ﷲ ތަޢާލާވަނީ އެއިލާހުގެ އަޅުތަކުންގެ ތެރޭގައި މުއްސަނދިންނާއި ފަޤީރުން ލައްވާފައެވެ. ފަޤީރުންގެ ޙާޖަތްތައް ފުއްދައިނުދީ މުއްސަނދިންގެ މަޞްލަޙަތުތައް ފުރިހަމަވެގެންނުދާނެއެވެ. ފަހެ ﷲ ތަޢާލާވަނީ މުއްސަނދިންގެ މުދަލުން އިތުރުވެފައިވާ ބައިން ފަޤީރުންގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެބައިމީހުންގެ މައްޗަށް ލާޒިމުކުރައްވާފައެވެ.
މުއުމިނުންގެ ތެރެއިން ދީލަތިމީހުންވަނީ ﷲ ތަޢާލާއާ ކުއްތަންވެގެންނެވެ. އަދި އެމީހަކުވަނީ މީސްތަކުންނާއި އެމީހެއްގެ ޢާއިލާގެ މީހުންނާވެސް ގާތްވެގެންނެވެ. އަދި އޭނާވަނީ ސުވަރުގެއާވެސް ގާތްވެގެންނެވެ. ހަމައެއާއެކު އެމީހަކުވަނީ ނަރަކާ ދުރުހެލިވެގެންނެވެ.
މީހެއްގެ ދީލަތިކަމުން އޭނާއާ އެންމެ ދެކޮޅުވެރިމީހުންވެސް އޭނާ ދެކެ ލޯބިވެއެވެ. އަދި މީހެއްގެ ދަހިކަމުން އޭނާގެ އަމިއްލަ ދަރިންވެސް އޭނާދެކެ ނަފްރަތުކުރެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ އަޅަކީ އެއިލާހު ލޯބިވެވޮޑިގެންވާކަންކަން ދެކެ ލޯބިވާމީހެކެވެ. ފަހެ އެއިލާހީ ދީލަތިވަންތަ އިލާހެވެ. ދީލަތިމީހުންދެކެ އެއިލާހު ލޯބިވެވޮޑިގެންވެއެވެ. އަދި އެއިލާހީ ޢިލްމުގެ ވެރި އިލާހެވެ. ޢިލްމުވެރިން ދެކެ އެއިލާހު ލޯބިވެވޮޑިގެންވެއެވެ. އަދި އެއިލާހީ ރަޙުމުކުރައްވާ އިލާހެވެ. ރަޙުމުކުރާމީހުންދެކެ އެއިލާހު ލޯބިވެވޮޑިގެންވެއެވެ.
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.
“ ދީލަތިވަންތަ އިލާހު އެހެން މީހުންނަށް ނުދެއްވާ މުދާ، ޞަދަޤާތްކުރާ ދީލަތިމީހާއަށް ދެއްވައެވެ. އެއީ އޭނާ އެކުޅަ ޢަމަލާ އެއްގޮތް ޖަޒާއެއް ދެއްވުމަށެވެ.”[1]
މުސްލިމަކު ކުރާ އެންމެ ރަނގަޅު އެއް ޢަމަލަކީ ފަޤީރުންނާއި ޙާލުގައި ޖެހިފައިވާ މީހުންނާ އަދި މުޞީބާތްތައް ޖެހިފައިވާ މީހުންނަށް ޞަދަޤާތްކުރުމެވެ.
ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނަށް ޚަބަރުލިބިފައިވާ ގޮތުގައި އެއް ޢަމަލު އަނެއް ޢަމަލުގެ މައްޗަށް ފަޚުރުވެރިވަމުންދާނެއެވެ. އެހިނދު ޞަދަޤާތް ބުނާނެއެވެ. އަހަންނަކީ އަހަރުމެންގެ ތެރެއިން އެންމެ މާތް ޢަމަލެވެ.”
އަދި އިޙްސާންތެރިވުމަށާއި ޞަދަޤާތްކުރުމަށާ އަދި މީސްތަކުން ކަންބޮޑުވާ ކަންތައްތައް ފިލުވައިދިނުމަށް ގޮވާލުމަކީ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] الوابل الصيب ص: 56