[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 62

 

އަނެއް ގޮތަކީ،

ފަހަރެއްގައި އެމީހުން ބުނެފާނެއެވެ. “ޢަރަބި ބަހުގައި فَصَلَ ގެ މާނަ ދެގޮތަކަށް ވެސް ކުރެވެއެވެ. އެހެންވީމަ ތިމަންމެން މާނަ މިކުރާ ގޮތަކީވެސް ހަމަ ރަނގަޅު ގޮތެކެވެ”.

އޭގެ ޖަވާބުގައި ބުނަން ޖެހެނީ، ދެ ގޮތަކަށް މާނަ ކުރެވޭ ނަމަ އެ އާޔަތުގައި فَصَلَ ބޭނުން ކުރައްވާފައި އެވަނީ ކޮން މާނައެއްގައި ކަން އެނގޭނީ ޤުރްއާން އޮތް ޙާލަތާއި އެމީހުން އެބުނާ މާނަ އަޅައި ކިޔާލީމައެވެ. ޔަޤީންވެ ކަށަވަރުވާ ކަމަކީ އެމީހުން އެބުނާ މާނައިގައި އެ ލަފުޒު އިސްތިޢުލާމު ކުރެވެން ނެތް ކަމެވެ. އެހެނީ އެމީހުން އެބުނާ ގޮތުން ޤުރްއާނުގައި ހުރިހާ ކަމެއްގެ ތަފުސީލު ވާނަމަ، ފުރަތަމަ މުޅި ކާއިނާތުގައި އެކަލާނގެ ހެއްދެވި އެންމެ މާތް ނަބިއްޔާ صلى الله عليه وسـلم – އެބޭކަލަކަށް ހުރިހާ އިންސީންނާއި ޖިންނީން ތަބާވާން ޖެހޭ އިތުރު އެކަލޭގެފާނުގެ ތަފުސީލު ކޮބާ ހެއްޔެވެ؟ އެކަލޭގެފާނު ދުރުން ނުވަތަ ކައިރިން ވެސް މީހަކަށް ފެނިއްޖެ ނަމަ ދެނެގަނެވޭނީ އެކަލޭގެފާނުގެ ބޭރުފުށުގެ ސިފަތައް އެންމެ ކުޑަމިނުން އެނގިގެން ތާއެވެ. ނަމަވެސް އެވެސް ބަޔާންވެފައި އެވަނީ ނަބިއްޔާ صلى الله عليه وسـلم ގެ ޞަޙާބީން ރިވާކުރެއްވި ޙަދީޘްފުޅު ތަކުގައެވެ. ޤުރްއާނަކު ނޫނެވެ. އެހެންވީމަ، އެކަލޭގެފާނުގެ ޙަދީޘްފުޅުތައް ދޫކޮށްލައިފި މީހަކަަށް އެކަލޭގެފާނުގެ އަރިހުގައި ޖެހިގެން ހުރެވޭ އިރުވެސް ނޭނގޭނެއެވެ. ނުވަތަ އެކަލޭގެފާނުގެ ހަށިކޮޅުގައި އަޅައިގަނެފަ ވެއްޓުނަސް ނޭނގޭނެ ނޫންހެއްޔެވެ؟ ހަމައެކަނި ޤުރްއާނުން ދަލީލު ނަގާ ބަޔަކަށް އެކަލޭގެފާނު ދުވަހަކުވެސް ހޯދައި ނުފެންނާނެއެވެ!

 

އަދި މީގެ އިތުރުން ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްފުޅުތައް ރިވާކުރެވިފައިވާ އަލްކުތުބުއްސިއްތައިން ވެސް އެމީހުން އެބުނާ ތަފުސީލުގެ މާނައިގައި (فَصَلَ އާ ގުޅޭ އެއްވެސް) ކަލިމައެއް ބޭނުންކޮށްފައިވާތީއެއް ނުފެނުނެވެ. އަޅުގަނޑަށް ފެނުނު ހުރިހާ ތަނެއްގައިވެސް ބޭނުން ކުރައްވާފައި ވަނީ “ބަޔާން” ، “ސާފުވުން” ، “ވަކިވުން” ، “ފާޅުވުން” ގެ މާނައިގައެވެ. والله أعلم.

 

މި ނުގުތާގައި މިހާ ތަފުސީލުކޮށް ދިގުކޮށް ލިޔަންޖެހުނު ސަބަބަކީ މިކަލިމައަކީ އެބައިމީހުންގެ ދަޢުވާގެ އެންމެ މުހިއްމު އަދި އެންމެ ވަރުގަދަ އަދި ނާޒުކު ނުގުތާއަކަށް ވީތީއެވެ.

 

الحمد لله الذي بنعمته تتم الصالحات

وصلى اللهم وسلم على نبينا محمد وعلى آله وصحبه من استن بسنته إلى يوم نلقاهم.

ނިމުނީ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 61