[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 46

 

އަށް ވަނަ ދަޢުވާ:

 

އެމީހުން ބުނާ ގޮތުން ސުންނަތުގައި ޤުރްއާނާ ޚިލާފު އަދި ފުށުއަރާ ޙަދީޘްތައް ވެއެވެ.

 

ރައްދު

އެއީ ވެސް ބާޠިލު ދަޢުވާއެކެވެ. އެހެނީ، ޤުރްއާނާ ސުުންނަތަކީ ﷲ ތަޢާލާގެ ބެލެހެއްޓެވުމުގެ ދަށުން ބާވައިލެއްވިފައިވާ އިސްލާމް ދީނުގެ ދެ މަޞްދަރެވެ. ބައެއް ޙަދީޘްތަކަކީ ބޭރުފުށުން ބަލައިފި ނަމަ ޤުރްއާނާ ފުށުއަރާ އެއްޗެއް ކަމަށް ހީވިޔަސް، ޙަޤީޤަތުގައި އެޙަދީޘް ދިރާސާކޮށް އޭގެ ރިވާޔަތްތަކާއި އެނޫން ހުރިހާ މަޢުލޫމާތެއް އެއްކޮށްފިނަމަ އޭގައި ފުށުއެރުމެއް ނެތްކަން ހާމަވާނެއެވެ. ފަހެ އިސްލާމް ދީނުގެ ޢިމްލު ނެތް މީހަކަށް ޚުދު ޤުރްއާނުގައި ހުރި ބައެއް އާޔަތްތައް ނަގައިގެން ޤުރްއާނުގެ އެއް އާޔަތް އަނެއް އާޔަތާ ފުށުއަރާ ކަމަށް ދެއްކިދާނެއެވެ. ނަމަވެސް ދީނުގައިވާ ނާސިޚް މަންސޫޚްއާއި އެނޫން ޤަވާޢިދުތަކަށް ބަލައިގެން ފުރިހަމަ ދިރާސާ ކޮށްފި ނަމަ ޙަޤީޤަތް ހާމަވާނެއެވެ. އަދި ޤުރްއާނާ ފުށުއަރާ ކަމަށް އެބުނާ ޙަދީޘްތައް ވެސް އެފަދައިން ދިރާސާކޮށްފި ނަމަ އޭގެ ފުށުއެރުމެއް ނުވާކަން ޔަޤީންވާނެެއެވެ.

 

މިޘާލަކަށް:

 

(يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) ﴿سورة الجمعة : 9﴾

“އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން އަށް (އަވަހަށް/ބާރަށް) އަންނާށެވެ. އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑުވެގެންވެއެެވެ. ތިޔަބައިމީހުން ދަންނަކަމުގައިވާނަމައެވެ”.

 

 

رسول الله – صلّى الله عليه وسلّم – قال :”إذَا أُقِيْمَتِ الصَّلاةُ فَلا تَأْتُوهَا وَأنْتُم تَسْعُونَ وَأْتُوهَا تَمْشُونَ ،وَعَلَيْكُمُ السَّكِيْنَةُ ، فَمَاأدْرَكْتُمْ فَصَلُّوا ، وَمَا فَاتَكُمْ فَأتِمُّوا” (البُخاري: 908)

ﷲ ގެ ރަސޫލާ صلّى الله عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ: “ނަމާދަށް ޤަމަތް ދެވިއްޖެ ނަމަ سعي އަށް (އަވަހަށް) ނާންނާށެވެ. އަދި ތިޔަބައިމީޙުން ހިނގާފަ އަންނާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ވަނީ ހަމަޖެހިލައިގެން (އައުމެވެ). ފަހެ ތިޔަބައިމީހުނަށް (ނަމާދުން) ލައްވާލި މިންވަރެއް ކުރާށެވެ. އަދި ފާއިތު މިންވަރެއް ފުރިހަމަ ކުރާށެވެ”.

 

މިތަނުގައި މިވާ އާޔަތުގައިވާ “فَاسْعَوْا” އާއި ޙަދީޘްގައިވާ “تَسْعُونَ” ، މި ދެ ލަފްޒަށް ބަލައިފި ނަމަ މީހަކަށް އޭގައި އެވަނީ ފުށެއެރުމެއް ކަމުގައި ހީވެދާނެއެވެ. ނަމަވެސް އޭގައި އެވާ މަފްހޫމާއި މަޤްޞަދަށް ވިސްނާލުމުން އޭގެ މުރާދުގައި ފުށުއެރުމެއް ނެތްކަން ބުއްދިއެއް ހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ. އެހެނީ އާޔަތުގައި އެވަނީ ނަމާދަށް އައުމަށް އަވަސްވުމަށެވެ. މާނައަނީ ކުރިޔާލައި ތައްޔާރުވެގެން ނަމާދައަށް އައުމެވެ. އަދި ޙަދީޘްގައި އެވަނީ ނަމާދަށް އަންނަ މަގުމަތީގައި އަވަސްއަރުވާލައިގެން ނައުމަށެވެ. އޭގެ ސަަބަބުން މީހާގެ ޚުޝޫޢަތްތެރިކަން ގެއްލި ނަމާދުގެ ޚަރާބު ވެދާނެދީ އެފަދައިން އަވަސް އަވަހަށް ނައުމަށް އެކަލޭގެފާނު އަމުރުފުޅު ކުރެއްވީއެވެ.

ފަހެ ޤުރްއާނާއި ސުންނަތަށް އީމާންވެ އެދެ މަޞްދަރަށް އެކީ ޢަމަލު ކުރަން އެމީހުންނަށް ޙަޤީޤަތުގައި ދަތިވެގެން އެއުޅެނީ މިފަދަ އާޔަތަކާއި ޙަދީޘްތައް ވަކިވަކިން ނަގައި އޭގެ މަޤްޞަދަށް ބެލުމެއް ނެތި މަޙައްލުން ބޭރުކޮށްގެން ބޭނުން ކުރާތީއެވެ. އޭގެ ސަބަބުން އެންމެ ފަހުން އެމީހުންނަށް އޮންނަނީ ޚުދު ޤުރްއާނަށް އެކަނިވެސް އީމާން ނުވެވިފައެވެ. އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުން މިދަނީ އެކަންކަމެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 45