[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 36

 

ފަހެ އިސްލާމް ދީނުގެ އެންމެ މުހިއްމު އެއް ރުކުން ކަމުގައިވާ ނަމާދުގެ އަދަދާ މެދެގައިވެސް އެބައިގަނޑުތަކުގެ މެދުގައި ވަނީ ޚިލާފު އުފެދިފައެވެ. އެމީހުންގެ ތެރޭގައި ދުވާލަކު ފަސް ނަމާދު ކުރަން ޖެހޭ ކަމަށް އިމާންވާ މީހުުންނާއި، ދުވާލަކު ކުރަން ޖެހެނީ ހަތަރު ނަމާދު ކަމަށް ބުނާ މީހުންނާއި، ތިން ނަމާދު ކަމަށް ވަކާލާތުކުރާ މީހުންނާއި ، އަދި ދުވާލަކު ކުރަންޖެހެނީ އެންމެ ދެ ނަމާދު ކަމުގައި ދަޢުވާކުރާ މީހުން ވެސް އެބަ އުޅެއެވެ. ފަހެ ނަމާދަކީ ދީނުގެ ތަނބު ކަމުގައިވާ އިރު އޭގެ ޢަދަދާ މެދުގައިވެސް އެމީހުން މިހާވަރަށް ޚިލާފު އުފައްދައިގެން ތިބެ އިސްލާމީ އުއްމަތް ބައިބައި ކުރާ އެއްޗަކީ ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް ކަމުގައި ބުނަން އެމީހުން ލަދު ނުގަންނަކަމީ ހައިރާންވާވަރުގެ ކަމެކެވެ. ފަހެ އެހާރުން، ސުންނަތުގެ މަތީގައި ތިބި މީހުންނަށް ވުރެ އެމީހުންގެ ޙާލު މާ ނިކަމެތިކަން އެމީހުންނަށް ހަމަ ނުވިސްނެނީބާވައެވެ؟

 

 

ހަތަރު ވަނަ ދަޢުވާ:

އެމީހުން ބުނާ ގޮތުގައި ސުންނަތަކީ ޙުއްޖަތެއް ކަމުގައި ބަލަން ފެށީ ޢަޖަމުންގެ ތެރެއިން އިސްލާމްވި ޖާސޫސުންތަކެކެވެ. އަދި އެމީހުންގެ ބޭނުމަކީ މީސްތަކުން ޤުރްއާނާ ދުރުކުމެވެ.

 

ރައްދު

ފަހެ އިސްވެ ބަޔާންކުރެވުނު ފަދައިން ، އިސްލާމް ދީނުގެ އެންމެ ކުރީ ކޮޅުން ފެށިގެން ، ނަބިއްޔާ صلى الله عليه وسـلم އާއި ޞަޙާބީންގެ ޒަމާނުން ފެށިގެން ، ސުންނަތަކީ ޙުއްޖަތެއް ކަމުގައި އެންމެހާ މުސްލިމުން ވަނީ އިޖުމާޢު ވެފައެވެ. އަދި އެކަމާ މެދުގައި އެއްވެސް މީހަކު ދެބަހެއް ނުވެއެވެ. ޝައްކެއް ވެސް ނުކުރެއެވެ. ހަމަ އެއާ އެކު ސުންނަތް ރައްކާތެރި ކުރުމަށްޓަކައި ބައެއް ޞަޙާބީން ގެންދެވީ ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްފުޅުތައް އެކަލޭގެފާނު ދުނިޔޭގައި ހުންނެވި އިރުވެސް ލިޔުއްވަމުންނެވެ. އޭގެ ތެރޭގައި ޢަބްދުﷲ ބުނު ޢަމްރޫ رضي الله عنه އާ ބެހޭގޮތުން އަބޫ ހުރައިރާ رضي الله عنه ގެ ބަސްފުޅު އިސްވެ ހިނގައްޖެއެވެ. އެކަލޭގެފާނުގެ އެ ޞަޙީފާ މަޝްހޫރު ވެފައިވަނީ “الصحيفة الصادقة” ގެ ނަމުންނެވެ. އަދި އޭގައި އެއް ހާސް ޙަދީޘް އެކަލޭގެފާނު ލިޔުއްވާފައިވާ ކަމަށް ބައެއް ރިވާޔަތްތަކުގައި ވެއެވެ. [أُسد الغابة في معرفة الصحابة، أبو الحسن علي بن الأثير الجزري، تحقيق علي معوض، دار الكتب العلمية، ط1، 1994م، ج3/ ص345].

 

އަދި ހަމައެފަދައިން މުސްލިމުންގެ 4 ވަނަ ޚަލީފާ ޢަލީ رضي الله عنه ވެސް ޒަކާތާ ބެހޭގޮތުން ލިޔުއްވާފައިވާާ ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްފުޅުތަކެއް އެކަލޭގެފާނުގެ ޚިލާފަތުގެ ދުވަސްވަރު އަރިހުގައި ގެންގުޅުއްވިއެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 35