[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 1 ، د 6 – ނަބިއްޔުންނަށާއި ޞާލިޙުންނަށާއި ގަސްގަހަށާ އަދި ހިލަތަކަށް އަޅުކަންކުރުމީ ޝިރުކުކުރުން)

ނަބިއްޔުންނަށާއި ޞާލިޙުންނަށާއި ގަސްގަހަށާ އަދި ހިލަތަކަށް އަޅުކަންކުރުމީ ޝިރުކުކުރުން

 

 

ނަބިއްޔުންގެ ދަލީލަކީ (އެބަހީ: އެބައިމީހުން ނަބިއްޔުންނަށް އަޅުކަންކުރިކަމާއި އެއީ ހުއްދަކަމެއް ނޫންކަމުގެ ދަލީލަކީ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިވަޙީބަސްފުޅެވެ.

﴿وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ  إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلَّامُ الْغُيُوبِ﴾ [المائدة 116]

މާނައީ: “ﷲ ވަޙީކުރެއްވި ހިނދު ހަނދުމަކުރާށެވެ. އޭ މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނެވެ. ﷲ ފިޔަވައި، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމާފުޅަކީ ދެއިލާހުން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ! ބުނުމުގެ ޙައްޤެއް މިއަޅާޔަށް ލިބިގެންނުވާ ބަހެއްބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސްބުނިނަމަ، އިބައިލާހު އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބައިލާހު (މޮޅަށް) ދެނެވޮޑިގެންވަމުއެވެ. އިބައިލާހުގެ ނަފްސުފުޅުގައިވާ ކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބައިލާހީ، ވަންހަނާގައި ވާހައި ކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

 

 

ޞާލިޙުންގެ ދަލީލަކީ (އެބަހީ: އެބައިމީހުން ޞާލިހުންނަށް އަޅުކަންކުރިކަމާއި އެއީ ހުއްދަކަމެއް ނޫންކަމުގެ ދަލީލަކީ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިވަޙީބަސްފުޅެވެ.

﴿أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا﴾ [الإسراء 57]

މާނައީ: “އިލާހުންކަމަށް އެއުރެން ގޮވައިއުޅޭ ފަރާތްތައް، އެފަރާތްތަކުގެ ވެރިރައްބުގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގު އެދެތެވެ. އެއުރެންކުރެ އެންމެ ގާތްކަންބޮޑީ، ކާކުތޯބަލައި އެކަމަށް އެދެތެވެ. އަދި އެއިލާހުގެ ރަޙުމަތަށް އެދެތެވެ. އަދި އެއިލާހުގެ ޢަޛާބަށް ބިރުވެތިވޭމެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރައްބުގެ ޢަޛާބަކީ، އެއަށް ބިރުވެތިވެވޭކަމެއް ކަމުގައިވިއެވެ.”

 

 

ގަހާއި ހިލައިގެ ދަލީލަކީ (އެބަހީ: ގަހާއި ހިލައަށް އަޅުކަންކުރިކަމާއި އެއީ ހުއްދަކަމެއް ނޫންކަމުގެ ދަލީލަކީ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.

﴿أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ [١٩] وَمَنَاةَ الثَّالِثَةَ الْأُخْرَىٰ [٢٠]﴾ [النجم:19-20]

މާނައީ: “ފަހެ، ލާތައާއި ޢުއްޒާއާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ [19] އަދި މަނާތުއޭ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ. [20]”

 

އަދި މާތްﷲ ރުއްސުން ލެއްވި  أبو وَاقِد اللَّيثي ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

خَرَجْنَا مَعَ رَسُوْلِ اللهِ صلّى الله عليه وسلّم  إِلَى حُنَيْنٍ، وَنَحْنُ حُدَثاَءُ عَهْدٍ بِكُفْرٍ، وَلِلْمُشْرِكِينَ سِدْرَةٌ يَعْكُفُونَ عِنْدَهَا وَيَنُوطُونَ بِهَا أَسْلِحَتَهُم يُقَالُ لَهَا ذَاتُ أَنْوَاطٍ، فَمَرَرْنَا بِسِدْرَةٍ فَقُلْنَا: يَارَسُولَ اللهِ! اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أنْوَاطٍ، فَقَالَ رَسُولُ اللهِ صلّى الله عليه وسلّم: ((اللهُ أَكْبَرُ! إِنَّهَا السُّنَنُ، قُلْتُمْ وَالَّذِي نَفْسِي بِيَدِهِ  كَمَا قَالَتْ بَنُو إِسْرَائِيْلَ لِمُوسَى: ﴿اجْعَل لَنَا إِلَهاً كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ﴾ [الأعراف: 138])) [رواه الترمذي وصحّحه]

