[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަޙީޙު މުސްލިމް

ފޮތުގެ ނަން:

އިމާމް މުސްލިމް ރަޙިމަހުﷲ ލިޔުއްވާފައިވާ، “ޞަޙީޙް މުސްލިމް” ގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘް ފޮތުގެ ނަމަކީ އިމާމް މުސްލިމް ވިދާޅުވެފައިވާ ފަދައިން “المُسْنَدُ الصَّحِيْحُ” އެވެ. އިމާމް މުސްލިމް ވިދާޅުވެފައިވެއެވެ. “ތިމަން މިފޮތް “المُسْنَدُ الصَّحِيْحُ” ލިޔެ ޖަމާކޮށްފައިވަނީ އަޑުއަހާފައިވާ ތިން ލައްކަ ހަދީޘުގެ ތެރެއިންނެވެ.” “المُسْنَدُ” އާއި “الصَّحِيْحُ” ޢިލްމުވެރިންގެ އަރިހުގައި ބޭނުންކޮށްއުޅޭ ގޮތް ޞަޙީޙުލް ބުޚާރީގެ ތަޢާރަފުގައި ހިނގައްޖެއެވެ.

އިމާމް މުސްލިމް ރަޙިމަހުﷲގެ މިބަސްފުޅުން ދޭހަވާގޮތުގައި އެކަލޭގެފާނުގެ މަޤްޞަދަކީވެސް އެކަލޭގެފާނުގެ ޝެއިޚްކަމުގައިވާ އިމާމް ބުޚާރީ ރަޙިމަހުﷲ އާ އެއްފަދައިން ޞައްޙަ އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ހަމައަށް ސަނަދު ގުޅިފައިވާ ޙަދީޘްތައް ޖަމާކުރެއްވުމެވެ.

ޢިލްމުވެރިން ޞަޙީޙް މުސްލިމްއަށްވެސް “الجَامِعُ ” އޭ ކިޔުއްވައެވެ. މުޙައްދިޘުންގެ އަރިހުގައި “الجَامِعُ ” އޭ ކިޔެނީ އެފޮތެއްގައި ޙަދީޘްގެ އެންމެހާ ބައިތަކެއް ހިމެނިފައިވާތީއެވެ. މީގެ ތަފްޞީލުވެސް ޞަޙީޙުލް ބުޚާރީގެ ތަޢާރަފުގައި ހިނގައްޖެއެވެ. އަދި ބައެއް ޢިލްމުވެރިން ޞަޙީޙު މުސްލިމުގައިވާ ތަފްސީރުގެ ޙަދީޘްތައް މަދުކަމާހުރެ “الجَامِعُ ” އޭ ނުކިޔުއްވައެވެ.

މުއައްލިފު:

ޞަޙީހް މުސްލިމް ލިޔުއްވާފައިވަނީ އަބުލް ޙުސައިން މުސްލިމް ބުނުލް ޙައްޖާޖް ބުން މުސްލިމް އަލްޤުޝައިރީ އައްނައިސާބޫރީއެވެ. އިމާމް މުސްލިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 204 ވަނަ އަހަރު ޚުރާސާނުގެ ރަށެއްކަމުގައިވާ ނައިސާބޫރަށެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 202 ވަނަ އަހަރުކަމުގައިވެސް ބުނެވިފައިވެއެވެ. އަވަހާރަވެފައިވަނީ ހިޖުރައިން 261 ވަނަ އަހަރުއެވެ.

އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: ޤުތައިބާ ބުން ސަޢީދު އަލްބަޣްލާނީ (އ. 240ހ.)، އިސްޙާޤް ބުން ރާހޫޔާ (އ. 238ހ.)، އަޙްމަދު ބުން ޙަންބަލް (އ. 241ހ.)، މުޙައްމަދު ބުން އިސްމާޢިލް އަލްބުޚާރީ (އ. 256ހ.) ރަޙިމަހުމުﷲ ފަދަ އެތައް ޢިލްމުވެރިންނެއް ވެއެވެ. އެކަލޭގެފާނުގެ ކިބައިން ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: އައްތިރުމިޛީ (އ. 274ހ.)، އިބްނު ޚުޒައިމާ (އ. 311ހ.)، އަބޫ ޢަވާނާ (އ. 316ހ.)، އިބްނު އަބީ ޙާތިމް (އ. 327ހ.)، ރަޙިމަހުމުﷲ ފަދަ އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.

