ރައްދު
ފަހެ ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ އަމިއްލަ ޒާތުފުޅުގެ “ބަސްފުޅެވެ”. އެއީ ސީދާ ޖިބްރީލް عليه السلام އަށް އެއްވެސް އެހެން ފަރާތެއް މެދުވެރި ކުރެއްވުމެއް ނެތި އެކަލާނގެ ކިބައިން ބާވައިލެއްވުނު އެކަލާނގެ އަމިއްލަފުޅު ކަލިމަފުޅުތަކެކެވެ. އަދި ޖިބްރީލް عليه السلام ވަނީ އަކުރު އަކުރަށް ފިލިން ފިއްޔަށް މާތް ނަބިއްޔާ صلى الله عليه وسـلم އަށް އަމާނާތްތެރިކަމާ އެކު އެ ޤުރްއާން ކިޔައިދެއްވާފައެވެ. އަދި އެފަދައިން އެއަށް އެއްވެސް ބަދަލެއް ނައިސް މިއަދާ ހަމައަށް ވެސް އެވަނީ އެ ރައްކާތެރިކަމާއެކު ޙިމާޔަތް ކުރެވިފައެވެ.
އެހެނަސް ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތަކީ “ހަމައެކަނި” އެކަލޭގެފާނުގެ “ބަސްފުޅުތަކުގެ މައްޗަށް” ބިނާވެފައިވާ އެއްޗެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ “ބަސްފުޅުތަކާއި ޙަރާކާތްތަކާއި ހުއްޓުންތަކާއި” އެނޫން ކަންކަން ޞާމިލުވާ އެއްޗެކެވެ. އެހެނީ އެކަލޭގެފާނު ފޮނުއްވުނީ ޢަމަލާއި ބަހުން އިސްލާމްދީން މީސްތަކުންނަށް ފެންނާނޭހެން ޢަމަލީ މައިދާނުގައި ތަމުސީލު ކޮށްދެއްވުމަށްޓަކައެވެ. ނަމާދު ކުރާނެ ގޮތާއި ، ޙައްޖުވާނެ ގޮތާއި އަދި އެނޫން އެހެން ބައިވަރު ކަންކަމަކީ ހަމައެކަނި ކަލިމަތަކަކުން ފުއްދާލެވޭނެ ކަންކަމެއް ނޫނެވެ. އެއީ މީސްތަކުންގެ ކަންފަތުން އަޑު އެހުމުގެ އިތުރުން، ލޮލުން ބަލައި، އަތުން ހިފައި އަދި ފައިން ހިނގައިގެން ދަސްކުރެވޭ ކަންކަމެވެ.
މީގެ ތެދުކަން އެންމެ ރަނގަޅަށް ފެނިގެން ދަނީ އަލަށް ޙައްޖުވާ މީހަކަށެވެ. ފަހެ އެމީހާ ކިތަންމެ ވަރަކަށް ފޮތުން ކިޔަވައި ހިތު ދަސްކޮށްގެން މައްކާއަށް ދިޔަޔަސް ޢަމަލީ މައިދާނުގައި ކަންކުރަންޖެހޭ ގޮތެއް އަސްލު ނޭނގެއެވެ. އަދި ގިނަ ފަހަރު ތަޞައްވުރުވެސް ނުކުރެވެއެވެ. އޭގެ ގިނަ ކަންކަމަކީ އެހެން މީހުން ކުރާތަން ބަލައިގެން ކުރެވެން ހުންނަ ކަންކަމެވެ. މަސްޖިދުލްޙަރާމާއި ކަޢުބާއާއި އެނޫން ޝަޢާއިރުތަށް ވެސް އެނގެނީ އެހެން މީހުންގެ އެހީގައެވެ. އެމީހުން ދެއްކީމައެވެ.
އެހެންކަމުން ކީރިތި ޤުރްއާނެކޭ އެއްފަދައިން “ހަމައެކަނި” އަކުރުތަކަކާއި ފިލިތަކެއްގެ މައްޗަށް މާތް ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް ހަނިކުރެވުނު ނަމަ އޭގެ މަޤްޞަދު ޙާޞިލެއް ނުވާނެވެ. އޭގެ ޙަޤީޤީ ފައިދާއެއް މީސްތަކުންނަކަށް ނުފޯރީއްސެވެ. އެގޮތުން ސުންނަތުގެ ބައެއް ކަންކަމުގެ ވާރިދުވެފައި އެވަނީ އެކިއެކި ޞަޙާބީންނަށް ފެނިވަޑައިގެންނެވި ގޮތަށެވެ. އަދި އިވިވަޑައިގެންނެވި ގޮތަށެވެ. އެބޭކަލަކަށް ފެނުނު އަދި އިވުނު މިންވަރެއް އެބޭކަލަކު އެވަނީ ރިވާ ކުރައްވާފައެވެ. އަދި އެހުރިހާ ރިވާޔަތްތަކެއް އެއްކޮށް ޖަމާކޮށްފައި ދިރާސާ ކުރުމުން އެކަމެއްގެ ޙުކުމް އޮންނަޖެހޭ ގޮތް އެވަނީ ކަނޑައެޅިފައެވެ. އެކަން އެހެން އޮތަތީވެ، ދީނުގެ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ އުޞޫލުގައި ވަނީ ، އެއްވެސް ކަމެއްގެ ޙުކުމެއް އެކަމަކާ ގުޅޭ ހުރިހާ ރިވާޔަތެއް އެއްކޮށް ޖަމާކޮށް ދިރާސާ ކުރުމަށްފަހުގައި މެނުވީ ޙުކުން ކަނޑަނޭޅޭނެ ކަމަށެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 41