ޝައްކެއްނެތް ގޮތުގައި، ޝަހާދަތުގެ ދެކަލިމަ ކިޔައިގެން އިސްލާމްވެގެން ހުންނަ މުސްލިމް އަޅާއަށް އޭނާގެ ޙަޔާތުގައި އެންމެ މުހިންމު އެއް ވާޖިބަކީ ނަމާދެވެ. އެއީ ޢަމަލީ ކަންކަމުގެ ތެރެއިން އެންމެ އިސްކަން ދޭން ޖެހޭ ކަމެވެ.
އެހެންކަމުން، ނަމާދު ކުރެވޭތޯ މުސްލިމް އަޅާ ބަލަންވާނީ އެންމެ ފުރިހަމަ ގޮތުގައެވެ. ފިރިހެނެއްނަމަ، ޖަމާޢަތުގައެވެ. ނަމާދު ކުރާއިރު މާތް ﷲ އަށް ހިތް ނިޔަތް ޚާލިޞްކުރާ ޙާލު އެ ނަމާދެއް ކުރުން މުހިއްމެވެ. އަދި ނަމާދުގެ ރުކުންތަކާއި ވާޖިބާތާއި ސުންނަތްތަކަށް ފުރިހަމައަށް ސަމާލުކަންދީގެން ވީހާވެސް ފުރިހަމަ ގޮތުގައި ނަމާދު ކުރެވޭތޯ ބަލަންވާނެއެވެ.
އެހެނީ، ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރާ މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މާތް ﷲ ފަރުޟު ފަސް ނަމާދު ލައްވާފައިވަނީވެސް އެކަމަށްޓަކައެވެ. އިންސާނާއަކީ ގިނަގިނައިން ހަނދާން ނެތޭ މީހެކެވެ. ދުނިޔެވީ ޙަޔާތުގެ ޒީނަތްތެރިކަމާއި މަޖަލާއި އުފާ ފެނުމުން އާޚިރަތް މަތިން އިންސާނާ ހަނދާން ނެތޭ ގޮތް ވެއެވެ. އަދި ހަމައެހެންމެ، ދުނިޔެވީ ރިވެތި މަންޒަރުތައް އިތުރަށް ރީތިކޮށްފައި ޝައިޠާނާ އޭނާއަށް ދައްކާނެއެވެ. އިންސާނާގެ ހިތަކީ ރީތި މަންޒަރުތަކާއި އުފަލާއި މަޖަލަށް ލެނބޭ އެއްޗެކެވެ. އެހެންކަމުން، އެ ޣާފިލުކަމުން އިންސާނާ ސަލާމަތްކޮށްދޭނެ ވަޞީލަތަކަށް މާތް ﷲ ލައްވާފައިވަނީ ނަމާދެވެ.
ފަރުޟު ފަސް ނަމާދު އޭގެ ފުރިހަމަ ގޮތުގައި ކުރާ މީހަކަށް މި ޙަޔާތުގެ މަޤްޞަދު ހަނދާން ނެތިގެނެއް ނުދާނެއެވެ. މި ޙަޔާތަކީ ވަޤުތީ ތަނެއްކަން އޭނާ ހަނދާން ހުންނާނެއެވެ. އަދި މިތަނަކީ އިމްތިޙާނެއް ކަމާއި މި އިމްތިޙާނުގެ ނަތީޖާ ފެނިގެން ދާނީ ޤިޔާމަތް ދުވަހުންކަން ހަނދާނުގައި އަބަދުގެ އަބަދަށް ހުންނާނެއެވެ. އުޚުރަވީ ޙަޔާތާ އަޅާ ބަލާއިރު މި ޙަޔާތަކީ އެއްވެސް އެއްޗެއް ނޫންކަން އޭނާއަށް އެނގޭނެއެވެ. މަރު އޮތީ ކުރިމަތީގައިކަން އޭނާއަށް އެނގޭނެއެވެ. އަދި ނުހަނު ގާތުގައި ނަރަކައާއި ސުވަރުގެ އޮތް ކަމާއި ފަހަތުން އަރައި ހަމަކުރަން މަލަކަލްމައުތު އަންނަ ކަން އޭނާއަށް އެނގޭނެއެވެ. މި ޙަޔާތުގައި ކިރިޔާވެސް ފައިދާއެއް ނުވަތަ ހެވެއް އޮތްނަމަ، އެ ހެވަކީ މާތް ﷲ އެންގެވި ގޮތުގައި ޙަޔާތުގެ ވަޤުތުތައް ހޭދަކުރުންކަން އޭނާއަށް އެނގޭނެއެވެ. މިއީ އެ ދުނިޔެއަށްޓަކައި ކުރާ ދަނޑުގޮވާމެއްކަން އޭނާ ދަންނާނެއެވެ.