އިމާމް މުސްލިމް ރަޙިމަހުﷲ ޞަޙީޙު މުސްލިމުގެ އިތުރަށް ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި: ކިތާބުލް އަސްމާ ވަލްކުނާ، ކިތާބުއް ތަމީޒް، ކިތާބުއް ޠަބަޤާތު ފަދަ ފޮތްތައް ހިމެނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިމާމް މުސްލިމްއަށް ރަޙުމަތް ލައްވާށި!

ޞަޙީޙުލް މުސްލިމް ލިޔުއްވަން މެދުވެރިވި ސަބަބުތައް:

އިމާމް މުސްލިމް ރަޙިމަހުﷲ، އެކަލޭގެފާނުގެ ޞަޙީޙުގެ މުޤައްދިމާގައި ވިދާޅުވެފައިވާ ގޮތުން، އެކަލޭގެފާނުގެ ޞަޙީޙް ޖަމާކުރުމަށް މެދުވެރިވި ދެސަބަބެއްވެއެވެ.

ފުރަތަމަ ސަބަބު: އިމާމް މުސްލިމް ރަޙިމަހުﷲގެ ދަރިވަރަކު އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމަކަށް އިޖާބަ ދެއްވުމުގެ ގޮތުންނެވެ.

އިމާމް ބުޚާރީ ރަޙިމަހުﷲ ގެ ކުރިން ލިޔުއްވާފައިވާ ޙަދީޘްފޮތްތައް އެކަލޭގެފާނަށް ފެނިވަޑައިގަތީ އެފޮތްތަކުގައި ޞަޙީޙް ޙަދީޘާއި ޙަސަނު ދަރަޖައިގެ ޙަދީޘާއި ޟަޢީފް ޙަދީޘްތައް އެފޮތްތަކުގައި ޖަމާކޮށްފައި ވަނިކޮށެވެ. އެހިނދު އިމާމް ބުޚާރީ މުޅިން ޞައްޙަ ޙަދީޘް އެއްފޮތެއްގައި ޖަމާކުރުމުގެ ނިޔަތުގައި މަސައްކަތްފެއްޓެވީއެވެ.

ދެވަނަ ސަބަބު: އެޒަމާނުގައިވާ ޙަދީޘްފޮތްތަކުގައި ޞަޙީޙް ޙަދީޘާއި ޙަސަނު ދަރަޖައިގެ ޙަދީޘާއި ޟަޢީފް ޙަދީޘްތައް ޖަމާކުރައްވާފައިވެއެވެ. އެޙަދީޘްތަކުގެ ދަރަޖަތައް ތަފާތުކުރުމެއް ނެތިއެވެ. އެހެނީ، އެޒަމާނަކީ ޙަދީޘް ޢިލްމުގެ ރަން ޒަމާނެވެ. އިމާމް މުސްލިމްގެ މަޤްޞަދަކަށް ވެފައިވަނީ އެފަދަ ފޮތްތަކުގައިވާ ޙަދީޘްތަކުގެ ދަރަޖަ ވަކިކުރަން ނޭނގޭ އާއްމު މީސްތަކުންނަށް ފަސޭހަކުރުމުގެ ގޮތުން ޞައްޙަ ޙަދީޘްތައް އެއްފޮތެއްގައި ޖަމާކުރެއްވުމެވެ. މިއީ އެކަލޭގެފާނުގެ ޝެއިޚް އިމާމް ބުޚާރީ ރަޙިމަހުﷲވެސް ޞަޙީޙުލް ބުޚާރީ ޖަމާކުރެއްވުމަށް މެދުވެރިކުރުވި އެއްސަބަބެވެ.

