ދަންނާށެވެ. ތިބާ ހެޔޮކަމަކަށް އަމުރުކުރާ ކޮންމެ ފަހަރަކު ނުވަތަ މުންކަރާތެއް މަނާކުރާ ކޮންމެ ފަހަރަކު އެމުންކަރާތް ނެތިދާނެކަމަށް ނުވަތަ އެވާޖިބު އަދާވާނެކަމަށް ހީނުކުރާށެވެ. ޙައްޤުމަގުގައި ޘާބިތުވުމުގެ ތައުފީޤުވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ﴾ [سورة القصص ٥٦]
މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، ﷲ، އެއިލާހު އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّمَا أَنتَ نَذِيرٌ وَاللَّـهُ عَلَىٰ كُلِّ شَيْءٍ وَكِيلٌ﴾ [سورة هود ١٢]
މާނައީ:”ކަލޭގެފާނު ވާކަން ކަށަވަރީ، އިންޛާރުދެއްވާ ބޭކަލަކު ކަމުގައެވެ. އަދި ﷲ އީ، ހުރިހާ ތަކެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ އިލާހެވެ.”
މުންކަރާތްތަކަށް އިންކާރުކުރުމުން ބައެއް ފަހަރު އެކަން ނައްތާލެވިދާނެއެވެ. އަދި އަނެއްބައި ފަހަރު އެކަން ނައްތާނުލެވިވެސް ދާނެއެވެ. މިމަތިވެރި ޝިޢާރު އަދާކުރާއިރު ތިބާ އެންމެ ސަމާލުކަންދޭކަމަކީ މުންކަރާތް ނެތިދިޔުންކަމުގައި ނުހަދާށެވެ. އެހެނީ އޭގެ ސަބަބުން އެމުންކަރާތް ދެމިގެންދާނަމަ ތިބާ ހެޔޮކަންތައްތަކަށް އަމުރުކުރުމާ އަދި މުންކަރާތް މަނާކުރުމުން އެއްކިބާވެދާނެއެވެ. މިއީ ކުށެކެވެ.
މުންކަރާތެއް ނައްތާނުލެވޭ ޙާލަތުގައިވެސް ހެޔޮކަންތައްތަކަށް އަމުރުކޮށް އަދި މުންކަރާތްތައް މަނާކުރަނީ އޭގައި ވަރަށް ގިނަ ފައިދާތައްވާތީއެވެ. އޭގެ ތެރޭގައި: މުސްލިމު އަޅާ އެކަންކުރުމުން އޭނާ އެއަދާކުރަނީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކެވެ. އަދި އެކަންކުރުމުގެ ސަބަބުން، އަޅާ އޭނާގެ ވެރިރައްބާ ކުއްތަންވެއެވެ. އަދި އެކަމުގެ ސަބަބުން އޭނާ މުއުމިނުންގެ ސިފައިން ސިފަލިބިގަނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ إِنَّ اللَّـهَ عَزِيزٌ حَكِيمٌ﴾ [سورة التوبة ٧١]
މާނައީ: “މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙުމަތްލައްވާހުށްޓެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.