްދަރެއް ކަމުގައި ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް ހަމަޖެހިގެން ދިޔައީ ޞަޙާބީންގެ ފަހުން އައި ތާބިޢީންގެ ދުވަސްވަރެވެ. މިވާހަކަތަކަށް އެމީހުން ގެންނަ ވާހަކަތަކުގެ ތެރޭގައި:-
ހ- ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތުން އެއްވެސް އެއްޗެއް ލިޔުން އެކަލޭގެފާނުގެ ޞަޙާބީންނަށް ނަހީކުރައްވައި ؛ “لا تَكْتُبُوا عَنِّي وَمَنْ كَتَبَ عَنِّي غَيْرَ الْقُرْآنِ فَلْيَمْحُهُ وَحَدِّثُوا عَنِّي وَلا حَرَجَ … ” [مسلم : الزهد والرقائق: 5326 ].
“ތިމަންކަލޭގެފާނުގެ ކިބައިން ތިޔަބައިމީހުން ނުލިޔާށެވެ. ފަހެ، ތިމަންކަލޭގެފާނުގެ ކިބައިން ޤުރްއާން ފިޔަަވައި އެހެން އެއްޗެއް ލިޔެފައިވާ މީހާ އެ އެއްޗެއް ފޮހެލާހުށިކަމެވެ. އަދި ތިކަންކަލޭގެފާނުގެ ކިބައިން ތިޔަބައިމީހުން (ޙަދީޘް ރިވާކޮށް) ވާހަކަ ދައްކާށެވެ. އެކަމުގައި މައްސަލައެއް ނެތެވެ”. މިފަދައިން ކުރައްވާފައިވާ ޙަދީޘްފުޅާއި،
ށ- ނަބިއްޔާގެ صلى الله عليه وسـلم ގެ ސުންނަތަކީ ދީނުގައި ޝަރުޢު ކުރެއްވިފައިވާ އެއްޗެއް ނޫންކަން ޞަޙާބީންނަށް އެނގިލެއްވި ކަމަށާއި، އެގޮތުން ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް ލިޔެ އެ ރައްކާތެރި ކުރެއްވުމާ މެދުގައި އެބޭކަލުން އިހުމާލުވެވަޑައިގަންނަވައި، ކީރިތި ޤުރްއާން ލިޔެ ރައްކާތެރި ކުރުމަށް އެކަނި ފަރުވާތެރިވެވަޑައިގެންނެވި ކަމަށް ބުނާ ބުނުމާއި،
ނ- ޞަޙާބީންގެ ތެރެއިން އިސް ސަފުގައި އުޅުއްވި ބޭބޭކަލުން ވަނީ ޙަދީޘް ރިވާކުރުމާއި އެ ލިޔެ ހެދުމާ މެދުގައި ނުރުހުންވެވަޑައިގެން އެކަމަށް އިންޒާރު ދެއްވާފައި ކަމަށާއި، އޭގެ ތެރެއިން ޢުމަރުގެފާނު رضي الله عنه ވަނީ ޙަދީޘް ރިވާކުރެއްވި ބައެއް ޞަޙާބީ ބޭކަލުންނަށް އިންޒާރު ދެއްވައި، ހައްޔަރުވެސް ކުރައްވާފައި ކަމަށް ބުނާ ބުނުމެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 17