ނ- ތިންވަނައަށް އެބައިމީހުން ބޭނުން ކުރި އާޔަތް ކަމުގައިވާ؛
(مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ) [يوسف : 111].
“އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއް ނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް “تفصيل” ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ”.
އެބައިމީހުންގެ މި ދަޢުވާއަށް ދެ ގޮތަކަށް ރައްދު ވެއެވެ.
އެއް ގޮތަކީ؛
މިއާޔަތުގައި އެވާ ” تفصيل “، މި ކަލިމައަކީ އޭގެ ދިވެހި (ނުވަތަ އުރުދޫ/ހިންދީ) ބަހުން ބަލައިފި ނަމަ، ސުންނަތަށް އިންކާރު ކުރާ މީހުންގެ ކޮޅަށް އޮތް ދަލީލަކަށް މި އާޔަތް ބެލެވިދާނެއެވެ. އެހެނީ އެބަސްތަކުގައި “ތަފުސީލު” މި ލަފުޒުގެ މާނައަކީ؛ ” ‘އިތުރު’ ބަޔާން” އެވެ. އެހެނަސް ޤުރްއާން ބާވައިލެއްވިފައިވަނީ ޢަރަބި ބަހުން ކަމަށް ވުމާއި، އޭގައިވާ ކަލިމަތަކުގެ މާނަ ދެނެގަތުމައްޓަކައި ބަލަން ޖެހޭނީ ޢަބަރި ބަހުގެ ރަދީފަށެވެ. ނުވަތަ ޢަރަބިން އެބަސްތައް ބޭނުން ކުރާ މުރާދަށެވެ.
ޢަރަބި ބަހުގައި ” تفصيل ” ގެ އަޞްލަކީ، “ف ص ل / (فصل)” މި ތިން އަކުރެވެ. އަދި އެ ތިން އަކުރުން އުފެދިފައިވާ ކަލިމަ އަންނަނީ “ބަޔާން” ، “ސާފުވުން” ، “ވަކިވުން” ، “ފާޅުވުން” ގެ މާނައިގައެވެ. އެހެނީ “فصل” އަކީ “إجمال” ގެ އިދިކޮޅެވެ. “إجمال” ގެ މާނައަކީ، “ޖުމްލަކޮށް” ، “ޢާއްމުކޮށް” ، “ކުރުކޮށް” ، “އެއްކޮށް” އެވެ. އެހެންކަމުން މިއާޔަތުގެ މާނަ ތަރުޖަމާ ކުރުމުގައި ބޭނުން ކުރަންޖެހޭނީ މިއިން ކޮންމެވެސް މާނައެކެވެ. އެހެން ނޫނީ ޢަރަބި ބަހުން ބޭނުންކޮށްފައިވާ މާނައެއް ނުނެރެވޭނެއެވެ. އެގޮތުން މިތަނުގެ މާނަ ކަމުގައި ބަލަން ޖެހޭނީ، “އެއްވެސް އޮޅުމެއް ނާރާނެހެން ބަޔާން/ސާފު/ވަކި/ފާޅު ކޮށްދޭ…..” މި މާނައެވެ. އަދި އިމާމް ޝާފިޢީ رحمه الله ގެ އުސްތާޛު އަލްއިމާމު އައް ޠޮބަރާނީ رحمه الله ފަދަ އަހްލުއްސުންނަތުގެ ބޮޑެތި އިމާމުވެރި ޢިލްމުވެރި ބޭކަލުންގެ ވެސް ތަފްސީރު ކުރައްވާފައި ވަނީ “ބަޔާން” ގެ މާނައިގައެވެ. ދިވެހި ރަދީފުގައިވެސް “ބަޔާން” މާނަ ކުރެވެނީ ފާޅުކުރުމުގެ މާނައިގައެވެ.
ފަހެ ދިވެހި (އުރުދޫ/ހިންދީ) ބަހުން ބޭނުން ކުރާ “ތަފުސީލު” ގެ މާނައިގައި ޢަރަބި “تفصيل” މާނަ ކުރެވުމުން އާޔަތުގެ މުޅި މަފްހޫމު އޮޅިގެން ދެއެވެ. އެހެނީ އޭގެ ތެރެއަށް އިތުރު ބައިތަކެއް ނުވަތަ ކަންތަކެއް ވަދެގެން އެބަ ދެއެވެ. ދިވެހި ބަހުގައި ބޭނުން ކުރާ “ތަފުސީލު” ގެ މާނައަކީ “‘އިތުރު ބަޔާން” އެވެ. އަދި “ބަޔާން” ގެ މާނައަކީ “ފާޅުވުން”، “ޔަޤީންވުން” އެވެ. އާޔަތުގައި އެވާ ޢަބަރި “تفصيل” ގެ މާނަ ދިވެހި “ތަފުސީލު” ގެ މާނައި ބޭނުން ކުރާނަމަ ނިކުންނަ ނަތީޖާއަކީ “އިތުރު ބަޔާން”، “އިތުރަށް ފާޅުކުރުން”، “އިތުރަށް ޔަޤީންކުރުން” އެވެ. މާނައަކީ އެމާނަތަކުގެ ތެރެއަށް “ކަން އިތުރެއް” އެބަ އިތުރުވެއެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 59