ފަހެ މޫސާ عليه السلام ގެ އަތްޕުޅުން މިޞްރުގެ ޤިބްޠީއެއް މަރުވުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ރަށުގެ ބޮޑުން އެކަލޭގެފާނު އަވަހާރަކޮށްލަން ރަވަމުންދާ ކަމުގެ ޚަބަރު ހިފައިގެން އައީވެސް އެންމެ މީހެކެވެ. އަދި މޫސާގެފާނު ވަނީ އެމީހާގެ ވާހަކަ ވަގުތުން ތެދުކުރައްވައި އަދި އޭނާ ދިން ނަޞޭޙަތަށް ޢަމަލުކުރެއްވުމުގެ ގޮތުން ރަށުން ފިއްލަވައިގެން އެތައް ސަތޭކަ މޭލެއް ކަޑައްތުކޮށް މުޅިން އެހެން ހިސާބަކަށް ވަޑައިގެންފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
وَجَاءَ رَجُلٌ مِّنْ أَقْصَى الْمَدِينَةِ يَسْعَىٰ قَالَ يَا مُوسَىٰ إِنَّ الْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَاخْرُجْ إِنِّي لَكَ مِنَ النَّاصِحِينَ ﴿٢٠﴾ فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿٢١﴾ (سورة القصص: 20-21)
“އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ: “އޭ موسى ގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتل ކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحة ތެރިވާ މީހުންގެ ތެރެއިންނެވެ”. ފަހެ، އެކަލޭގެފާނު ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ!”
މީގެންވެސް ޔަޤީންވެގެން ދަނީ، އާހާދު ޙަދީޘަކީވެސް އެ ޙަދީޘް ޞައްޙަވާން ލާޒިމުކުރާ ޝަރުޠުތައް ހަމަވާކަމުގައި ވާނަމަ އޭގެ މައްޗަށް ޔަޤީންކަން ބިނާކުރަން އެއްވެސް މައްސައެއް އޮތް އެއްޗެއް ނޫންކަމެވެ. އެހެނީ، ކަމެއްގެ ނުވަތަ ވާހަކައެއްގެ ޞައްޙަ ނުޞައްޙަ ކަން ބިނާވެފައިވަނީ އެއެއްޗެއް ނުވަތަ ވާހަކަ ގެންނަ މީހުންގެ ޢަދަދުގެ މައްޗަކަށް ނޫނެވެ. އެކަން ބިނާވެފައި އޮންނަނީ އެ ގެންނަ މީހާގެ ސިފަތަކާއި ފެންވަރާއި ފަންވަރަށެވެ. މިއީ ބުއްދިން ވިސްނާލިޔަސް އެނގެން ހުރި ކަންކަމެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 50