މީގެ އިތުރުން ، ކުރިންވެސް ބުނެވުނު ފަދައިން، ސުންނަތައް އިންކާރުކުރާ ބަޔަކު އެސުންނަތުން ދަލީލު ނަގައިގެން އެމީހުންގެ ކޮޅު ގަދަ ކުރުމަށް ޙަދީޘްގެ ބޭނުން ހިފުމަކީ އެމީހުންނަށް ކިހިނަކުން ޙައްޤުވާނެ ހެއްޔެވެ؟ ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްއަށް އީމާންވާ މީހުން މުރުތައްދުވާނެ ކަމަށް ބުނެ، އެއީ ބާޠިލުކަމަށް އެމީހުން ބުނާ ޙާލު ، އޭގެން އެމީހުން ބޭނުންވާ ކަންކަމަށް އިސްތިދުލާލު ކުރުމަކީ ޚުދު އެމީހުން އަމިއްލައަށް އެކަނޑައެޅި އުޞޫލުގެ ދަށުން އެމީހުންވެސް ދީނުން ބޭރުވެ މުރުތައްދުވާނެ ކަމެއް ނޫން ހެއްޔެވެ!!
ދެން އަދި، މިތަނުގައި ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިއްމު އުތުރު ނުގުތާއެއް އެބައޮތެވެ. އެއީ، ސުންނަތަށް އިންކާރު ކުރާ އެއްވެސް މީހަކަށް އަދި މިވީހާތަނަށް ، ގެނެވިފައި ނުވާ ނުވަތަ ކުރެވިފައި ނުވާ ކަމެއްގެ ވާހަކައެވެ. އެކަމީ، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް “ހިތުދަސް ނުކުރުމަށް” އޮތް އެއްވެސް ޙަދީޘެއް އެމީހުންނަށް ގެނެވިފައި ނުވާކަމުގެ ވާހަކައެވެ. އެއީ މިހާތަނަށް އެބައިމީހުންނަށް ނުކުރެވުނު ކަމެކެވެ. އަދި ނުވެސް ކުރެވޭނެ ކަމެކެވެ. އެމީހުންނަށް ގެނެވުނުހާވެސް ޙަދީޘްތަކީ ޙަދީޘް “ނުލިޔުމަށް” އޮތް ދަލީލެވެ. އެއަށް އޮތް ރައްދު މަތީގައި އެބަޔާންކުރެވުނީއެވެ.
ކޮންމެއަކަސް ، މިތަނުގައި ވިސްނާލަންވީ އެންމެ މުހިއްމު އެއްކަމަކީ، އެއްޗެއް ލިޔެވިފައި އޮތުމަކީ އެ އެއްޗެއް ރައްކާތެރި ކުރެވިފައި އޮންނާނެ ކަމުގެ ސަތޭކަ އިންސައްތަ ޔަޤީންކަން ދޭނޭ ކަމެއް ނޫން ކަމުގައެވެ. އެހެނީ، އެހެން އެކަން އޮތް ނަމަ، މޫސާ عليه السلام އަށް ﷲ ތަޢާލާ ލިޔުއްވާފައިވާ ދެއްވި ތައުރާތަށް އެއްވެސް ބަދަލެއް ނައިސް ޔަހޫދީންގެ އަތުގައި ރައްކާތެރި ކުރެވިފައި އޮތީހެވެ. އަދި ނަޞާރާއިންގެ އިންޖީލާއި އެނޫން އެހެން ހުރިހާ ސަމާވީ ފޮތްތަކެއް ވެސް ރައްކާތެރިކަމާއެކު ބަދަލެއް ނައިސް އޮތީހެވެ. ނަމަވެސް އެހެން އެކަމެއް ނުވިއެވެ. ތެދެކެވެ، އެއްޗެއް ލިޔެވިފައި އޮތުމަކީވެސް އެ އެއްޗެއް ރައްކާތެރި ކުރެވިފައި އޮތުމަށް އޮތް އެންމެ މުހިއްމު އަދި އަސާސީ އެއް ސަބަބެވެ. އެހެނަސް އެއީ އެކަމަށް އޮތް ހަމައެކަނި ސަބަބެއް ނޫނެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 22