އަދި ހަމައެހެންމެ، އެ އަޅާއަށް ފާފައެއް ކުރެވިފައިވާނަމަ، އެކަމަށް ދެރަވެ، ކޮންމެ ނަމާދެއްގައި މާތް ﷲ ގެ ޙަޟްރަތުގައި އިސްތިޣުފާރުކޮށް ތައުބާވާނެއެވެ. އިންސާނާއަކީ ފާފަކުރެވޭ، އަދި ފާފަ ކުރެވޭނެ އަޅެކެވެ. އެކަމަކުވެސް، އޭނާއަކީ ފަރުޟު ފަސް ނަމާދު ޤާއިމުކުރާ މީހެއްނަމަ، އޭނާއަށް ހުރެވޭނީ އަބަދުމެ ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ މަތީގައެވެ. އެއާއެކު އޭނާއަށް ކުރެވޭ ފާފަތައްވެސް ވަރަށް މަދުވާނެއެވެ. ފާފަތަކުން އެއްކޮށް ދުރުވުމަށް ކޮންމެ ނަމާދެއްގައިވެސް އޭނާ ޢަޒުމް ކަނޑައަޅާނެއެވެ. އެއީ، މާތް ﷲ ގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.
﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ﴾ [سورة العنكبوت ٤٥]
މާނައީ: “ހަމަކަށަވަރުން، ނަމާދަކީ ފާޙިޝްކަންކަމާއި މުންކަރާތްތަކުން ދުރުކޮށްދޭ ކަމެކެވެ.”
މިކަން މިހެން ހުރުމާއެކު، އިސްލާމްދީނުގައި ނަމާދަށް އެހާ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ސަބަބު ވިސްނެއެވެ. އަދި ނަމާދު އަޅާ މީހާ ކާފަރުވެއްޖެކަމަށް ނަބަވީ އިރުޝާދުގައި އޮތް ސަބަބުވެސް ވިސްނައިގަނެވެއެވެ. މާތް ﷲ އިސްލާމްދީން ބާއްވައިލެއްވީ ޖަހާލަތުގެ އަނދިރިކަމުން އިސްލާމްކަމުގެ ނޫރަށް އަޅުތަކުން ގެނައުމަށްޓަކައެވެ. އަދި އެކަން އިންސާނާއަށް ޙާޞިލްވާނެ އެންމެ މަތިވެރި ވަޞީލަތެއްކަމުގައި މާތް ﷲ ލައްވާފައިވަނީ ނަމާދެވެ. ވުމާއެކު، ނަމާދު ދޫކޮށްލާ މީހަކަށް މި ދީނުގައި އެއްވެސް ނަޞީބެއް ނެތް ކަމުގައި ޢުމަރުގެފާނު ވިދާޅުވި ސަބަބުވެސް ވިސްނައިގަނެވެއެވެ.
މިކަންކަން ޙާޞިލްވާން އަންނަނީ ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭތޯ ބަލާނަމައެވެ. އެހެންކަމުން، ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނާއި ނަމާދު ވަޤުތު ފާއިތުކުރާ މީހުންނާއި ކަންނެތްކަމާއެކު ނަމާދު ކުރާ މީހުންނަށްވެސް ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ލަޢުނަތް ލައްވާފައެވެ.
فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ الَّذِينَ هُمْ يُرَاءُونَ ﴿٦﴾ [سورة الماعون]
މާނައީ: “ފަހެ، އެއުރެންގެ ނަމާދުގައި ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދު ކުރާ މީހުންނެވެ.”
މިއިން އެނގިގެން ދަނީ ނަމާދު އޭގެ ފުރިހަމަ ގޮތުގައި ނުކުރާ މީހެއްނަމަ، އޭނާގެ ނަމާދުގައި މާ ބޮޑު ބަރުދަނެއް ނެތްކަމެވެ. އޭނާގެ ނަމާދުން ނަމާދު ފަރުޟު ކުރެވުނު މަޤްޞަދު ޙާޞިލު ނުވާތީއެވެ. މިއީ ނަމާދުކުރާ، އެހެނަސް ނަމާދަށް ފަރުވާ ކުޑަކުރާ މީހުންނަށް ހުރި ނުރައްކަލެކެވެ. އެހެންކަމުން، ނަމާދު ނުކޮށް އެއްކޮށް ދޫކޮށްލާ މީހުންނަށް މިއަށްވުރެވެސް ވަޢީދު ބޮޑުވާނެކަން ތަޞައްވަރު ކުރެވެއެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ނަޒަރު ހިންގާލި މީހަކަށް އެކަން އެނގި ސާބިތުވެގެންދާނެއެވެ.
ނަމާދަކީ އަޅާއާ ވެރިރައްބާ ދެމެދުގައިވާ ގުޅުމެވެ. އެ ގުޅުން ކަނޑާލައިފިނަމަ، އެމީހަކަށް އެއްވެސް ކާމިޔާބެއް، ފަލާހެއް ނެތެވެ. ނަމާދަކީ އޭގެ ޒާތުގައި ކާމިޔާބެވެ. ފަލާހެވެ. އެހެންކަމުން، ބަންގީގައި حي على الصلاة ، حي على الفلاح އެވެ ގޮވައިލެވެނީ އެހެންވެއެވެ. ނަމާދަކީ ކާމިޔާބެވެ. ނަމާދު ދޫކޮށްލާފައި ހޯދޭނެ އެހެން ކާމިޔާބެއް ނެތެވެ. ޙަޤީޤީ ކާމިޔާބީއަކީ ނަމާދެވެ.