[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 52

 

ބާރަ ވަނަ ދަޢުވާ:

އެމީހުން ބުނާ ގޮތުގައި ޙަދީޘްތަކުގެ ރާވީންގެ ތެރޭގައި ތެދުވެރިން ތިބި ފަދައިން ދޮގުވެރިންވެސް ވެއެވެ. އެހެންކަމުން ޞައްޙަ ޙަދީޘްއާއި ޟައީފު ޙަދީޘް ވަކިކުރާކަށް ނޭންގޭނެއެވެ.

 

ރައްދު

ތެދެކެވެ. ޙަދީޘް ރާވީންގެ ތެރޭގައި ދޮގުހަދާ މީހުންވެސް ވެއެވެ. އެހެންވެ ޙަދީޘް ޢިލްމުގެ ޢިލްމުވެރިން އެވަނީ ތެދުވެރިއެއްކަން ޔަޤީންނުވާ މީހުންގެ ކިބައިން އައިސްފައިވާ އެންމެހާ ޙަދީޘްތައް އެކަހެރިކޮށް ދުރުކޮށް އެއްކައިރީގައި ބަހައްޓަވާފައެވެ. އަދި ދީނުގެ ޙުކުމްތައް ނެގުމަށް ބޭނުން މިކުރެވެނީ ޞައްޙަކަން ޔަޤީންވާ ޙަދީޘްތަކުން އެކަންޏެއެވެ. އޭގައި ދޮގުވެރިއެއް ނެތްކަން ޔަޤީންވާ ޙަދީޘްތަކުން އެކަންޏެވެ. ޢުމަރު رضي الله عنه ގެ ކިބައިން ލިބުނު ފިލާވަޅާއި އެނޫން އެތަކެއް ހަރުކަށި ޝަރުޠުތަކަކާއި ހަމަތަކެއްގެ މަތިން ނޫން ގޮތަކަށް ޞައްޙަ ޙަދީޘް ފުރޭނިގެން ނާދެއެވެ. އެހެންވީމަ އެކަމާމެދު ބިރުހީވުމުގެ އެއްވެސް ޖާގައެއް ނެތެވެ.

 

 

ތޭރަ ވަނަ ދަޢުވާ:

އެމީހުން ބުނާ ގޮތުން ސުންނަތަކީ ﷲ ގެ ޙަޟްތަރުން އައި އެއްޗެއް ނަމަ އެއްވެސް އިޚްތިލާފެއް އޭގައި ނޯންނާނައެވެ. އެއީ ޤުރްއާނުގެ (…وَلَوْ كَانَ مِنْ عِندِ غَيْرِ اللَّـهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ﴿٨٢﴾ (سورة النساء: 82)

“… اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ”.

މިއާޔަތުން ދަލީލު ނަގައިގެންނެވެ.

 

ރައްދު

މީގެ ޖަވާބަކީ، މި އާޔަތުގެ ފުރަތަމަ ކަލިމަތައް ލައިގެން ކިޔަން ބުނުމެވެ. އޭގައި އެވަނީ ޤުރްއާނުގެ ވާހަކަ ވަކިން ބުނެފައެވެ. އޭގައި އެވަނީ ސުންނަތުގެ ވާހަކަ ނޫންކަން އާޔަތް ފެށިގެން ކިޔައިފި ނަމަ ރަނގަޅަށް އެނގޭނެއެވެ.

 

﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّـهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ٨٢﴾ (سورة النساء: 82)

ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.

 

ފަހެ، އާޔަތުގެ ކުރީކޮޅު ނުކިޔައި އޭގެ ފަހުކޮޅު ކިޔައި އެމީހެންގެ ބާޠިލު ޢަޤީދާއަށް ނަޞްރުދޭން އުޅޭ ބައެއްގެ ހުންނާނީ ކޮން އަމާނާތްތެރިކަމެއް ހެއްޔެވެ؟ އެފަދަ ބަޔަކު އޮޅުވާ ނުލާނީ ދެނެްފަހެ ކޮންކަމެއް ހެއްޔެވެ؟

 

މީގެ އިތުރުން، ދެންނެވޭނީ ޞައްޙަ މަގުން އައިސްފައިވާ ޙަދީޘެއް ޞައްޙަ އެހެން ޙަދީޘަކާ ޙަޤީޤަތުގައި ޚިލާފެއް ނުވާނެއެވެ. ޚިލާފެއް ވާހެން ހީވާނަމަ އެއީ، އެމީހެއްގެ ކިބައިގައި ނާސިޚް މަންސޫޚު ނުވަތަ އެފަދަ ޙާލަތުގައި ޙަދީޘާ މެދުގައި މުޢާމަލާތް ޖެހޭ އުޞޫލުތައް އެނގިފައި ނެތުމުން ނުވަތަ މަދުވުމުން ހީވާ އެއްޗެކެވެ. އެޙަދީޘެއް ތަޠްބީޤު ކުރަން ނުވަތަ “އެޕްލައި” ކުރަންޖެހޭ ޙަލަތާއި މަކާނާއި މީހާގެ ތަފާތެއް ހުރެއްޖެ ނަމަވެސް ބައެއް ފަހަރު ދެ ޙަދީޘްގައި ޚިލާފު ހުރީ ކަމަށް އެފަދަ މީހަކަށް ހީވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 51