މާނައީ: ޙުނައިނު ހަނގުރާމައަށް ދިޔުމަށްޓަކައި ﷲގެ ރަސޫލާ صلى الله عليه وسلم އާ އެކުގައި އަހުރެމެން ނިކުމެއްޖައީމުއެވެ. އަދި އެއީ އަހުރެމެން އިސްލާމްވީ ދުވަސްވަރު ކަމަށްވާތީވެ، އަހުރެމެންނަކީ އެވަގުތު އިސްލާމްދީނަށް މުޅިން އާ ބަޔަކީމުއެވެ. (ދެން އަހުރެމެން ޙުނައިނާ ދިމާއަށް ދިޔަމަގު މަތިން) މުޝްރިކުންގެ ކުންނާރު ގަހެއްކައިރިން ދިޔައީމެވެ. އެގަސް ކައިރީގައި (ބަރަކާތް ހާސިލުކުރުމުގެ ނިޔަތުގައި) އެބައިމީހުން އެއްވެ އުޅެތެވެ. އަދި އެބައިމީހުންގެ ހަތިޔާރުތައް އެގަހުގައި (ބަރަކާތަށްޓަކައި) އެލުވާ އުޅެތެވެ. އެބައިމީހުން އެގަހަށް “ޛާތު އަންވާޠު” އޭ (އެލުވިފައިވާ އެއްޗެހި ތަކެއްގެ ވެރިގަހެވެ.) ކިޔައި އުޅެތެވެ. ދެން ފަހެ އަހުރެމެންވެސް ކުންނާރު ގަހެއް ހުރަސްކޮށްފައި ދަމުން ދަންނަވައިފީމުއެވެ. އޭ ﷲގެ ރަސޫލާއެވެ! އެ މުޝްރިކުންނަށް “ޛާތު އަންވާޠު” އެއްވާ ފަދައިން އަހުރެމެންނަށްވެސް “ޛާތު އަންވާޠު” އެއް ލައްވާށެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “الله أكبر! ހަމަކަށަވަރުން އެއީ (މަގުފުރެދިފައިވާ މީހުންގެ) ގޮތްތަކެކެވެ. ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިޔަބައިމީހުން ތިޔަބުނީ މުސާގެފާނަށް ބަނޫ އިސްރާއީލު މީސްތަކުން ބުނިފަދައިންނެވެ. “އެބައިމީހުންނަށް އިލާހުންތަކެއް ވާފަދައިން އަހުރެމެންނަށްވެސް އިލާހެއް ހަމަޖައްސާދެއްވާށެވެ.”[1]

 

 

ފިލާވަޅުގެ އިރުޝާދުތައް

* ނަބިއްޔުންނަށާއި ޞާލިޙުންނަށް ބައެއް މީހުން އަޅުކަންކުރިޔަސް، އެބޭކަލުން އެކަމަށް އިޤުރާރުވެވަޑައިނުގަންނަވައެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ ކަންކަމުން އެބޭކަލުން ބަރީއަވެވަޑައިގަންނަވައެވެ.

* ޢީސާ عليه السلام އަށާއި އެކަލޭގެފާނު މަންމާފުޅަށް އަޅުކަންކުރާ މީހުން އެފަދައިން އެކަން އެކުރަނީ އެބައިމީހުން އަމިއްލައަށް އެކަންކަން އުފައްދައިގެންނެވެ. އެކަމަކީ ﷲ ތަޢާލާއާ އަދި ޢީސާ عليه السلام ވެސް، އެކަމަށް އަމުރުކުރައްވާފައިވާ ކަމެއް ނޫނެވެ.

* ނަބިއްޔުންނާއި ޞާލިޙުންވެސްވަނީ ﷲ އަށް ބޭނުން ޖެހިފައެވެ. އެބޭކަލުންވެސް ﷲ އާ ކުއްތަންވެފައިވަނީ ޞާލިޙު ޢަމަލުތައް ކުރައްވައިގެންނެވެ. ދެން އެބޭކަލުންނަށް ބަޔަކު އަޅުކަން ކުރާނީ ކިހިނެތް ހެއްޔެވެ؟

* ގަސްގަހުންނާއި ހިލަތަކުންނާ އަދި ޤަބުރުތަކުން ބަރަކާތް ޙާޞިލުކުރުމަކީ ﷲ އަށް ޝިރުކުކުރުމެވެ.

* ގަސްގަހުންނާއި ހިލަތަކުންނާ އަދި ޤަބުރުތަކުން ބަރަކާތް ޙާޞިލުވާކަމަށް މުޝްރިކުން ހީކުރެއެވެ. އެހެނަސް އެއީ އެއްވެސް ޙަޤީޤަތެއް ނެތް އޮޅުމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ﴾ [سورة النجم ٢٣]

މާނައީ: “އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައި ނޫނީ ނުވެތެވެ. އެތަކެއްޗަށް ﷲ އެއްވެސް ބާރެއް ދެއްވައިފައެއް ނުވެތެވެ.”

 

 

ސުވާލުތައް

1- ބައެއް ޞަޙާބީ ބޭކަލުން ޛާތު އަންވާޠެއް ލެއްވުމަށް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެދިވަޑައިގެންނެވީ ކީއްވެ ހެއްޔެވެ؟

2- މުޝްރިކުންނަށްވާފަދަ ޛާތު އަންވާޠެއް ލެއްވުމަށް ރަސޫލާ صلى الله عليه وسلم އެއްބަސްވެވަޑައިގެންނެވި ހެއްޔެވެ؟

3- ޞާލިޙުންނަށް އަޅުކަންކުރުމަކީ ޝިރުކެއްކަން ބަޔާންކުރާ ދަލީލު ލިޔާށެވެ.

4- ހިލަތަކަށް އަޅުކަންކުރުމަކީ ޝިރުކެއްކަން ބަޔާންކުރާ ދަލީލު ލިޔާށެވެ.

5- ނަބިއްޔުންނަށް އަޅުކަންކުރުމަކީ ޝިރުކެއްކަން ބަޔާންކުރާ ދަލީލު ލިޔާށެވެ.

= ނުނިމޭ =

_____________________________

[1] މިއީ القواعد الأربع އިން ނަގާފައިވާ ބައެކެވެ.

 

 

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥

مادة التوحيد ٦

ހަތަރު ޤަވާޢިދު – އޯޑިއޯ ޕޮރޮގްރާމް

ހަތަރު ޤަވާޢިދު ފޮތް