ޞަޙީޙު މުސްލިމްއަށް އަވަސް ނަޒަރެއް:

އިމާމް މުސްލިމް ރަޙިމަހުﷲ، އެކަލޭގެފާނުގެ ޞަޙީޙް ޖަމާކުރެއްވުމަށް ފަނަރަ އަހަރު ހޭދަކުރެއްވިއެވެ. އިމާމް މުސްލިމްގެ އެކުވެރިއެއްގޮތުގައި އުޅުއްވި އަޙްމަދު ބުން ސަލަމާ (އ. 286ހ.) ވިދާޅުވެފައިވެއެވެ. “މުސްލިމްގެ ޞަޙީޙް ޖަމާކޮށް އެއްކުރުމުގެ މަސައްކަތުގައި ތިމަން އެކަލޭގެފާނާއެކު ފަނަރަ އަހަރު ހޭދަކުރީމެވެ.” އިމާމް ނަވަވީ (އ. 676ހ.) ވިދާޅުވެފައިވާގޮތުގައި އިމާމް މުސްލިމް މިމަސައްކަތުގައި ސޯޅަ އަހަރު ހޭދަކުރެއްވިއެވެ. އަލްޙާފިޡުލް ޢިރާޤީ (އ. 806ހ.) ވިދާޅުވެފައިވާ ގޮތުގައި އިމާމް މުސްލިމް ޞަޙީޙް މުސްލިމް ނިންމަވާފައިވަނީ ހިޖުރައިން 250 ވަނަ އަހަރުއެވެ. އެހެންކަމުގައިވާނަމަ، އިމާމް މުސްލިމް ޞަޙީޙް ޖަމާކުރުމުގެ މަސައްކަތް ފައްޓަވާފައިވަނީ ހިޖުރައިން 235 ވަނަ އަހަރުއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ނަވާވީހަކަށް އަހަރެވެ.

އިމާމް މުސްލިމް ރަޙިމަހުﷲ، އެކަލޭގެފާނުގެ ޞަޙީހްގައި ހަމައެކަނި އެކަލޭގެފާނުގެ އަރިހުގައި ޞައްޙަ ޙަދީޘްތައް ޖަމާކުރެއްވީއެއް ނޫނެވެ. އެކަލޭގެފާނު ޖަމާކުރައްވާފައިވަނީ އެކަލޭގެފާނުގެ ޒަމާނުގެ ޢިލްމުވެރިން ޞައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންނަވާ ހަދީޘްތަކެވެ. އެކަލޭގެފާނުގެ ޞަޙީޙްގެ “باب التشهد في الصلاة” މިބާބުގައި ވިދާޅުވެފައިވެއެވެ. “ތިމަންގެ ކައިރީ ޞައްޙަ ކޮންމެ ޙަދީޘެއް ތިމަން މިފޮތަކަށް ނުލައްވަމެވެ. އެހެނެއްކަމަކު ތިމަން މިފޮތައް ލައްވާފައިވަނީ (ޞައްޙަކަމަށް) އިޖުމާޢުވެފައިވާ ޙަދީޘެވެ.”

އިމާމް މުސްލިމް މިތަނުގައި ވިދާޅުވެފައިވާ އިޖުމާޢުގެ މުރާދަކީ އެކަލޭގެފާނުގެ ޒަމާނުގެ ޢިލްމުވެރިން އިޖުމާޢުވެފައިވާ ޙަދީޘްތަކުގެ ވާހަކައެވެ. އިމާމް މުސްލިމްގެ މިބަސްފުޅާ ބެހޭގޮތުން އަލްބުލްޤިނީ ރަޙިމަހުﷲ (އ. 803ހ.) ވިދާޅުވެފައިވެއެވެ. “އެހެނީ، (މިތަނުގައި) އިޖުމާޢުގެ މުރާދަކީ އިމާމް އަޙްމަދު ބުން ޙަންބަލް އާއި ޔަޙްޔާ ބުން މަޢީން އާއި ޢުޘްމާން ބުން އަބީ ޝައިބާ އާއި ސަޢީދު ބުން މަންޞޫރު އަލް ޚުރާސާނީ ގެ އިޖުމާޢުއެވެ.”

