[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 35

 

އަދި މީގެ އިތުރުންވެސް ޢުމަރު رضي الله عنه ބަޔާން ކުރެއްވި ފަދައިން މީސްތަކުން މަޝްޣޫލު ކުރަނިވި އެތައް ބައިވަރު ހުރަސްތަކެއް އެދަނޑިވަޅުގައި ހުންނާނެ ކަމީ ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ.

 

ވީމާ މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް ބަލައިފި ނަމަ ޢުމަރު رضي الله عنه ގެ ނިންމެވުމަކީ އެވަގުތަށް ހަމަ އެންމެ ފުރިހަމަ ނިންމުމެވެ. އަދި އެކަލޭފަފާނު ބަޔާން ކުރެއްވި ސަބަބު ނެތިދިޔުމުން އޭގެ ފަހުން ވަޑައިގެންނެވި ޚަލީފާއިން އެވަނީ ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް ލިޔުއްވާފައެވެ. ޖަމާވެސް ކޮށްފައެވެ.

 

ކޮންމެއަކަސް ޢުމަރު رضي الله عنه ގެ މި އަޘަރަކީ “ޞައްޙަ ރިވާޔަތެއް ކަމުގައި ވިނަމަ”، މަތީގައިވާ ޖަވާބުންވެސް މައްސަލަ ސާފުވެގެން ދެއެވެ. އަދި ސުންނަތަށް އިންކާރު ކުރާ މީހުން ގެނައި ޙުއްޖަތްވެސް އެމީހުންގެ އެހެން ޙުއްޖަތްތަކެކޭ އެއްފަދައިން ދެކޮޅު ނުޖެހޭ ބާޠިލު އެއްޗެއް ކަމުގައި ވެގެން ހިނގައްޖެއެވެ. ހުރިހާ ޙަމްދެއްވަނީ ﷲ ތަޢާލާއަށެވެ.

 

 

 

ތިންވަނަ ދަޢުވާ:

އެމީހުންގެ މިދަޢުވާ އަކީ، އިސްލާމީ އުއްމަތް ބައިބައިވެފައިވަނީ ސުންނަތަކަކީ ޙުއްޖަތެއް ކަމުގައި ބަލަން ފެށި ހިސާބުން ކަމުގައެވެ. އަދި އޭގެ ކުރިން މި އުއްމަތް އޮތީ އެކަތިގަޑެއްގެ ގޮތުގައި ކަމުގައެވެ. އެގޮތުން އެކިއެކި ފިޤުހީ މައުޟޫތަކުގައާއި ފަރުޢީ ކަންކަމުގައި މިއުއްމަތް ބައިބައިވެފައިވަނީ ސުންނަތާ ހެދި ކަމުގައި އެމީހުން ބުނެއެވެ.

 

ރައްދު

އެމީހުން އެބުނި ފަދައިން، ޤުރްއާނުގައި އެކަނި ހިފައިގެން މިއުންމަތް އެކަތިގަނޑެއްގެ ގޮތުގައި އޮންނާނެ ނަމަ، ސުންތައް އިންކާރުކޮށް ޤުރްއާނުގައި އެކަނި ހިފައިގެން އުޅޭ މީހުންގެ މެދުގައި ބައިބައިވުމާއި އެކިއެކި ފިރުޤާތައް އުފެދިފައިވަނީ ކީއްވެތޯ ސުވާލު ކޮށްލަން ޖެހެއެވެ. އެގޮތުން “ޤުރްއާނިއްޔޫން” އާއި “އަޙްމަދިއްޔޫން” އާއި “ޤާދިޔާނިއްޔޫން” އާއި “ޕަރްވޭޒިއްޔޫން” އާއި “ފިރްޤަތު އުއްމަތި މުސްލިމި އަހްލުއްޛިކްރި ވަލްޤުރްއާން” އާއި “ތަޙްރީކު ތަޢްމީރު އިންސާނިއްޔާ” ފަދަ އެތައް ބައިގަނޑުތަކެއް މިބައިމީހުންގެ މަންހަޖުގައި ވަކިވަކިން މިޒަމާނުގައިވެސް އެއުޅެނީ ކީއްވެތޯ ސުވާލުކޮށްލަން ޖެހެއެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 34