ސާދަ ވަނަ ދަޢުވާ:
މި ދަޢުވާގައި އެމީހުން ބުނާގޮތުން ، ދީނުގެ ހުރިހާ ޙުކުމެއް ބަޔާންކޮށް ޝަރީޢަތުގެ ހުރިހާ ކަމަކަށް ޤުރްއާން އެކަނި ފުދެއެވެ. އަދި ދީނުގެ ޖުމުލަވީ ހުރިހައި ކަމަމާއި އަދި ވަކިވަކި ކަންކަމުގެ ތަފުސީލަށް ޤުރްއާން އެކަނި ފުދެއެވެ. އެހެނީ (އެމީހުން ބުނާ ގޮތުގައި) އެފޮތުގައި އެއްވެސް އެއްޗެއް، އަދި ކަމެއް ދޫކޮށްލާފައެއް ނުވެއެވެ. ހުރިހާ ކަމެއްގެ ތަފުސީލާއި ތަފުސީލީ ޙައްލު ޤުރްއާނުގައި އެބަ އޮތެވެ. އެހެންކަމުން އެނޫން އެހެން އެއްޗަކަށް ބޭނުމެއް ނުވަތަ ޙާޖަތެއް ނެތެވެ. ދީނީ ކަންކަމަކަށް އިތުރު އެހެން މަޞްދަރެއްގެ ބޭނުމެއް ނެތެވެ. އެބައިމީހުންގެ މިދަޢުވާއަށް ދަލީލަކަށް ޤުރްއާނުގެ މިއާޔަތްތައް ގެނެއެވެ:
ހ- (مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ) [الأنعام : 38].
“ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ”.
ށ- (…وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ…) [النحل: 89]
“…އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ…”
ނ- (مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ) [يوسف : 111].
“އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއް ނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާ ކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ”.
އެމީހުން ބުނާ ގޮތުންގައި، “ފޮތުގައި އެއްވެސް އެއްޗެއް ދޫކޮށްލާފައި ނުވާ” ކަމަށް އޮތް އަންޢާމް ސޫރަތުގެ އާޔަތާއި، “ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގަ” ކަމަށް އޮތް އާޔަތާއި، “ހުރިހާ ކަމެއް تفصيل ކޮށްދޭ” ފޮތެއް ކަމަށް ޔޫސުފް ސޫރަތުގައި އޮތް އާޔަތުގައި އެވަނީ ކީރިތި ޤުރްއާނުގައި ހުރިހާ ކަމަކާއި ހުރިހާ ތަފުސީލެއް ﷲ ތަޢާލާ ހިމަނުއްވަވާފައިވާ ވާހަކައެވެ. އެގޮތުން ދީނުގެ ކުޑަބޮޑު އެއްވެސް މިންވަރެއް މިފޮތުގައި އެކަލާނގެ ދޫކުރައްވާފައި ނުވާކަމަށް އެމީހުން ދަޢުވާ ކުރެއެވެ. އޭގެ ތެރޭގައި ޢާޤީދާއާއި، އަޅުކަމާއި، މުޢާމަލާތާއި، ދީނީ ގޮތުން މީސްތަކުން އެކަމަކަށް ބޭނުން ޖެހޭ އެއްވެސް ކަމެއް އެކަލާނގެ މިފޮތުގައި ދޫކުރައްވާފައި ނުވެއެވެ. ހުރިހާ ކަމެއްވަނީ ޤުރްއާނުގައި ތަފުސީލީކޮށް ބަޔާންވެގެންނެވެ. އެހެންވީމަ، އެމީހުން ދެކޭ ގޮތުގައި މިދީނަށް އިތުރު އެހެން މަޞްދަރެއްގެ ބޭނުމެއް ނެތެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 52