ނަމަވެސް ޙަޤީޤަތުގައި، އެއާޔަތުގައި އެވަނީ ކޮން ފޮތެއްގެ ވާހަކަން ބަޔާން ކުރައްވައި ޖުމްހޫރު ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ﷲ ތަޢާލާގެ ޙަޞްރަތުގައިވާ އައްލަވްޙުލްމަޙްފޫޛުގެ (اللوح المحفوظ ގެ) ވާހަކަ ކަމުގައެވެ. އެބޭކަލުންގެ އެވާހަކަފުޅުގެ ތެދުކަން މިއާޔަތް ފެއްޓިގެން ނިމެންދެން ކިޔައިފި ކޮންމެ މީހަކަށް އެކަން ކަށަވަރުވެގެން ދާނެއެވެ. ފަހެ އެއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:
(وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨﴾). [سورة الأنعام].
“އަދި ބިމުގައި ހިނގާބިނގާ އުޅޭ ، ދިރޭ ކޮންމެ އެއްޗެއްވިޔަސް ، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް ، ތިޔަބައިމީހުން ފަދަ އުއްމަތެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދޫ ނުކުރައްވަމެވެ. ދެން އެތަކެތި (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ”.
ފަހެ މިއާޔަތުގައި ﷲ ތަޢާލާ އެ ހާމަކުރައްވަނީ އެކަލާނގެ މަތިވެރިކަމާއި އެކަލާނގެ ޢިލްމުފުޅުގެ ފުރިހަމަ ކަމުގެ ވާހަކައެވެ. އަދި ދުނިޔޭގައި އުޅެމުންދާ އެހެން މަޚްލޫޤާތްތަކާއި އިންސާނުންނާ އެއްގޮތްވެގެންވާ ކަމެއްގެ ވާހަކައެވެ. ދެން އެއަށްފަހު ޖެހިގެން އެ ބަޔާންކުރައްވަނީ ، އެހުރިހާ މަޚްލޫޤާތްތަކުގެ ފުރިހަމަ ތަފުސީލީ ރެކޯޑެއް އެކަލާނގެ ޙަޟްތަރުގައިވާ ވާހަކައެވެ. އަދި އެހުރިހާ އެއްޗެއް އެކަލާނގެ ޙަޟްރަތަށް އަނބުރާ ރުޖޫޢަ ކުރެއްވޭނެ ކަމުގެ ވާހަކައެވެ.
އެއްވެސް ޙާލެއްގައި އެމަޤާމުގައި އެކަލާނގެ އެބަޔާން ކުރައްވަނީ ކީރިތި ޤުރްއާނުގައި ބަޔާންވެފައިވާ ދީނީ ޙުކުމްތަކެއްގެ ވާހަކަ ކަމުގައި ބުނެވޭނެ ޖާގައެއް ނެތްކަން މިއާޔަތް ކިޔާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެތަނުގައި އެ ވާހަކަ ދެކެވެނީ އެއަށް ވުރެ ފުޅާ އަދި ތަނަވެސް މަޢުޟޫއެއްގައިކަން އެވަނީ ސާފުކޮށް ހާމަވާށެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 55