ކޮންމެއަކަސް ޢުމަރު رضي الله عنه ގެ ޙާދިޘާއަށް ބަލާލަމާ ހެއްޔެވެ. އެޙާދިޘާއަކީ؛ އެއް ދުވަހަކު އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޢުމަރުގެފާނު رضي الله عنه ގެ ގެކޮޅުގެ ދޮރުކޮޅުގައި ތިން ފަހަރު ޓަކި ޖެއްސެވުމުންވެސް ދޮރުކޮޅު ނުހުޅުއްވުމުން އަނބުރާ ދާން ހިނގައިގަތެވެ. އެއަށްފަހު އަބޫ މުސާ رضي الله عنه އަނބުރާ ގެންނަވައި، އެކަލޭގެފާނު އަންނަންދެން މަޑު ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރެއްވުމުން އަބޫ މުސާ ދެންނެވިއެވެ:
“ﷲ ގެ ރަސޫލާ صلى الله عليه وسـلم ޙަދީޘްފުޅު ކުރެއްވިއެވެ: “الاِسْتِئْذَانُ ثَلاَثٌ فَإِنْ أُذِنَ لَكَ وَإِلاَّ فَارْجِعْ””.
“(ގެއަކަށް ވަންނަ އިރު) ހުއްދައަށް އެދުން ވަނީ ތިން ފަހަރުއެވެ. ފަހެ ތިމާއަށް ހުއްދަ ދެވިއްޖެ ނަމަ (ވަންނާށެވެ). އެހެން ނޫނީ އަނބުރާ ދާށެވެ”.
އެހެން ވިދާޅުވުމާއެކު ޢުމަރު رضي الله عنه ވިދާޅުވިއެވެ: “ހަމަކަށަވަރުން މި (ޙަދީޘްގެ) މައްޗަށް ކަލޭގެފާނު ހެކި ގެންނެވުން ހުއްޓެވެ. އެހެން ނޫންނަމަ (އަދަބު ދެއްވުމައްޓައި) އެވެނި މިވެނިހެން ހައްދަވާހުށީމެވެ”. ދެންފަހެ، އެރޭ ޢިޝާ ފަހުން ހެއްކެގެ ގޮތުގައި ޢުބައްޔު ބުނު ކަޢުބު رضي الله عنه ގޮވައިގެން އަބޫ މޫސާ رضي الله عنه ވަޑައިގެންނެވިއެވެ. އަދި ޢުބައްޔު ބުނު ކަޢުބު رضي الله عنه އެކަމަށް ހެކިވެވަޑައިގެންނެވުމަށް ފަހު ވިދާޅުވިއެވެ: “އޭ ޚައްޠާބުގެ ދަރިއާއެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسـلم ގެ ޞަހާބީންގެ މައްޗަށް ޢަޛާބު ދައްކަވާ ބޭކަލެއް ކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ”. އެހިނދު ޢުމަރު رضي الله عنه ޖަވާބުގައި ވިދާޅުވިއެވެ: “ސުބްޙާނަﷲ އެވެ! ތިމަންކަލޭގެފާނު ހަމައެކަނި ބޭނުންފުޅުލެއްވީ ތިމަންކަލޭގެފާނަށް އިވިވަޑައިގެންނެވި ވާހަކަ ޘާބިތުކުރާށެވެ”. [مسلم: 2154].
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 30