ރިވެތި އަޚްލާޤަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މާތްވެގެންވާ އެއް އަޅުކަމެކެވެ.[1] ވަރަށް ގިނަމީހުންނަށް މިކަން ނޭނގެއެވެ.
އިބްނު ރަޖަބު ވިދާޅުވިއެވެ.
“ވަރަށް ގިނަމީހުންނަށް ހީވެފައި އޮންނަނީ ތަޤްވާވެރިވުމަކީ ހަމައެކަނި ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުންކަމުގައެވެ. އަދި އަޅުތަކުންގެ ޙައްޤު އޭގައި ނުހިމެނޭ ކަމުގައެވެ.”[2]
އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.
سُئِلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الجَنَّةَ، فَقَالَ: «تَقْوَى اللَّهِ وَحُسْنُ الخُلُقِ»، وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ، فَقَالَ: «الفَمُ وَالفَرْجُ». [رواه الترمذي وقال الألباني حسن الإسناد]
“އެންމެ ގިނަ މީހުން ސުވަރުގެއަށް ވެއްދޭ ސަބަބާމެދު ﷲ ގެ ރަސޫލާ ﷺ އާ ސުވާލުދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “ﷲ އަށް ތަޤުވާވެރިވުމާއި ރިވެތި އަޚްލާޤެވެ.” އަދި އެންމެ ގިނަ މީހުން ނަރަކައަށް ވެއްދޭ ސަބަބާމެދު ސުވާލުދެންނެވުމުން ފަހެ ޙަދީޘްކުރެއްވިއެވެ. “ދުލާއި ފަރުޖެވެ. (އެބަހީ: ލަދުވެތި ގުނަވަނެވެ.)”
ރިވެތި އަޚްލާޤާ ނުލައި އަޅާގެ އީމާންކަން ފުރިހަމަ ނުވާނެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«أَكْمَلُ المُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لِنِسَائِهِمْ» [رواه الترمذي وقال الألباني حسن صحيح]
“އީމާންކަން އެންމެ ފުރިހަމަ މުއުމިނުންނަކީ އެންމެ ޚުލްޤު ހެޔޮ މީހުންނެވެ. އަދި ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހުންނީ، ތިޔަބައިމީހުންގެ އަނބީންނަށް އެންމެ ހެޔޮ މީހުންނެވެ.”
އީމާންކަމާއި ރިވެތި އަޚްލާޤުގެ އަހުލުވެރިން ވާހުށީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުގައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا، وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ» [رواه أبو داود وحسنه الألباني]
މާނައީ: “ޙައްޤުގެ މަތީގައި ހުއްޓަސް އަރައިރުންވުން ދޫކޮށްލާ މީހަކަށް، ސުވަރުގޭގެ އައްސޭރިން ގަނޑުވަރެއް ލިބޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ. އަދި މަޖަލަކަށްވިޔަސް ދޮގު ހެދުން ދޫކޮށްލައިފި މީހަކަށް، ސުވަރުގޭގެ މެދުން ގަނޑުވަރެއް ލިބޭނެކަމަށްވެސްމެއެވެ. އަދި އެމީހެއްގެ ޚުލުޤު ހެޔޮކޮށްފި މީހަކަށް، ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނެކަމަށްވެސްމެއެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] އަޅުކަމުގެ ތަޢުރީފާ ބެހޭގޮތުން ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. “އަޅުކަމަކީ: ސިއްރާއި ފާޅުގައި ކުރާ ޢަމަލުތަކާއި ބުނާ ބަސްތަކުގެ ތެރެއިން ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ އެންމެހާ ކަމެއް ޝާމިލުވެގެންވާ ލަފްޒެކެވެ.”
[2] جامع العلوم والحكم (1/454)