އިމާމް މުސްލިމް ރަޙިމަހުﷲ ޞަޙީޙް ލިޔެ ނިންމެވުމަށްފަހު، އެޒަމާނުގައި ޙަދީޘް ޢިލްމުގައި މަޝްހޫރު ބޭކަލެއްކަމުގައިވާ އަބޫ ޒުރްޢަތުއް ރާޒީ (އ. 264ހ.) އަށް ހުށަހެޅުއްވިއެވެ. އަބޫ ޒުރްޢާ ޢިއްލަތެއްވާކަމަށް ވިދާޅުވި ޙަދީޘްތައް އުނިކުރައްވައި، ޢިއްލަތެއްނުވާ ޞައްޙަ ހަދީޘްތައް ބެހެއްޓެވިއެވެ. (ޙަދީޘް ޢިލްމުގައި ޢިއްލަތަކީ ޙަދީޘުގެ ސަނަދާއި މަތަނުގެ ބޭރުފުށުން ޞައްޙަކަމަށް ހީވިނަމަވެސް، ޙަދީޘްގެ ޞައްޙަކަމަށް ބުރުއަރާފަދަ ވަންހަނާވެގެންވާ ސަބަބުތަކެވެ. ޙަދީޘެއްގެ ޢިއްލަތް އެނގޭހުށީ އެޙަދީޘަކާ ބެހޭ ގޮތުން ވަރަށް ފުންކޮށް ދިރާސާކޮށްގެންނެވެ.)

އިމާމް މުސްލިމް ޞަޙީޙު އަތުރުއްވާފައިވަނީ ކިތާބު (އެބަހީ ފޮތްތަކެއްގެ) ތަކެއްގެ މައްޗަށެވެ. އަދި ކޮންމެ ކިތާބެއްގައި ޙަދީޘްތައް އަތުރުއްވާފައިވަނީ ބާބު ތަކެއްގެ މައްޗަށެވެ. ނަމަވެސް އިމާމް ބުޚާރީއާ ޚިލާފަށް އިމާމް މުސްލިމް ބާބުތަކަށް ނަމެއް ނުދެއްވައެވެ. އޭގެސަބަބެއްކަމުގައި ޢިލްމުވެރިން ދެކިލައްވާގޮތުގައި އިމާމް މުސްލިމް ބާބުތަކަށް ނަންދެއްވާފައިނުވަނީ ފޮތް ކުރުކުރުމުގެ ގޮތުންނާއި، ވީއެންމެ ބޮޑަކަށް ޙަދީޘާ ގުޅުމެއްނުވާ ވާހަކަތައް ނުގެންނެވުމުގެ ގޮތުންނެވެ.

ޞަޙީޙް މުސްލިމްގެ ބާބުތަކަށް ނަންދެއްވާފައިވަނީ އެފޮތް ޝަރަޙަކުރެއްވި ބޭކަލުންނެވެ. މިގޮތުން ޞަޙީހް މުސްލިމްގެ މިހާރުގެ ގިނަ ޗާޕުތަކުގައިވާ ބާބުތަކުގެ ނަންތަކަކީ އިމާމް ނަވަވީ ރަޙިމަހުﷲ ލިޔުއްވާފައިވާ ޞަޙީޙު މުސްލިމްގެ ޝަރަޙަކަމުގައިވާ ‘އަލްމިންހާޖު” ގައި ދެއްވަވާފައިވާ ނަންތަކެވެ.

ޞަޙީޙް މުސްލިމްގައި އިމާމް މުސްލިމް ރަޙިމަހުﷲ ތަކްރާރުކުރައްވާފައިވާ ހަދީޘްތަކާއެކު ގާތްގަނޑަކަށް ބާރަހާސް ޙަދީޘް ގެންނަވާފައިވެއެވެ. އަދި ތަކުރާރުކުރުމެއްނެތި ގާތްގަނޑަކަށް ހަތަރުހާސް ޙަދީޘް ގެންނަވާފައިވެއެވެ.

ޞަޙީޙު މުސްލިމްގެ ޚާއްޞަކަންތައްތައް:

އިމާމް މުސްލިމްގެ ޞަޙީޙަކީ އެފޮތުގައި އެހެން ބައެއް ފޮތްތަކާ ޚިލާފަށް ޚާއްޞަކަންތައްތަކެއް އެކުލެވިގެންވާ ފޮތެކެވެ. އެގޮތުން ބައެއްކަންކަމަކީ:

