ހަ ވަނަ ދަޢުވާ:
އެއަށްފަހު ދެން އެމީހުން ގެންނަ ދަޢުވާއަކީ، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތުގައި އައިސްފައިވާ އަމުރުފުޅުތަކާއި ނަހީތަކަކީ އެޒަމާނުގައި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީންނާ މުޚާތަބުކުރައްވައި ޙަދީޘްފުޅު ކުރެއްވި އެއްޗެހި ކަމާއި ، މިޒަމާނާއި އެޒަމާނުގެ ކަންކަން މިހާ ތަފާތު ބޮޑު ވެފައިވާއިރު އެ އަމުރުފުޅުތަކާއި ނަހީތައް މިޒަމާނަކަށް ނުފެތޭނެ ކަމުގައެވެ. އެއީ ޒަމާނާ މަކާނާ ގުޅިގެން އަންނަ ކަންކަން ކަމުގައެވެ.
ރައްދު
އެހެން އެކަން ވާނަމަ، ކީރިތި ޤުރްއާނުގައިވެސް އެފަދައިން ވާރިދުވެފައިވާ އާޔަތްތަކާ މެދުގައި މުޢާމަލާތް ކުރަންޖެހޭނީ އެބީދައިންނެވެ. ފަހެ، ﷲ ތަޢާލާ އެވަނީ އެކަލޭގެފާނުގެ ބަސްފުޅަކީ އެކަލާނގެ ވަޙީ ކަމުގައި ޤުރްއާނުގައި ބަޔާންކުރައްވާފައެވެ. އެކަލާނގެ އެހެން ވަޙީކުރައްވާފައި ވަނިކޮށް އެ ދެ ވަޙީ (ޤުރްއާނާއި ސުންނަތް) ވަކިކޮށް އެދޭއްޗާ މެދުގައި ދެގޮތަކަށް މުޢާމަލާތް ކުރުމަކީ ދީނީ ގޮތުންވެސް އަދި ބުއްދީގެ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫނެވެ.
ހަމަ އެއާއެކު، އެމީހުން އެބުނާ އުޞޫލުން ޤުރްއާނުގައިވެސް އޭރު ތިއްބެވި ޞަޙާބީންނާ މުޚާތަބު ކުރައްވައި ބާވައިލެއްވުނު އެތަކެއް އާޔަތެއް ހިމެނޭ އިރު އެ އާޔަތްތަކުން އައިސްފައިވާ ޙުކުމްފުޅުތައްވެސް ހަމަ ބޭނުން ނުކޮށް އެއްލާލަންވީތޯ ސުވާލު އުފެދެއެވެ.
އެގޮތުން؛ މުޖާދަލާ ސޫރަތުގައި ޡިހާރު (ظهار – އަމިއްލަ މައިމީހާ އާއި އަނބިމީހާ އެއްފަދަ ކޮށްފީމޭ ބުނެ – ޖިމާޢުވުން ޙަރާމް) ކުރުމާ މެދުގައި ބާއްވައިލެއްވުނު ޙުކުމަކީ ހަމައެކަނި އޭރު ޝަކުވާ ހިއްޕަވައިގެން ވަޑައިގެންނެވި ޞަޙާބިއްޔާއަށް އެކަނި ޚާއްޞަ އާޔަތެއް ކަމުގައި ބަލައި ބާކީ މުޅި އިސްލާމީ އުންމަތުގައި ތިބި އެންމެން އެ ޙުކުމުން މަޙުރޫމު ކުރަންވީ ހެއްޔެވެ؟ ނުވަތަ އެމީހުންގެ ތެރެއިން އެޙާލަތް ދިމާވި އެންމެން ހަދާނެ ނުހަދާނެ ނޭނގިފައި ތިބެން ހަމަ ދޫކޮށްލަންވީ ހެއްޔެވެ؟ އެހެން ކަމުގައި ވާނަމަ އެއީ ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 39