އަދި ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ ކުށްފާފަތަކަށްވާ ކައްފާރާއެކެވެ. އަދި ނިޢުމަތް ރައްކާތެރިކޮށްދޭކަމެކެވެ. އަދި އުޑުން ޢަޛާބު އައުން މަނާކުރާކަމެކެވެ. އަދި އޭގެ ސަބަބުން ހިނގަމުންދާ މުންކަރާތަށްވުރެ ބޮޑު މުންކަރާތެއް ހިނގުން ހުއްޓުވެއެވެ. އަދި އެއީ މުޖުތަމަޢު އިޞްލާޙުކޮށް، މުސްލިމުންގެ ކިއްލާ ރައްކާތެރިކޮށްދޭކަމެކެވެ. އަދި އޭގެ ސަބަބުން އުންމަތް ފިތުނަތަކާއި ޝުބުތަކާ އަދި ޝަހްވަތްތަކުން ރައްކާތެރިވެއެވެ. އަދި އެއީ މީސްތަކުންނަށްޓަކައި ކޮށްދެވޭ ވަރަށް ބޮޑު އިޙްސާންތެރިކަމެކެވެ. އަދި އެހުރިހާ ކަމަކާއެކުވެސް އެނޫން ވަރަށް ގިނަ ފައިދާތައްވެސް މުންކަރާތް އިންކާރުކުރުމުގައިވެއެވެ.
ފަހެ މުންކަރަކަށް އިންކާރުކުރުމުން، އެކަން ނެތިގެން ހިނގައްޖެނަމަ އެއީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަދި އެކަން ފިލައި ނުދިޔަޔަސް، އެކަންކުރި އަޅަކު އެވަނީ އެޝިޢާރު ޤާއިމުކުރުމުގެ ސަބަބުން ފަރުދުންނާއި މުޖުތަމަޢަށް ވަރަށް ގިނަ ހެޔޮކަމާއި ނިޢުމަތް ޙާޞިލުކޮށްދީފައެވެ. މިއީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރެއިން މަޤްޞަދެކެވެ.
ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތަކަށް އިންކާރުކުރުމުގެ މަޤްޞަދުތައް ބަޔާންކޮށްދެއްވަމުން އިބްނު ރަޖަބު ވިދާޅުވިއެވެ.
“ދަންނާށެވެ. ހަމަކަށަވަރުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތަކަށް އިންކާރުކުރަނީ އެކި ފަހަރު އެކިސަބަބާ ހުރެއެވެ. ބައެއް ފަހަރު އެކަންކުރަނީ އެއިލާހުގެ ޙަޟްރަތުން ޘަވާބަށް އެދިއެވެ. އަދި އަނެއްބައި ފަހަރު އެކަން ދޫކޮށްލުމުން އޮތް ޢުޤޫބާތަށް ބިރުންނެވެ. އަދި ބައެއް ފަހަރު ﷲ ޙަރާމްކުރެއްވިކަމަކަށް އަރައިގަތުމުން އެކަމާ ރުޅިއައިސްގެންނެވެ. އަދި ބައެއް ފަހަރު މުއުމިންުނަށް ނަސޭޙަތްދީ، އެމީހުންނަށް ރަޙުމުކޮށް އަދި އެބައިމީހުން އެތިބި ވަޅުގަނޑުން ސަލާމަތްކުރުމަށްޓަކައެވެ. އެހެނީ އެފަދަ ކަންކަމަކީ ﷲގެ ކޯފާއާއި ދުނިޔެއާއި އާޚިރަތުގެ އުޤޫބާތް ޙައްޤުވެދާނެކަންކަމެވެ. އަދި ބައެއްފަހަރު އެކަންކުރަނީ ﷲ އަށް މާތްކޮށް ހިތައި މަތިވެރިކޮށް އެއިލާހުދެކެ ލޯބިވާތީއެވެ. އެހެނީ ހަމަކަށަވަރުން އެއިލާހީ އެއިލާހަށް ކިޔަމަންވުން އެކަށީގެންވާ ފަރާތެވެ. އަދި އެއިލާހަށް އުރެދުން އެކަށީގެންނުވެއެވެ. އަދި އެއިލާހީ އެއިލާހުގެ ޛިކުރުކުރުން އެކަށީގެންވާ ފަރާތެވެ. އަދި އެއިލާހު ހަނދުމަނައްތާލުން އެކަށީގެންނުވެއެވެ. އަދި އެއިލާހީ އެއިލާހަށް ޝުކުރުވެރިވުން އެކަށީގެންވާ ފަރާތެވެ. އަދި އެއިލާހަށް ކުފުރުވުން އެކަށީގެންނުވެއެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.