1. އިމާމް މުސްލިމް، އެކަލޭގެފާނުގެ ޞަޙީޙުގައި ވަރަށް ބޮޑަށް ސަނަދުގެ ލަފްޡުތަކަށް އަމާނާތްތެރިވެވަޑައިގެންފައިވެއެވެ. މިގޮތުން ސަނަދުގައިވާ “حَدَّثَنَا” އާއި “أَّخْبَرَنَا” މިދެލަފްޡުގެ މާނަ ތަފާތު ކުރައްވާފައިވެއެވެ. އިމާމް މުސްލިމް އާއި ނަސާއީ ފަދަ ޢިލްމުވެރިންގެ އަރިހުގައި “حَدَّثَنَا” އޭ ބުނެވޭނީ ޝެއިޚްގެ ކިބައިން ސީދާ އަޑުއަހާފައިވާނަމައެވެ. ޝެއިޚްގެ ކިބައިން ސީދާ އަޑުއަހާފައިނުވާނަމަ “حَدَّثَنَا” އޭ ނުބުނެވޭނެއެވެ. އަދި “أَّخْبَرَنَا” އޭ ބުނެވޭނީ ޝެއިޚް އިން މަޖުލީހެއްގައި އެހެންމީހަކު ކިޔުމުން ޝެއިޚް އެކަމަށް އިއްތިފާޤުވެފައިވާ ނަމައެވެ. އިމާމް ބުޚާރީ ފަދަ ޢިލްމުވެރިންގެ އަރިހުގައި މިދެޙާލަތުގައިވެސް “حَدَّثَنَا” އާއި “أَّخْبَرَنَا” އޭ ބުނުން ހުއްދައެވެ.

2. އިމާމް މިސްލިމް ވަރަށް ބޮޑަށް ޙަދީޘްތަކުގެ މަތަނުގެ ލަފްޡުތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. ޙަދީޘްގެ މަތަނުގައި ވަރަށް ކުދި ތަފާތު ހުރިނަމަވެސް އެކަން ބަޔާން ކުރައްވާފައިވެއެވެ. މިއީ އިމާމް މުސްލިމް ޢިލްމީ އަމާނާތްތެރިކަމަށް އިސްކަންދެއްވާފައިވާ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.

3. ޙަދީޘެއްގެ ސަނަދު ތަފާތު މަގުތަކުން އައިސްފައިވާނަމަ، ވަރަށް ފުރިހަމައަށް އެކަން ބަޔާންކުރައްވާފައިވެއެވެ. ވަރަށް ގިނައިން ޞަޙީޙު މުސްލިމް ގައި “ح” މިރަމްޒު ބޭނުންކޮށްފައިވާތަން ފެންނާނެއެވެ. އޭގެމުރާދަކީ ޙަދީޘްގެ އެއްސަނަދު އަނެއް ސަނަދަށް ބަދަލުކޮށްލާކަމުގެ ރަމްޒެކެވެ. މިގޮތުން ވަރަށް ފުރިހަމަކޮށް، ކުރުކޮށް އިމާމް މުސްލިމް ސަނަދުތައް ގެންނަވާފައިވެއެވެ.

4. ޞަޙީޙުލް ބުޚާރީއާ ޚިލާފަށް އިމާމް މުސްލިމް ޞަޙީޙް މުސްލިމުގައި ޙަދީޘްތައް ގެންނަވައި، ޙަދީޘްގެ ސަނަދުތަކާއި، މަތަނުގެ ލަފްޡުތަކުގެ ތަފާތުތައް ގެންނަވާފައިވަނީ އެއްތަނެއްގައެވެ. މިއީ ފަސޭހަކަމާއެކު ޙަދީޘެއްގެ ޙާލަތު އެނގި، ކިޔާމީހާއަށް ފަސޭހަވާނޭ ކަމެކެވެ.

5. ސަނަދުގައިވާ ރާވީންނަކީ ކޮންބައެއްކަން ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެއެވެ.

 ޞަޙީހު މުސްލިމްއަށް ޢިލްމުވެރިން ކިޔުއްވާފައިވާ ޘަނާ:

ބުޚާރީއާއި މުސްލިމްގެ ދެޞަޙީޙް އާ ބެހޭގޮތުން އިބްނުއް ޞަލާޙް ރަޙިމަހުﷲ (އ. 643ހ.) ވިދާޅުވެފައިވެއެވެ. “އެދެބޭކަލުންގެ ދެފޮތަކީ، ޢަޒީޒްވަންތަ ﷲގެ ފޮތަށްފަހު އެންމެ ޞައްޙަ ދެފޮތެވެ.” އޭގެފަހުގައި ވިދާޅުވެފައިވެއެވެ. “އިމާމް ބުޚާރީގެ ފޮތަކީ ދެފޮތުންކުރެ އެންމެ ޞައްޙަ އަދި ފައިދާ ބޮޑު ފޮތެވެ.”

