އަދި އަބޫ ދާވޫދު رحمه الله ގެ ރިވާޔަތުގައި ޢުމަރު رضي الله عنه ވިދާޅުވިކަމަށް ވެއެވެ:
“أَمَا إِنِّي لَمْ أَتَّهِمْكَ وَلَكِنْ خَشِيتُ أَنْ يَتَقَوَّلَ النَّاسُ عَلَى رَسُولِ اللَّهِ صلى الله عليه وسلم ”. [أبو داوود: 5184 ، صحيحه الألباني].
“އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނު ކަލޭގެފާނަށް ތުހުމަތު ކުރައްވަނީއެއް ނޫނެވެ. އެކަމަކު ﷲ ގެ ރަސޫލާ صلى الله عليه وسـلم ގެ މައްޗަށް މީސްތަކުން ދޮގު ހަދައިގެން ވާހަކަ ދައްކަފާނެ ކަމައްޓަކައި ތިމަންކަލޭގެފާނު ބިރުފުޅުގަތީއެވެ”.
ފަހެ މި ޙާދިޘާއިން ފެނިގެން މިދަނީ، ނަބިއްޔާ صلى الله عليه وسـلم ގެ ޞަޙާބީން އެކަލޭގެފާނުގެ ސުންނަތައް ދެއްވި ޤަދަރާއި ޢިއްޒަތެވެ. އަދި ރައްކާތެރިކަމެވެ. އެއަށް ޢަމަލު ކުރެއްވުމުގައި ލާމަސީލު ނަމޫނާ ދެއްކެވުގައިވެސް ކުރިއަރައިގެން ދިޔަ ތަނެވެ. އަދި އެކަލޭގެފާނުގެ ސުންނަތް ޞައްޙަ މަގުން ޘާބިތު ކުރެއްވުމަށްޓަކައި ސަމާލުކަން ދެއްވި މިންވަރެވެ. އަދި އެސުންނަތުގެ މައްޗަށް ދޮގު ހަދައި، އެއްޗެހި އިތުރުކޮށް ނުވަތަ އުނިކޮށް، ބަދަލު ގެނެސްފާނެ ކަމަށްޓަކައި ހަރުދަނާ އުޞޫލު ކަނޑައެޅުއްވި މަންޒަރެވެ. ފަހުން އަންނަ ބަޔަކު ، ހަމަ ހުރެފައި ބޭނުންވާއިރަށް ޙަދީޘެއް ހަދައި ، އޭގެން މީސްތަކުން މަގުފުރައްދަފާނެ ކަމަށްޓަކައި އެމަގު ބަންދުކުރެއްވި ތަނެކެވެ. ފަހެ ޢުމަރު رضي الله عنه މި ކަނޑައަޅުއްވައި ދެއްވި ހަރުދަނާ އުޞޫލު ވެގެންގޮސްފައިވަނީ ފަހުން ވަޑައިގެންނެވި ހުރިހާ ޙަދީޘް ޢިލްމުވެރިން ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްތަކުގެ ޞައްޙަ ނުޞައްޙަކަން ކަނޑައެޅުމުގައި ގެންގުޅުންވި މިންގަނޑެއް ކަމުގައެވެ. ﷲ ތަޢާލާ ޢުމަރު رضي الله عنه އަށް މުޅި އިސްލާމީ އުއްމަގެ ފަރާތުން ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 31