[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 41

 

އަދި ހަމަ އެފަދައިން، ކީރިތި ޤުރްއާނުގައިވާ “يسألونك …” ، “އެބައިމީހުން ކަލޭގެފާނު ކުރެން ސުވާލު ކުރެއެވެ…” މިފަދައިން އައިސްފައިވާ ހުރިހާ އާޔަތެއްގައި ދެއްވާފައިވާ ޖަވާބުތަކާއި، “قل يا أيها الكافرون” ، “(ކަލޭގެފާނު) ވިދާޅުވާށެވެ. އޭ ކާފިރުތަކުންނޭވެ” މިފަދައިން އައިސްފައިވާ ހުރިހާ އާޔަތްތަކެއް ވެސް، އެބައިމީހުން އެބުނާ އުޞޫލުގެ ދަށުން ނިސްބަތް ކުރެވޭނީ ހަމަ އެކަނި ނަބިިއްޔާ صلى الله عليه وسـلم ގެ ޒަމާނުގައި އުޅުނު މީހުންނަށެވެ. އެހެންކަމުން، ޤިޔާމަތައް ދާންދަން އަންނަންތިބި އެނޫން އެހެން ހުރިހާ އެންމެން އެވަނީ އެއާޔަތްތަކުން މަޙްރޫމް ކުރެވިފައެވެ. والله المستعان.

 

އެހާރުން އެޖެހުނީ އެފަދައިން ބާވައިލެއްވިފައިވާ އެންމެހާ ގިނަގުނަ އާޔަތްތަކުގެ ޙުކުމްތައް ވެސް ޢަމަލު ކުރަން ނުޖެހޭ އެއްޗެހި ކަމުގައި ހަދައި ބޭކާރުކޮށްލާށެވެ. އެހެންކަމުގައި ވާނަމަ، އެބުނެވެނީ އިސްލާމް ދީނަކީ ޢަދުލުވެރިކަމުގެ ދީނެއް ނޫން ކަމުގައެވެ. އަދި އެދީނަކީ ހުރިހާ އެންމެންގެ މައްސަލަތަކަށް “އެޑްރެސް” ކުރުމުގެ ޤާބިލުކަން ނެތް ދީނެއް ކަމުގައެވެ. އެމައްސަލަތައް ޙަލުކޮށްދެވޭ ފެންވަރުގެ ދީނެއް ނޫން ކަމުގައެވެ. އޭރުން މިދީން ބާވައިލެއްވުމުގެ މަޤްޞަދު މުޅިން އެކީއެކައްޗަކަށް ގެއްލިގެން ދިޔައީއެވެ. އަދި ﷲ ތަޢާލާގެ ޒާތަށް ވެސް ކުޑައިމީސް ބަސް ރައްދު ކުރެވުނީއެވެ. ސުބްޙާނަﷲ އެވެ. މިއީ ކޮންފަދަ ނުބައިވެގެންވާ ބާޠިލު ފިކުރެއް ހެއްޔެވެ!

 

ހަތް ވަނަ ދަޢުވާ:

ދެން އެމީހުން ގެންނަ ދަޢުވާއަކީ؛ ﷲ ތަޢާލާވަނީ ޤުރްއާން ރައްކާތެރި ކުރައްވާނެ ކަމަށް ވަޢުދުވެވޮޑިގަންވާފައި ކަމުގައެވެ.

“إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿٩﴾ “. [الحجر:9].

“ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ”.

 

އެހެންކަމުން ޤުރްއާން ވަނީ އެއްވެސް ބަދަލެއް ނައިސް، އެއަށް އެއްވެސް އެއްޗެއް އިތުރު ނުވެ، އަކުރުން އަކުރަށް ފިލިންފިއްޔަށް މިއަދާ ހަޔަމަށް ވެސް ރައްކާ ކުރެވިފައި ކަމަށާއި އެއާ ޚިލާފަށް ސުންނަތް ރައްކާތެރި ކުރައްވާނެ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވާފައެއް ނުވާކަމަށެވެ. އަދި ސުންނަތް ރިވާވެފައި ވަނީ އަކުރުން އަކުރަށް ނޫންކަމާއި، އެ ރިވާވެފައި ވަނީ އޭގެ މާނައިގެ ގޮތުގައި ކަމާއި، އޭގެ ތެރެއަށް އެކަލޭގެފާނު ޙަދީޘްފުޅު ނުކުރައްވާ ޙަދީޘްތަކާއި ކަންކަން ވަދެފައިވާ ކަމަށެވެ. އަދި ޞައްޙަ މަގުން ރިވާވެފައި ވިޔަސް އެކަލޭގެފާނުގެ ސުންނަތް އަކުރުން އަކުރަށް ރިވާވެފައި ނުވުމުގެ ސަބަބުން އޭގެ މާނަވެސް ބަދަލުވެ، އެކަލޭގެފާނުގެ މުރާދަފުޅު ފަހުން އަންނަ ބަޔަކަށް ނުވިސްނޭނެ ކަމުގައެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 40