ޞަޙީޙް މުސްލިމްގެ މުޤައްދިމާގެ ޝަރަޙްގައި އިމާމް ނަވަވީ ރަޙިމަހުﷲ (އ. 676ހ.) ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި ކީރިތި ޤުރުއާނަށްފަހު އެންމެ ޞައްޙަ ފޮތަކީ ބުޚާރީއާއި މުސްލިމްގެ ދެޞަޙީޙުއެވެ.”

އިމާމް މުސްލިމް ރަޙިމަހުﷲ، އެކަލޭގެފާނުގެ ޞަޙީޙްގެ ތަރުތީބާއި ފުރިހަމަކަމާހުރެ ބައެއް ޢިލްމުވެރިން ޞަޙީޙް ބުޚާރީއަށް ވުރެ ޞަޙީޙް މުސްލިމް މަތިވެރިކުރެއެވެ. މިގޮތުން އިމާމް ޙާކިމްގެ ޝެއިޚް އަބޫ ޢަލީ އައްނައިސާބޫރީ ރަޙިމަހުﷲ (އ. 349ހ.) ވިދާޅުވެފައިވެއެވެ. “(ޤުރުއާން ފިޔަވައި) އުޑު ދަށުގައި ޞަޙީހް މުސްލިމްއަށްވުރެ ޞައްޙަ ފޮތެއް ނުވެއެވެ.” ނަމަވެސް ޙަދީޘްތަކުގެ ޞައްޙަކަމަށް ބަލާއިރު ޞަޙީހް މުސްލިމްއަށްވުރެ ޞަޙީޙް ބުޚާރީގެ ޙަދީޘްތަކުގެ ޞައްޙަކަން ބޮޑެވެ. އަދި ފޮތުގެ ތަރުތީބާއި، ޙަދީޘްތައް ޖަމާކުރެއްވުމުގެ ރިވެތިކަމުގައި ޞަޙީހް ބުޚާރީއަށްވުރެ ޞަޙީޙް މުސްލިމް މަތިވެރިއެވެ.

ޞަޙީޙުލް މުސްލިމްގެ ބައެއް ޝަރަޙަތައް:

1. އަލްމުފްހިމް ފީ ޝަރަޙި މުސްލިމް: ޢަބްދުލް ޣާފިރު ބުން އިސްމާޢީލް އަލްފާރިސީ (އ. 529ހ.).

2. އަލްމުޢައްލިމް ފީ ޝަރަޙި މުސްލިމް : އަބޫ ޢަބްދުﷲ މުޙައްމަދު ބުން ޢަލީ އަލްމާޒިރީ (އ. 536ހ.).

3. ޝަރްޙު ޞަޙީޙް މުސްލިމް: އަބޫ ޢަމްރު ބުން ޢުޘްމާން ބުންއް ޞަލާޙް (އ. 643ހ.).

4. އަލްމިންހާޖް ފީ ޝަރަޙި ޞަޙީޙް މުސްލިމް: އަބޫ ޒަކަރިއްޔާ އަންނަވަވީ (އ. 676ހ.).

____________________________________________________________

މަރުޖިޢުތައް:

1. އަލްމިންހާޖް ފީ ޝަރަޙި ޞަޙީޙް މުސްލިމް: އަބޫ ޒަކަރިއްޔާ އަންނަވަވީ.

2. ތަދްރީބުއް ރާވީ: ޖަލާލުއްދީނުލް ސުޔޫޠީ.

3. މުޞްޠަލަޙުލް ޙަދީޘް: މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން.

4. އަޢްލާމުލް މުޙައްދިޘީން ވަ މައާޘިރުހުމުލް ޢިލްމިއްޔާ: ތަޤިއްޔުއްދީނުއް ނަދްވީ.

5. ތަދްވީނުއް ސުންނާ: މުޙައްމަދު މަޠަރުއް ޒަހްރާނީ.

_____________

ފޮތްތަކާއެކު ކުރީގެ ބައި: ޞަޙީޙުލް ބުޚާރީ