ފަހެ އަންނިވި އާޔަތަށް ބަލާލުމުން ވެސް ޢަރަބި ބަހުގައި “تفصيل” މި ކަލިމަ ބޭނުން ކުރާ މާނަ އިތުރަށް ޔަޤީންވެގެން ދެއެވެ.
فَأَرْسَلْنَا عَلَيْهِمُ الطُّوفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ آيَاتٍ مُّفَصَّلَاتٍ فَاسْتَكْبَرُوا وَكَانُوا قَوْمًا مُّجْرِمِينَ ﴿١٣٣﴾ – سورة الأعراف
“ދެން ‘ބަޔާން/ސާފު/ވަކި/ފާޅު ވެގެން’ ހުރި އާޔަތްތަކެއް ކަމުގައި (ފެންބޮޑުވުމުގެ) ތޫފާނާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތީއެވެ. އަދި އެއުރެންވީ ކުށްވެރީން ކަމުގައެވެ”.
ދިވެހި ބަހުގައި “ތަފުސީލު” ބޭނުން ކުރާ މާނައިގައި މި އާޔަތުގައިވާ ” مُّفَصَّلَاتٍ ” ބޭނުން ކުރާނަމަ މިތަނުގައި މާނަ ކުރަން ޖެހޭނީ “އިތުރަށް ބަޔާންވެގެން ހުރި” ނުވަތަ “އިތުރަށް ޔަޤީންކުރަން ހުރި” ގެ ގޮތުގައެވެ. ނަމަވެސް އެއާ ޚިލާފަށް އެކަލިމައިގެ މާނައިގެ ގޮތުގައި އިހުގެ ޢަރަބި ތަފްސީރު ޢިލްމުވެރިން ގެންނަވާފައިވަނީ “ފުލުފުން”، “ވަކިވަކިން”، “ފަހަރަކަށް ފަހު ފަހަރެއް” ފަދަ މާނައިގައެވެ. އެގޮތުން އިމާމު އައްޠަބަރީ އާއި އިމާމް އަލްޤުރްޠުބީ އާއި އިމާމް އަލްބަޣަވީ އާއި އިމާމް އިބްނު ޢާޝޫރު رحمهم الله ވަނީ އެމަގުން ތަފްސީރު ކުރައްވާފައެވެ. އެހެނީ އެނޫން މާނައެއްގައި އެ ކަލިމަ ގެނެސްފި ނަމަ އޭގެ ކުރިން އައިސްފައިވާ 130، 131، 132 ވަނަ އާޔަތްތަކާ ދިމައެއް ނުވާނެއެވެ. އެއާޔަތްތަކުގައި އެވަނީ ފިރްޢައުނާއި އެނާގެ ގައުމުގެ މީހުން މޫސާގެފާނު ގެންނެވި ފާޅުކަމާއި ހާމަކަން ބޮޑު އޭގެ އިންތިހާއަށް ގޮސްފައިވާ ސާފު ހެކިތަކާއި މުޢުޖިޒާތްތަކަށް އިންކާރުކޮށް، އަދި އިތުރަށް ކިތަންމެ ވަރަކަށް އާޔަތްތައް ގެނަޔަސް އެކަލޭގެފާނަށް އީމާން ނުވާނެ ކަމަށް ބުނެ ގޮންޖަހައިފައެވެ. އެފަދަ ބަޔަކަށް “އިތުރަށް ބަޔާން ކުރުމަށްޓަކައި” ނުވަތަ “އިތުރަށް ޔަޤީން ކުރުމައްޓަކައި” ފޮނުވާނެ އާޔަތްތަކެއް ފަހެ އޮންނާނެ ހެއްޔެވެ؟ ނޯންނާއެވެ. އެހެކަންމުން ﷲ ތަޢާލާ އެކަލާނގެ ކޯފާގެ ކޮންމެވެސް މިންވަރެއް އެބައިމީހުންނަށް ފޮނުއްވެވީއެވެ.
މިކަލިމައިގެ މާނަ އަކީ އެއީކަން ބަޔާންވާ އެހެން އާޔަތްތަކުގެ ތެރޭގައި:
وَلَمَّا فَصَلَتِ الْعِيرُ قَالَ أَبُوهُمْ إِنِّي لَأَجِدُ رِيحَ يُوسُفَ ۖ لَوْلَا أَن تُفَنِّدُونِ
“އެ ޤާފިލާ (ރަށުން) “ވަކިވި” ހިނދު، އެއުރެންގެ ބައްޕާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ޔޫސުފްގެފާނުގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެނަމައެވެ”. ﴿سورة يوسف ٩٤﴾
މިތަނުގައިވެސް فَصَلَ ބޭނުން ކުރައްވާފައި އެވަނީ ވަކިވެގެން ދިޔުމަށެވެ. އެމީހުން އެބުނާ ގޮތުން ތަފުސީލުގެ މާނައިގައި މިމަޤާމުގައި އެލަފުޒު ބޭނުން ނުރެވޭނެ ގޮތަކީ އެއްވެސް ޙާލެއްގައި ނެތް ގޮތެކެވެ.
ވީމާ ސީދާ އިހުގެ މައް ޢަރަބި ބަހުގައި ” تفصيل ” މިކަލިމައިގެ ޙަޤީޤީ ސާފު މާނަ ބަޔާން ކުރަން އިނގިރޭސި ބަހެއް ބޭނުން ކުރާނަމަ ކުރެވޭނީ “manifest” “evident” “clear” “distinct” ފަދަ ކަލިމައެކެވެ. އަދި ދިވެހި ބަހުގެ “ތަފުސީލު” ގެ މާނަ ކުރެވޭނީ “detailed” “elaborate” ފަދަ ކަލިމައެކެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 60